މާލެއިން ފުރައިގެން ދ.މީދޫއަށް ދަތުރުކުރި "ގެލެކްސީ" ނަމަކަށް ކިޔާ ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއް ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރި ވެއްޖެއެވެ
އެމްއެންޑީއެފުން ބުނީ މާލެ އަތޮޅު އިތާފުށީގެ އިރު ދެކުނުން 1.5 ނޯޓިކަލް މޭލުގައި އޮންނަ ފަރަކަށް މި އޮޑި އެރިކަމުގެ މަޢުލޫމާތު އަންގާރަ ދުވަހުގެރޭ ފަތިހު 04:15 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް ޑައިވަރުންނާއެކު ހަރަކާތްތެރިވާން ފަށާފައި ކަމަށެވެ.
އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ކެޕްޓަމް އިބްރާހީމް އާޒިމް ރާއްޖެ އެމްވީއަށް ވިދާޅުވީ އެ ދޯނި ފަރަށް އެރުމާ ގުޅިގެން ދޯނީގެ ހަލްގަނޑަށް ގެއްލުން ލިބި ދިޔަ ވަމުންދާތީ ދޯނީގައި ހުރި މުދާ ހުސްކުރުމަށްޓަކައި ދޯނީގެ ވެރިފަރާތުން ހަމަޖެއްސެވި އިތުރު ދޯންޏެއް ގެލެކްސީ ދޯނި އޮތް ސަރަޙައްދަށް ގޮސް މުދާ ހުސްކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ވެރިފަރާތުން ފޮނުވި ދޯނީގެ އެހީތެރިކަމާއެކު ބުދަ ދުވަހު ހެނދުނު 9:45 ގައި އެދޯނި ފުންކުރެވިފައިވާ ކަމަށެވެ.
މި ހާދިސާ ހިނގި އިރު ދޯނީގައި 6 މީހުން ތިއްބެވެ. އޭގެ ތެރޭގައި 2 ދިވެހިންނާއި 4 ބިދޭސީން ހިމެނޭއިރު، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.