ކ. މާލެ
|
16 ޖޫން 2018 | ހޮނިހިރު 13:42
ޖުމްހޫރީ ޕާޓީގެ އިސްވެރިން
ޖުމްހޫރީ ޕާޓީގެ އިސްވެރިން
ރާއްޖެއެމްވީ
ޖުމްހޫރީ ޕާޓީ
ޕެރަޑައިސް ރިސޯޓްގައި ބާއްވާ ކޮންގްރެސްގައި 400 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ: ޖޭޕީ
ކޮންގްރެސްގައި 30 މަގާމަށް މީހުން އިންތިހާބު ކުރުން އޮންނާނެ
ކްނގްރެސްގެ މައިގަނޑު މަސައްކަތްތައް ފެށޭނީ ހުކުރު ދުވަހުގެ މެންދުރު ފަހު
އެޕާޓީން ވަނީ ރިޔާސީ ޕްރައިމަރީއަކުން ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް ނިންމާފައި

އަންނަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު، ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި 400 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ ޖަގަހަ މ. ކުނޫޒުގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ މާލޭގައި ކޮންގްރެސް ބޭއްވުމަށް ތަނެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުން ޕެރަޑައިސް ރިސޯޓްގައި ބާއްވާ ކޮންގްރެސްގައި 400 އެއްހާ މެމްބަރުން ބައިވެރިވި ނަމަވެސް ޖާގައިގެ ދަތިކަމާ ހުރެ އެ އަށް ވުރެ އިތުރުކުރެވެން ނެތް ކަމަށެވެ. 

ސަމީރު ވިދާޅުވީ ކޮންގްރެސްގެ ބައިވެރިން ޕެރަޑައިސް ރިސޯޓަށް ދިއުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ މެންދުރު ފަހުން ފެށިގެން ކޮންގްރެސްގެ މަސައްކަތް ފެށި، ބުރާސްފަތި ދުވަހުގެ ރޭ ހާއްސަ ބައްދަލުވުމެއް ބޭއްވޭނެ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

ނަމަވެސް ސަމީރު ވިދާޅުވީ ކޮންރެސްގެ މައިގަނޑު މަސައްކަތްތައް ދާނީ ހުކުރު ދުވަހުގެ މެންދުރު ފަހުން ފެށިގެން ކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރާއި ޑެޕިއުޓީ ލީޑަރުންނާއި ގޮފިތަކުގެ ރައީސުންނާއި ހިންގާ ކޮމެޓީތަކަށް މެމްބަރުން އިންތިހާބު ކުރުން އޮންނާނެ ކަމަށާއި އެގޮތުން ސިއްރު ވޯޓަކުން 30 މަގާމަކަށް މީހުން އިންތިހާބު ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

ރިޔާސީ ޕްރައިމަރީއަކުން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައަޅާ ގޮތަށް ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހުކުރުމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީން ދާދިފަހުން ވަނީ ނިންމާފައެވެ.

އެގޮތަށް ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހުކުރުމަށް ތިން ވަނަ ކޮންގްރެސްއަށް ހުށައެޅުމަށްޓަކައި އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީގެ 115 ވަނަ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ ކޮމެޓީގެ އަގުލަބިއްޔަތުންނެވެ. އަދި އައު އަސާސީ ގަވާއިދުގެ ދަށުން މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ނައިފަރުު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މުހައްމަދު ވިދާޅުވި ގޮތުގައި ޖޭޕީގެ އަސާސީ ގަވާއިދު އިސްލާހުކުރަނީ މި ޒަމާނަށް ފެތޭ ގޮތަށެވެ. އަދި އިސްލާހުކުރެވުނު އަސާސީ ގަވާއިދަކީ އެހެން ޕާޓީތަކުގެ އަސާސީ ގަވާއިދަށް ވުރެ ވެސް ފުރިހަމަ ގަވާއިދަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވި ގޮތުގައި މީގެ ކުރިން ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ރިޔާސީ ޓިކެޓް ލިބެނީ ޕާޓީގެ ލީޑަރަކަށް ހުންނަވާ ބޭފުޅަކަށް ކަމަށެވެ. ނަމަވެސް ގެނެވުނު އިސްލާހާ އެކު ޕާޓީގެ ޕްރައިމަރީއަކުން ނޫން ގޮތަށް ރިޔާސީ ޓިކެޓް ނުލިބޭނެ ކަމަށް އަހުމަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވެފައި ވަނީ އަސާސީ ގަވާއިދަށް ގެނެވުނު އިސްލާހުގެ މައިގަނޑު ބޭނުމަކީ ގިނަ ބަޔަކަށް ފުރުސަތު ދިނުން ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް