ކ. މާލެ
|
17 ޖޫން 2018 | އާދީއްތަ 08:24
އަމީތު ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި: ޕީޕީއެމް ދޫކުރައްވާ ނުކުންނެވުމުން ވަނީ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައި
އަމީތު ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި: ޕީޕީއެމް ދޫކުރައްވާ ނުކުންނެވުމުން ވަނީ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައި
ރާއްޖެއެމްވީ
ފަލަ ސުރުޚީ
ބޭއިންސާފު ޝަރީއަތްތަކުގެ ވާހަކަ ނުދައްކައި ތިބެވޭކަށް ނެތް: އަމީތު
ޤާނޫނީ ވަކީލެއްގެ ފުރުސަތެއްވެސް ނުދެއްވި
27 ވަނަ ވިލޭރޭގެ ރޭއަޅުކަމަށް ފުރުސަތެއް ނުދެއްވި
ރައީސް މައުމޫނަށް ޝަރީއަތްކުރީ ބޭއިންސާފުން ކަމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް ގަބޫލްކުރޭ

ރާއްޖޭގައި ބޭއިންސާފު ޝަރީއަތްތައް ކުރެވެމުންދާ ކަމަށާއި އެޝަރީއަތްތަކުގެ ވާހަކަ ނުދައްކާ ތިބެވެން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ހޮނިހިރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދަށް ހިންގި ޝަރީއަތައް އިޝާރާތް ކުރައްވައި އަމީތު ވިދާޅުވީ އެޝަރީއަތަކީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށެވެ.

އެބޭފުޅުންނަށް ކުރެވުނު ޝަރީއަތްތައް އަޑުއެހުމަށް ކްރިމިނަލް ކޯޓަށް ވަޑައިގެންނެވި ބޭފުޅެއްގެ ހައިސިއްޔަތުން އަމީތު ވިދާޅުވީ 30 އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ މައުމޫނުގެ މައްޗަށް އިއްވުނު ހުކުމަކީ ކަނޑައެޅިގެން ބޭއިންސާފު ހުކުމެއް ކަމަށާއި އެއީ އިންސާފަށް ކުރި ޖެއްސުމެއް ކަމަށެވެ. އަދި އެއީ ރައީސް މައުމޫންގެ ސިޔާސީ ޙަޔާތް ނިމުމަކަށް ގެނެވޭނެކަމުގެ އުއްމީދުގައި ކުރެވިފައި އޮތް ނާއިންސާފު ހުކުމެއް ކަމަށް އަމީތު ވިދާޅުވިއެވެ.

އެ ހުކުމް ކުރެވުނު ދުވަހަކީ ދިވެހިރާއްޖޭގެ ޙަޔާތުގައި ކަޅު ދުވަހެއްކަން ފާހަގަ ކުރައްވަމުން އަމީތު ވިދާޅުވީ ރާއްޖެއަށް އެހާ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށް ބޭއިންސާފުން އެފަދަ ހުކުމެއް ކުރުމަކީ ދިވެހިން އުއްމީދުކުރި ކަމެއް ނޫންކަމަށާއި އެފަދަ ހުކުމެއް ކުރަން ދިވެހިން ނޭދޭނެ ކަމަށެވެ.

އެހެން ޝަރީއަތްތަކުގައިވެސް ބޭއިންސާފް ކަންކަން ހިނގާފައިވާ ކަމަށް ވިދާޅުވަމުން އަމީތު ވިދާޅުވީ ރައީސް މައުމޫންގެ މައްޗަށް ކުރެވުނު ޝަރީޢަތުގައި ލަދުގަންނަންޖެހޭ ކަންކަން އެބަހުރިކަމަށެވެ.

އަމީތު ވިދާޅުވީ އެޝަރީއަތް ކުރެއްވި ފަނޑިޔާރު ރޯދަމަހުގެ ފަހު ދިހައިގައި އުމުރާއަށް ވަޑައިގެން އުމުރާ ދަތުރު ކުރުކޮށްލައްވައި ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ ކުރިއަށް އޮއްވައި މާލެ ވަޑައިގަނެ، ޝަރީއަތް ތާވަލު ކުރެއްވުމުންވެސް ސުވާލު އުފެދޭ ކަމަށެވެ.

