މިއަހަރުގެ ފިތުރު އީދު ނަމާދު މާފަންނު ސްޓޭޑިއަމްގައި ކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރު ވެސް ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި (މާފަންނު ސްޓޭޑިއަމް)ގެ އިތުރަށް އިސްލާމީ މަރުކަޒުގައި ބޮޑު ޖަމާއަތުގައި އީދުނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މާފަންނު ސްޓޭޑިއަމްގައި ފިތުރު އީދު ނަމާދު ކުރުމަށްޓަކައި އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކަމާބެހޭ އިދާރާތަކާއި މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނި ބުނެފައެވެ. އަދި މިހަރަކާތް ހިންގުމަށް އިސްލާމިކް މިނިސްޓްރީއާއެކު ދީނީ އެކި ޖަމިއްޔާތަކާއި، ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނިތަކުން ބައިވެރިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ވިލިމާލޭގައި ބޮޑުޖަމާއަތުގައި އީދު ނަމާދު ކުރާނީ ބޯޅަދަނޑުގައެވެ. މީގެ އިތުރުން ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ ސެންޓްރަލް ޕާރކްގައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކޮށްފައިވަނީ 2012 ވަނަ އަހަރުގައެވެ.
މާފަންނު ސްޓޭޑިއަމްގައި އެފަހަރު ބޭއްވި އީދު ނަމާދުގައި ދައުލަތުގެ އިސް ބޭފުޅުންނާއި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި އެތައް ހާސް އާންމުން ބައިވެރިވިއެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.