ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ ޖުލައިމަހުގެ 15 ވަނަ ދުވަހު ހުޅުވާލާއިރު ރާއްޖޭގެ އިސްލާހީ ހަރަކާތްތަކާ ފެޔަށް ވަޑައިނުގެންނެވުނު ދެ ބޭފުޅުންގެ ތެރެއިން ގުޅިފައިވާ ޕާޓީތަކުން ނެރޭނެ ކެނޑިޑޭޓެއްގެ ގޮތުގައި ފެންނާނެ މޫނަކާ މެދު އެންމެން ވެސް ތިބީ ސުވާލު އުފައްދައިގެންނެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރ މުހައްމަދު ނަޝީދާއި އެމްޑީޕީ ޕާލަމެންޓަރީ ގުރޫޕްގެ ލީޑަރ އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ)އާއި ދެބޭފުޅުންނަށް ބަލާއިރު ދެ ބޭފުޅުންނަކީ ވެސް ގާބިލް ދެބޭފުޅުންނެވެ.
ސުވާލަކީ މިފަހަރު ރިޔާސީ އިންތިޚާބުން ފެންނާނެ ކެނޑިޑޭޓަކީ ނަޝީދުތޯ ނުވަތަ އިބޫތޯއެވެ؟
ނަޝީދަށް ވަނީ އެމްޑީޕީން ޕްރައިމަރީއެއް ބާއްވައި ރިޔާސީ ޓިކެޓް ހަވާލުކުރައްވާފައެވެ. އެމަނިކުފާނު ވަނީ ޖަޒީރާ ރައީސްގެ ނަމުގައި ކެންޕެއިން ވެސް ފައްޓަވާފައެވެ. ނަޝީދަށް ކުރިމަތި ނުލެއްވޭނެ ކަމަށް ސަރުކާރުން ގަބޫލު ކުރާއިރު ނަޝީދު ގަބޫލު ކުރައްވާގޮތުގައި ރިޔާސީ އިންތިޚާބުގެ އެއް ނަމަކަށް އެމަނިކުފާނުގެ ނަންފުޅު އޮންނާނެއެވެ.
މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ނަޝީދުގެ މައްޗަށް ކޮށްފައި ވަނީ ނުބައި ދައުވާއެއް ކަމަށާއި އެއީ ނުބައި ދައުވާއެއްގެ މައްޗަށް ކޮށްފައި އޮތް ނުބައި ހުކުމެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ 1 ގައި މިހާރު ތިއްބެވި 3 ފަނޑިޔާރުން ވެސް ތިއްބެވި ގޮތަށް ނަޝީދަށާއި ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް އަމުރު ކޮށްފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމެއް ސުޕްރީމް ކޯޓުން ބާތިލް ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ވަރަށް ސަރީހަކޮށް ބުނެފައިވާ ކަމަށެވެ.
ހަމަހަމަ އުސޫލެއް ނެތްތަނެއްގައި ނަޝީދު ކުރިމަތި ލެއްވިޔަ ނުދޭނެ ކަމަށް އެންމެނަށް ވެސް އެނގޭ ކަމަށާއި ނަޝީދަށް ކުރިމަތި ލެއްވޭ އިންތިހާބެއް މިސަރުކާރުން ބާއްވަން ފަސްޖެހޭނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.
ދެން އޮތީ އިބޫގެ ނަމެވެ. ނަޝީދަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި ދެން މިސަރުކާރު ބަދަލުކުރަން އެންމެ ރަނގަޅު "ޗޮއިސް" އަކީ އިބޫ ކަމަށް ބުނެ އަޑުއުފުލަމުންދާ ފަރާތްތައް މަދެއް ނޫނެވެ. ސުއޫދު ވެސް ވިދާޅުވަނީ ނަޝީދަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި ތާއީދު ކުރައްވާނީ އިބޫއަށް ކަމަށެވެ.
މިސަރުކާރުގެ ބައެއް ބޭފުޅުން ވެސް އިބޫއަކީ "ރަނގަޅު ޗޮއިސް"އެއް ކަމަށް ގަބޫލުކުރެއެވެ. އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޓިކެޓް އެންމެ ހައްގީ އިބޫއަށް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އިދިކޮޅު ކޯލިޝަނުގައި ތިއްބެވި ބޭފުޅުންނާ އެމްޑީޕީގެ އެންމެހާ ފަރާތްތަކާއިއެކު ގާތުން މަސައްކަތް ކުރައްވާ އިބޫ ވަނީ ތަފާތު ލީޑަރުންގެ އިތުބާރު ހޯއްދަވާފައެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތެއްގައި ގުޅިފައިވާ ކެންޑިޑޭޓެއްގެ ގޮތުގައި އިބޫ ނެރެން ތާއީދު ކުރައްވާ ކަމަށެވެ.ސަބަބެއްގެ ގޮތުގައި މަހުލޫފު ވިދާޅުވީ މިދިޔަ އަހަރުތަކުގައި އިދިކޮޅު ކޯލިޝަން އެކަތިގަނޑެއްގެ ގޮތުގައި ބަދަހިކޮށް ބޭއްވުމުގެ ބުރަ އަދި ރިސްކު ބޮޑު ކަންތައްތަކެއް އިބޫ ކުރައްވައި ތަފާތު ފިކުރުތަކުގެ ލީޑަރުންނާ އެކު ގާތުން މަސައްކަތް ކުރައްވާފައި ވާތީ އެވެ.
އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކީ ނަޝީދު ކަމަށް އެޕާޓީން ކަނޑައެޅިކަމުގައިވިޔަސް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބަލައި ނުގަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު އެމަނިކުފާނަށް ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ނަޝީދަށް އިއްވާފައި އޮތް ހުކުމުގެ ސަބަބުން ރިޔާސީ އިންތިޚާބުގައި ކުރިމަތި ލެއްވެން ނެތް ކަމަށް އެކިފަރާތްތަކުން ބުނާއިރު ސަރުކާރުން ވެސް ބުނަމުން ދަނީ ނަޝީދަށް އެފުރުސަތު ލިބިވަޑައިގެންފައި ނެތް ކަމަށެވެ.
އިބޫއާއި ނަޝީދަށް ބަލާއިރު ސިޔާސީ ހަރަކާތުގައި ޒަމާނުއްސުރެ ވެސް ދެބޭފުޅުން މަސައްކަތް ކުރައްވަނީ އެކުއެކީގައެވެ. މިހާތަނަށް އެމްޑީޕީން ހިންގާފައިވާ ސިޔާސީ ކަންކަމުގައިވެސް އަދި އެހެނިހެން ކަންތައްތަކުގައިވެސް ނަޝީދުގެ އެންމެ އަރިސް ބޭފުޅަކީ އިބޫއެވެ. މީގެ އިތުރުން ނަޝީދު ބަންދު ކުރެވޭ ކޮންމެ ފަހަރަކު ނަޝީދު މިނިވަން ކުރުމަށް ހިނގާ އެތައް މަރުހަލާއެއްގައި އިބޫ މަސައްކަތް ކުރައްވައިފައި ހުރީ ނަޝީދުގެ އިތުބާރު ލިބިވަޑައިގެންފައިވުމުންނެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖީހާއި 2015 ގެ ފަހުން މި ސަރުކާރު ހަމަމަގަށް އަޅުވަން އިދިކޮޅުފަރާތްތަކުން ކުރި ކޮންމެ ކަމެއްގައި ތަފާތު ފިކުރުގެ އެންމެންނާ އެކު އިބޫ ހުންނެވީ އެންމެ ކުރީސަފުގައި ލީޑް ކުރައްވާށެވެ.
އިންތިޚާބުގައި ވާދަކުރާ ފަރާތްތަކަށް ކުރިމަތިލުމަށް ދެން އޮތީ މަހެއްހާ ދުވަހެވެ. އިބޫ މިހާތަނަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައެއް ނުވެއެވެ. އިންތިޚާބުގައި ނަޝީދަށް ބައިވެރިވެ ވަޑައިނުގެންނެވޭނަމަ އިބޫއަށް ތާއީދު ކުރައްވާނެ ކަމަށް އެކިފަރާތްތަކުން ބުނާ ވާހަކަތަކަށް އެއްވެސް ޖަވާބެއް ނުދެއްވާ އިބޫ ހުންނެވީ ހިމޭނުންނެވެ. ޔަގީންވާ ކަމަކީ މި ދެބޭފުޅުން އެކުގައި މިހާތަނަށް ކުރެއްވި ކޮންމެ ކަމަކަށް ރައްޔިތުންގެ އިތުބާރު އޮތް ކަމެވެ.