ކ. މާލެ
|
11 ޖޫން 2018 | ހޯމަ 23:51
ހުޅުމާލެ ދުވާ ޓްރެކްގެ ފޮޓޯއެއް
ހުޅުމާލެ ދުވާ ޓްރެކްގެ ފޮޓޯއެއް
މިހާރު
ހުޅުމާލޭގެ ދުޥާ ޓްރެކް
ހުޅުމާލޭގެ ދުވާ ޓްރެކް ބަންދު ކުރަނީ
އެތަން ފުރަތަމަވެސް ހުޅުވީ ޔޫތު މިނިސްޓްރީގެ މަޝްވަރާއަކާ ނުލާ
އެތަން މަރާމާތު ކުރަން ބަންދު ކުރަނީ: އާންމުންނަށް އެހެން ނޫނީ ނުރައްކާ ވެދާނެ

ހުޅުމާލޭގައި ބައިނަލް އަގްވާމީ ފެންވަރަށް އަޅައިފައިވާ ދުވާ ޓްރެކް ބަންދު ކުރަން ޔޫތް މިނިސްޓްރީން ނިންމައިފިއެވެ.

ޔޫތް މިނިސްޓްރީން ބުނީ އެތަން ބަންދު ކުރަން ނިންމީ ޓްރެކްގެ މަރާމާތު މަސައްކަތް އެއްކޮށް ނިމިފައި ނުވާތީ ކަމަށެވެ. އެގިފައިވާ ގޮތުގައި ސަތޭކަ ޕަސަންޓް ސަރުކާރު ހިއްސާވާ ކުންފުނި، އެޗްޑީސީން ސިންތެޓިކް 400 މީޓަރު ދިގުމިން ހުންނަ މި ޓްރެކް މިދިޔަ މަހު 27 ވަނަ ދުވަހު ޓުވިޓާރ މެދުވެރިކޮށް ހުޅުވިކަން އިއުލާން ކޮށްފައި ވަނީ ޔޫތް މިނިސްޓްރީގެ މަޝްވަރައަކާ ނުލާ ކަމުގައި އެމިނިސްޓްރީން ބުނެއެވެ. ނަމަވެސް މިތަން ހުޅުވުނު ކަން ހާމަކުރުމާއެކު ގިނަ ބަޔަކު އަންނަނީ އެތަން ބޭނުން ކުރަމުންނެވެ. މަޝްހޫރު ރެޑްބުލް އާއި ނައިކްގެ އެތުލީޓް އިވާނާ ސްޕަނޮވިޗްވެސް ވަނީ ރާއްޖެ އައިސް މި ޓްރެކްގައި ދުވެފައެވެ.

ޔޫތު މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ އެތަން ހަދާ ނުނިމެނީސް ބޭނުން ކުރުމުގެ ސަބަބުން އެ ސަރަހައްދުގެ ވިނަގަނޑަށްވެސް ވަރަށް ބޮޑެތި ގެއްލުން ވެފައިވާ ކަމަށާއި އެތަން މިވަގުތު ބޭނުން ކުރުމަކީ އެހާ ރަގަޅު ކަމެއްވެސް ނޫން ކަމަށެވެ. އެއީ އެތަނުގައި ޗޭންޖިންގް ރޫމް އާއި އެހެނިހެން ވަސީލަތްތައް ގާއިމްކޮށް، އިތުރު މަރާމާތުގެ މަސައްކަތްތައް ކުރިއަށް ދާތީ ކަމަށެވެ.

އެޗްޑީސީން އާއްމުންނަށް ޓްރެކް ހުޅުވާލީ އެތަން އާއްމުން ބޭނުން ކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލުމަށް ސްޕޯޓްސް ކައުންސިލާއި އެކު މިނިސްޓްރީން މަޝްވަރާ ކުރަމުން ދަނިކޮށް ކަމަށް ޔޫތު މިނިސްޓްރީން ބުނެފަވެއެވެ. އެއާއެކު ޔޫތު މިނިސްޓްރީން ބުނީ ހުޅުމާލޭ ދުވާ ޓްރެކް މި ވަގުތު ބަންދް ކުރަނީ ވަގުތީ ގޮތުން ކަމަށާއި އެތަން ބޭނުން ކުރާނެ ގޮތުގެ އުސޫލު އެކުލަވާލުމަށްފަހު އަންނަ އޮގަސްޓު މަހުގެ ތެރޭގައި އަލުން އެތަން އާއްމުންނަށް ހުޅުވާލާނެ ކަމަށެވެ.

ޔޫތު މިނިސްޓްރީން ބުނީ އެތަން ބަންދު ކުރާނީ ރޯދަ މަސް ނިމުމުން ކަމަށާއި އެއީ އާންމުނަށް ފަސޭހަ ކޮށްދޭންވެގެން ކަމަށެވެ. ސަރުކާރުން ހަ ލައްކަ ރުފިޔާ ހަރަދުކޮށްގެން އެޅި މި ޓްރެކްގެ މަސައްކަތް ކުރަނީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް