ގެފުޅު ވަށައިގެން ތަވާފު ކުރާ މަންޒަރަކީ އާއްމު މަންޒަރެކެވެ. އެތައް މިލިއަން މީހުންނެއް ކޮންމެ އަހަރަކު ގެފުޅު ވަށައިގެން ތަވާފު ކުރުން ފުރިހަމަ ކުރެއެވެ.
ގެފުޅު ވަށައިގެން ތަވާފު ކުރުމުގެ ވާހަކައަކީ އާއްމު ވާހަކައެއް ކަމަށް ވިޔަސް މީހަކު ފަތާފައި ތަވާފު ކޮށްފިއޭ ބުނުމުން އެއީ ސިއްސައިގެންދާ ވަރުގެ ވާހަކައެކެވެ.
މީގެ ގާތްގަނޑަކަށް 77 އަހަރު ކުރިން ބަހްރެއިންގެ އަލީ އަލް-އަވާދީ ވަނީ ފަތާފައި ތަވާފް ކޮށްފައެވެ. އަދި އެގޮތައް ފަތާފައި ތަވާފް ކުރަނިކޮށް ނަގާފައިވާ ފޮޓޯ އެއް އާއްމު ވުމާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ލިބި ވަރަށް މަޝްހޫރުކަން ވެސް އޭނާ އަށް ލިބުނެވެ.
އެ ހާދިސާ ހިނގީ 1941 ވަނަ އަހަރުއެވެ.
އެ ފަހަރު ފެން ބޮޑުވިއިރު ގެފުޅުގެ ވަށައިގެން ދޮޅު މީޓަރަށް ފެންގަނޑު އުފުލުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަލް-އަވާދީ މިހާރު ދުނިޔެއަކު ނެތެވެ. އެނާ ނިޔާވީ އުމުރުން 86 އަހަރުގައި 2015 ގައަވެ.
އަލް-އަވާދީގެ މި އާދަޔާ ޚިލާފު ތަވާފްގެ ވާހަކަތައް އެކި އިންޓަވިއު ތަކުގައި ކިޔައިދީފައި އެބަހުއްޓެވެ. އޭނާ ބުނެފައިވަނީ، އޭނާ މައްކާގައި އެދުވަސްވަރު ހުރީ ކިޔަވާ ކުއްޖެއްގެ ގޮތުގައެވެ. އޭރު އޭނާގެ އުމުރަކީ 12 އަހަރެވެ. ފަތާފައި ތަވާފު ކުރި ހާދިސާ ކިޔައިދެމުން އޭނާ ބުނީ އެއީ ހުއްޓާ ނުލާ ބޯކޮށް މައްކާއަށް ވާރޭވެހުނު ހަފްތާއެއް ކަމަށެވެ.
ހުއްޓާނުލާ ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ވަމުންދާ ގޮތް ބަލާ ލުމުގެ ޝައުގުގައި އަލް-އަވާދީ އާއި އޭނާގެ މުދައްރިސަކާއި، ބޭބެއަކާއި ދެ ރަހުމަތްތެރިންނާ އެކު ގެފުޅަށް ޒިޔާރަތް ކުރިއެވެ. އެމީހުން ގެފުޅާ ހަމައަށް ދިޔަ އިރު ފެނުނީ މުޅި ސަރަހައްދު ފެނު އަޑީގައި އޮތް މަންޒަރެވެ. އާއްމު ގޮތެއްގައިވެސް ފެތުމަށް ޝައުގު ވެރިކަން ހުންނަ އަލް-އަވާދީ ބޭނުންވީ ފަތާފައި ތަވާފު ކުރުމަށެވެ. އަލް-އަވާދީގެ ގުރޫޕްގައި ދިޔަ އެހެން ބައިވެރިންނަށްވެސް މިޚިޔާލު ކަމުދިޔަ ކަމަށް އޭނާ ބުންޏެވެ. އެކަމަކު ތަންކޮޅަކަށް ފަތާލުމަށްފަހު އެމީހުން ވަރުބަލިވެގެން ގެފުޅުގެ ދޮރުގެ އޮޅި މަތީގައި އީށީނީއެވެ. އަލް-އަވާދީ ފަތެމުމަށް ފުލުހުން ހުރަސް އަޅަން އުޅުނު ކަމަށާއި ފުލުހުން ހީކުރީ އެއީ ހަޖަރުލް އަސްވަދު ވަގައްނަގަން އުޅޭ ބައެއް ކަމަށް ވެސް އަލް-އަވާދީ ބުންޏެވެ. އަލް-އަވާދީ ކިޔައިދީފައިވާ ގޮތުގައި ފުލުހުންގެ އަމުރަށް ކިޔަމަން ނުވެ ފެތުން ކުރިއަށް ގެންދިއުމުން އޭނާގެ ގަޔަށް ބަޑިޖަހާފާނެ ކަމަށް ހިތައް އަރާ ބިރު ވެސް ގަތެވެ. ނަމަވެސް އޭނާ ބުނީ ފަހުން އެނގުނު ގޮތުގައި އެތަނުގައި ތިބި ފުލުހުންގެ އަތުގައި ހުރި ފިސްތޯލައިގައި ވަޒަނެއް ނެތެވެ.
ގެފުޅު ވަށައިގެން ފަތާފައި ތަވާފު ކުރަނިކޮށް ނަގާފައިވާ ފޮޓޯ އަކީ މައްކާގެ ސުވެނިއަރ ފިހާރަ ތަކުގައިވެސް ހުންނަކަން ފާހަގަ ކުރެވޭ ފޮޓޯއެކެވެ. އަދި މައްކާއާ ބެހޭ ގޮތުން ލިޔެފައުވާ ބައެއް ފޮތްތަކުގައިވެސް މި ފޮޓޯ ހިމެނިފައިވާކަން ފާހަގަ ކުރެވެއެވެ.
ގެފުޅު ވަށައިގެން ފަތާފައި ތަވާފު ކުރި ފުރަތަމަ ބޭކަލަކީ ރަސޫލާގެ ސަހާބީ އެއް ކަމުގައިވާ އަބްދު ﷲ އަލް-ޒުބައިރު ކަމަށް ރަސޫލާގެ ހަޔާތްޕުޅާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެއްގައި ވާކަމަށް އަލް އަރަބިއްޔާ ނޫހުގައިވާ ރިޕޯޓެއްގައި ވެއެވެ.
މައްކާގައި ފެންބޮޑުވުމުގެ އެތައް ހާދިސާ އެއް ހިނގި ކަމަށް ރެކޯޑް ކުރެވިފައި ވީ ނަމަވެސް ފަތާފައި ތަވާފް ކުރެވޭ ވަރަށް އެންމެ ދެ ފަހަރަކު ނޫނީ ފެންގަނޑު އުފުލިގެން ދިޔަ ކަމެއް ތާރީޚީ އިލްމުވެރިންނަށް ހޯދިފައެއް ނެތެވެ. ތާރީޚީ އިލްމްވެރިންނާ ހަވާލާދީ އަލް އަރަބިއްޔާގައި ބުނެފައިވަނީ ފަތާފާއި އުޅެވޭ ވަރަށް ފެން ބޮޑުވި ކަމަށް ރެކޯޑް ކުރެވިފައިވަނީ ރަސޫލާގެ ޒަމާނުގައި ހިނގި ޙާދިސާއެއްގެ އިތުރުން މީގެ 77 އަހަރު ކުރިން ހިނގި ފެންބޮޑުވި ހާދިސާއާ އެކު ޖުމްލަ ދެ ހާދިސާއެއް ކަމަށެވެ.