ޝަރީއަތް ފެށުމުގެ ކުރިން ރައީސް މައުމޫނު ފުރުސަތެއް ހޯއްދެވި ކަމަށާއި ކީރިތި ޤުރުއާނާއި ރަސޫލާގެ ޙަދީޘްތައް ވިދާޅުވެ އެރޭގެ ޝަރީއަތް ކެންސަލް ކުރައްވައި 27 ވަނަ ވިލޭރޭގެ ރޭއަޅުކަން ކުރެއްވުމަށް ފުރުސަތެއް ދެއްވުމަށް އެދިވަޑައިގެންނެވިކަމަށް އަމީތު ވިދާޅުވި އެވެ.
"ރައީސް މައުމޫން ވިދާޅުވި މިރޭ އެނބުރި ޖަލަށް ގޮސްގެންވެސް މިރޭގެ އަޅުކަން ކުރުމުގެ ފުރުސަތު ދެއްވުމޭ އެދިވަޑައިގަންނަވަނީ. އެސަބަބަށްޓަކައި މިރޭގެ ޝަރީއަތް މެދުކަނޑާލެއްވުމޭ ތިމަން މަނިކުފާނު އެދިވަޑައިގަންނަވަނީ. އެހެންނަމަވެސް އެހުރިހާ ވާހަކައެއް އަޑުއައްސަވާފައި ޖަވާބެއް ނުދެއްވާ ފަނޑިޔާރު ނިންމެވީ ޝަރީއަތް ކުރިއަށް ގެންދެވުމަށް" އޭނާ ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ ޤާނޫނީ ވަކީލަކާ ނުލައި ޝަރީއަތެއް ކުރިއަށް ގެންދިއުމަކީ ކަނޑައެޅިގެން ޤާނޫނުއަސާސީއާ ޚިލާފް ކަމެއް ކަމަށް އެރޭގެ ޝަރީއަތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި ކަމަށާއި ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު ޖަވާބު ދެއްވަން ބޭނުންފުޅުވާކަމަށް ވިދާޅުވި ކަމަށެވެ. އެހެންނަމަވެސް އެފުރުސަތު ނުދެއްވާ ޝަރީޢަތް ކުރިއަށް ގެންދެވިކަމަށް އަމީތު ވިދާޅުވިއެވެ.

ޤާނޫން އަސާސީގައި ހުރި ޙައްޤުތައް ނުދީ އަވަސް އަރުވާލައިގެން ޝަރީއަތްތައް އަވަހަށް ނިންމަން އުޅޭ ސަބަބެއް ނޭނގޭކަން ފާހަގަކުރައްވާ އަމީތު ވިދާޅުވީ އެފަދަ ޝަރީއަތްތަކުގެ ވާހަކަތައް ނުދައްކައި ނުތިބެވޭނެ ކަމަށެވެ. އެފަދަ ޝަރީއަތްތަކުގެ ވާހަކަ ނުދައްކައިފިނަމަ ކޮންމެ މީހަކާވެސް ބޭއިންސާފް ޝަރީއަތެއް އަރާ ހަމަކޮށްފާނެ ކަމަށްވެސް އަމީތު ވިދާޅުވިއެވެ.

"މި ބޭއިންސާފް އަޅުގަނޑުމެން ޤަބޫލެއް ނުކުރާނަން. މިޝަރީއަތްތަކުގެ ވާހަކަ ދައްކާނަން. މިގޮތަށް ކުރެވޭ ބޭއިންސާފް ޝަރީއަތްތަކުގެ ވާހަކަ ނުދައްކައިފިނަމަ އަޅުގަނޑުމެން ކޮންމެ މީހަކާވެސް މި ބޭއިންސާފް އަރައިހަމަކޮށްފާނެ" އަމީތު ވިދާޅުވިއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް