ކ. މާލެ
|
12 ޖޫން 2018 | އަންގާރަ 05:15
ޖަމީލް އާއި އަންވަރު ބައްދަލުކުރެއްވުމުގެ ތެރެއިން
ޖަމީލް އާއި އަންވަރު ބައްދަލުކުރެއްވުމުގެ ތެރެއިން
ޓްވިޓަރ
އަންވަރު އިބްރާހިމް
ޑރ. ޖަމީލް މެލޭޝިއާގެ ވެރިކަންކުރާ ކޯލިޝަންގެ ލީޑަރު އަންވަރާއި ބައްދަލުކުރައްވައިފި
އިންތިޚާބުގެ މިނިވަންކަން ކަށަވަރުކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް އަންވަރު ވިދާޅުވި

އަމިއްލަފުޅަށް އަރުވާލެއްވިގެން އިނގެރޭސިވިލާތުގައި މިހާރު ދިރިއުޅުއްވާ މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް، ޑރ. މުޙައްމަދު ޖަމީލް އަޙުމަދު، މެލޭޝިއާގައި ވެރިކަންކުރާ ޕަކަޓަން ހަރަޕަން ކޯލިޝަންގެ ލީޑަރު އަންވަރު އިބްރާހިމް އާއި ބައްދަލުކުރައްވައިފިއެވެ.

ޑރ. ޖަމީލް، އަންވަރު އިބްރާހިމް އާއި ބައްދަލުކުރެއްވީ، މެލޭޝިއާގެ އާންމު އިންތިޚާބުގައި ޕަކަޓަން ހަރަޕަންއަށް ލިބުނު ކާމިޔާބަށްފަހު ޖަލުން މިނިވަން ވެވަޑައިގެން އަންވަރު އިބްރާހިމް މިހާރު އިނގެރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑިމޮކްރަސީގެ މަގަށް އަލުން އެނބުރި ދިއުމަށް ދިވެހިން ކުރަމުންދާ މަސައްކަތާއި، އެ މަސައްކަތުގައި ދިމާވާ ދަތިތައް އަންވަރު އިބްރާހިމް އާއި ހިއްސާ ކުރެއްވި ކަމަށެވެ.

ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ، ރާއްޖޭގެ ހާލަތު ބައްލަވަމުން ގެންދަވާ ކަމަށާއި، މި އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއްކަން ކަށަވަރު ކުރުމަށް ބާރުއަޅައި، އެކަމަށް އެހީވެވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން އަންވަރު އިބްރާހިމް ދެއްވި ކަމަށެވެ.

އަންވަރު އިބްރާހިމް ފަދަ ލީޑަރަކާއި އެކު މަސައްކަތްކުރުމަކީ ޑރ. ޖަމީލް މިހާރު ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީ އާއި އެ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހީމަށްވެސް ކުރިއަށް އޮތް ތަނުގައި ގިނަ ފައިދާތަކެއް ކުރާނެ ކަމެއްކަންވެސް ޑރ. ޖަމީލްގެ ޓްވީޓްގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖޭގެ ސިޔާސީ ކުރިމަގާއި ގުޅޭގޮތުން ޑރ. ޖަމީލް އާއި އަންވަރު އިބްރާހިމް މަޝްވަރާ ކުރެއްވިއިރު، މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބު މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ވެދާނެ ކަމާއިމެދު އިދިކޮޅު ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް