އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ކެމްޕެއިން އިފްތިތާޙްކުރުމުގެ ގޮތުން ބާއްވަން ނިންމި ޖަލްސާ ބުރާސްފަތި ދުވަހުގެ ރެއަށް ފަސްކޮށްފިއެވެ.
އެމްޑީޕީން ބުނީ އެ ޖަލްސާ ފަސް ކުރީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވާފައިވާ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. ރައީސް ނަޝީދު އެގޮތަށް އެދިވަޑައިގެންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން ކަމަށް އެމްޑީޕީން ބުންޏެވެ.
ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަރު މުހައްމަދު އަސްލަމް ރާއްޖެއެމްވީ އަށް ވިދާޅުވީ މިއަދަކީ ހިތާމަވެރި ދުވަހެއް ކަމަށެވެ. ކެމްޕެއިން ޖަލްސާތައް މާދަމާ ރެއަށް ފަސްކުރީ އެކަމުގެ ހިތާމައިގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ކެމްޕެއިން އިފްތިތާހު ކުރުމަށް ހަމަޖެހިފައި އޮތީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެއް ވަގުތެއްގައި ކުރިއަށް ގެންދާ ގޮތަށެވެ.
އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ލޯންޗު ކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ބުދަ ދުވަހުގެ ހަވީރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޒުވާނުންނާއި ދޮށީ އުމުރުގެ މީހުން ބައިވެރިކޮށްގެން، ގަސް އިންދުމާއި މަސް ބޭނުމާއި ބޮޑު ޖަމާއަތުގައި ރޯދަ ވީއްލުން ފަދަ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
ނަމަވެސް އެ ހަރަކާތްތައް މަޑު ޖައްސާލުމަށް ފަހު، ކެމްޕެއިން އިންތިތާހު ކުރުމުގެ ހަރަކާތްތައް މެދުކަނޑާލީ ރައީސް މައުމޫންގެ މައްޗަށް ކުއްލި ގޮތަށް މިއަދު، ދޮޅު އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އިއްވުމާ ގުޅިގެންނެވެ.
ރައީސް މައުމޫން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެމަނިކުފާނުގެ މައްޗަށް އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެންނެވެ. އެ ދައުވާ ސާބިތު ކުރީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭ ރައީސް މައުމުން ހައްޔަރުކޮށް، އެމަނިކުފާނުގެ ފޯނު ދިނުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރި މައްސަލާގައެވެ.