ކ. މާލެ
|
14 ޖޫން 2018 | ބުރާސްފަތި 11:38
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް ޔާމީންއާ ބައްދަލުކުރައްވަނީ
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް ޔާމީންއާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ދިވެހިރާއްޖެ - އިންޑިއާ
ރައީސް މައުމޫންގެ ޝަރީއަތް އިންސާފުވެރިއެއް ނޫން، ރިޔާސީ އިންތިޚާބާ މެދު ސުވާލު އުފެދޭ: އިންޑިއާ
ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރަށް އިންސާފުވެރި ޝަރީޢަތެއް ލިއްބައިދީފައެއް ނުވޭ
ސަރުކާރުގެ އިޚުލާސްތެރިކަމާ މެދު ސުވާލު އުފެދޭ
ރިޔާސީ އިންތިޚާބުގެ ސައްޚަ ކަމާ މެދު ސުވާލު އުފެދޭ

އަދުލު އިންސާފު ޤާއިމު ކުރަން ހުރަސް އެޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު ޢަބްދުލްޤައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ދިގު މުއްދަތަކަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ ބޭއިންސާފު ޝަރީޢަތަކުން ކަމަށް އިންޑިއާ އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ޙުކުމް ކުރީ އިންސާފުވެރި ޝަރީޢަތެއް ލިބިނުދީ ކަމަށާއި، އެހެންކަމުން، ޤާނޫނު ނެގެހެއްޓުމުގައި ދިވެހި ސަރުކާރުގެ ކިބައިގައި ހުރި އިޚުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

މިކަން މިހެން ހުރުމުން، މިއަހަރުގެ ސެޕްޓެމްބަރ މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާއި އެ އިންތިޚާބަށް ތައްޔާރުވުމަށް ކުރަމުންދާ މަސައްކަތުގެ ޖުމްލަ ސައްޚަ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އިންޑިއާ އިން ވަނީ ބުނެފައެވެ.

އިންޑިއާގެ ބަޔާނުގައި ބުނެފައިވަނީ އަބަދުވެސް އިންޑިއާއިން ބާރުއަޅަމުން ދިޔައީ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލިސްވެސް ހިމެނޭގޮތަށް މިނިވަން ހުރިހާ ބާރުތަކާއި މުއައްސަސާތައް މިނިވަންކަމާއިއެކު މަސައްކަތް ކުރުމުގެ ފުރުޞަތުދީ، އެކަށޭނަ ގޮތެއްގައި ސިޔާސީ ޕާޓީތަކަށް ހަރަކާތްތެރި ވުމުގެ ޖާގަ ދިނުމަށެވެ. އަދި މިއީ ބައިނަލްއަޤުވާމީ ދުނިޔޭގެވެސް ގޮވާލުންކަން އިންޑިއާއިން ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާއިން ޤަބޫލުކުރަނީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ އާއި ހަމަޖެހުމަކީ މި ސަރަޙައްދުގެ ހުރިހާ ޤައުމަކަށްވެސް މުހިއްމު ކަމެއް ކަމަށާއި، ރާއްޖޭގެ އިންތިޚާބީ އަދި ސިޔާސީ ނިޒާމަށް އޮތް އިތުބާރު އަލުން ޤާއިމް ކުރުމަށް، ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ހުރިހާ ސިޔާސީ ހައްޔަރީން މިނިވަންކޮށް، ހުރިހާ ޕާޓީތަކަށް ވާދަކުރެވޭ ރިޔާސީ އިންތިޚާބަކަށް ޖާގަ ދިނުން މުހިއްމު ކަމަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް