ކ. މާލެ
|
13 ޖޫން 2018 | ބުދަ 09:22
ޝަރީއަތަށްފަހު އުއްތަމަފަނޑިޔާރު ފުލުހުންގެ އުޅަނދަކަށް އަރުވައިގެން ދޫނިދޫއަށް ގެންދަނީ
ޝަރީއަތަށްފަހު އުއްތަމަފަނޑިޔާރު ފުލުހުންގެ އުޅަނދަކަށް އަރުވައިގެން ދޫނިދޫއަށް ގެންދަނީ
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓު
ދެ ފަނޑިޔާރުންނަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި
ޖެމްސްގެ މައްސަލަ އިސްތިއުނާފެއް ނުކުރޭ
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރަންޖެހޭނެ

ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމުގެ ކުށް ސާބިތުވެ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖަލަށްލުމަށް ދަށު ކޯޓުން ހުކުމްކޮށް، ހައި ކޯޓުން ތާއިދުކޮށްފައިވާތީ، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

އެ ދެ ބޭފުޅުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އަދަބު ލުއިކޮށް، ހައި ކޯޓުން ހުކުމްކޮށްފައި ވަނީ އުއްތަމަފަނޑިޔާރާއި އަލީ ހަމީދު އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށެވެ.

ހައި ކޯޓުން ކުރި އެ ހުކުމަށް ސުޕްރީމް ކޯޓުން ތާއިދުކޮށްފިނަމަ، ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރުންގެ މަގާމު ހުސްވާނެއެވެ. އަދި އުއްތަމަފަނޑިޔާރު މަގާމު ހުސްވެގެންދާނެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ދެ ފަނޑިޔާރުންގެ މައްޗަށް ހައި ކޯޓުން ވަކިވަކިން ކުރި ދެ ހުކުމްގައި ބުނެފައި ވަނީ އުއްތަމަފަނޑިޔާރުގެ މަގާމުގައި ހުންނަވައިގެން އަބްދުﷲ ސައީދު 2016 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހާ ހަމައަށް ދަށު ކޯޓުގެ ގާޒީންނަށް ގުޅައި، ވަކި ކަންތައްތަކެއް ކުރުމަށް އަންގައި، ނުފޫޒު ފޯރުވި ކަމަށެވެ. ފަނޑިޔާރު އަލީ ހަމީދު ވެސް ދަށު ކޯޓުގެ ގާޒީންނަށް ގުޅައި ވަކި ގޮތަކަށް ހުކުމްތައް ނެރުމަށާއި ހުކުމްތައް ބަދަލު ވެސް ކޮށްފައިވާ ކަމަށް ހައި ކޯޓުގެ ހުކުމްގައިވެއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ދަށު ކޯޓުން ކުށް ސާބިތުކޮށްފައި ވަނީ ދެ ގާޒީއަކު ދެއްވި ހެކި ބަހަކަށް ރިޔާއަތްކޮށެވެ. ޝަރީއަތްތަކާ ގުޅިގެން ލީކުވެފައިވާ ބަޔާންތަކުން އެނގޭ ގޮތުގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާ ދެކޮޅަށް ހެކިބަސް ދިނީ ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފާއި ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމެވެ.

ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމުގެ ކުށް ދެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވެފައިވާއިރު، އުއްތަމަ ފަނޑިޔާރުގެ މައްޗަށް އިތުރު ޖަލު ހުކުމެއް އައިސްފައިވެއެވެ. އެއީ އެމަނިކުފާނު މަގާމުގައި ހުންނަވައިގެން ސުޕްރީމް ކޯޓު ހިންގެވިއިރު، އެ ކޯޓަށް ރައީސް އޮފީހުން ހުށަހަޅަން ބޭނުންވި ލިޔުންތައް ހުށަނޭޅޭ ގޮތަށް އެ ކޯޓުގެ ގަވާމެންޓް އީލެޓާ މެނޭޖުމަންޓް ސިސްޓަމް (ޖެމްސް)ގެ ހިދުމަތް މެދުކަނޑާލަން އުއްތަމަފަނޑިޔާރު އެންގެވި ކަމަށް ބުނާ މައްސަލައިގެ ކުށް ސާބިތުވުމުންނެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި އުއްތަމަ ފަނޑިޔާރު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށެވެ. ހައި ކޯޓުން ކޮށްފައިވާ އެ ހުކުމް ސުޕްރީމް ކޯޓުގައި އަދި އިސްތިއުނާފުކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް