ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި ޙާދިސާގައި ހެކި ނައްތާލިކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 2016ވަނަ އަހަރު 2 އަހަރުގެ ޖޫން މަހު 2 އަހަރުގެ ޖަލު ހުކުމެއް އިއްވި ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) ގެ ހުކުމުގެ މުއްދަތު ހޯމަ ދުވަހު ހަމަވެ، މިނިވަން ވެއްޖެއެވެ.
ކަރެކްޝަނަލް ސަރވިސަސްއިން ވަނީ އެތަނުގެ ބަންދުން ފަޔާޒް ދޫކޮށްލިކަން ރާއްޖެ.އެމްވީއަށް ޔަޤީންކޮށްދީފައެވެ. އަދި ފަޔާޒްގެ ޤާނޫނީ ވަކީލް ހުސްނުއްސުޢޫދު ވަނީ ފަޔާޒް މިނިވަންވެފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ.
2015ވަނަ އަހަރު ސެޕްޓެމްބަރު މަހު 28ވަނަ ދުވަހު ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވިއިރު ކާނަލް ފަޔާޒް ހުންނެވީ ބަޑި ގުދަނުގެ ވެރިޔާއަށެވެ. އަދި އޭނާއަކީ ކުރީގެ ސިފައިންގެ މާލޭ އޭރިއާ ކޮމާންޑަރުގެ އިތުރުން ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ވެރިޔާގެ މަޤާމު ވެސް އަދާކުރައްވާފައެވެ.
އޭނާގެ މައްޗަށް ހެކި ނައްތާލުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ ލޯންޗް ގޮވި ޙާދިސާ ތަހުޤީޤު ކުރަން އައި ފުލުހުންގެ ފޮރެންސިކް ޓީމަށް ހުރަސް އެޅުމަށް އެސްޕީޖީ ސިފައިންނަށް އަމުރުކުރި ކަމަށްބުނެއެވެ. ލޯންޗް ގޮއްވާލި ޙާދިސާގައި ކުށް ސާބިތުވާ ކަމަށް ހުކުމްކޮށް ޖަލަށް ލުމުގެ ކުރިން ފަޔާޒް ސިފައިންގެ މައި މަރުކަޒުގައި ބަންދުކޮށްގެން ގެންގުޅެފައިވެއެވެ.