ކ. މާލެ
|
11 ޖޫން 2018 | ހޯމަ 13:06
މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިގު ވާހަކަދައްކަވަނީ---
މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިގު ވާހަކަދައްކަވަނީ---
ރާއްޖެއެމްވީ
ރާއްޖެޓީވީގެ ފަލަ ސުރުހީ
ތާރީހީ ބިނާތައް ރައްކާތެރި ކުރެވޭނީ މިވެރިކަން ބަދަލުކޮށްގެން: ތޯރިގް
މިސަރުކާރުން ވަނީ ކަޅުވަކަރު މިސްކިތް ވަނީ ގެއްލުވާލާފައި
ހުކުރު މިސްކިތާއި، އުސްގެކޮޅުގެ އަސްލު ވަނީ ގެއްލުވާލާފައި
ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ހިސާބުގައި ދިވެހިންގެ އާސާރީ ބިނާތައް ރައްކާތެރިކުރަން ބޭނުންވާ އެކަކު ވެސް ނެތް

ރާއްޖޭގެ ތާރީހީ ސަރަހައްދުތަކާއި، ބިނާތައް ރައްކާތެރި ކުރެވޭނީ މިސަރުކާރު ބަދަލުކޮށްގެން ކަމަށް ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތޯރިގް ވިދާޅުވީ ރައީސް ޔާމިންގެ ސަރުކާރުން މިހޭދަކުރި ހަތަރު އަހަރުގެ މުއްދަތުގެ ތެރޭގައި ރާއްޖޭގެ ތާރީހީ ބިނާތަކާއި، ސަރަހައްދުތައް ވަރަށް ބޮޑަށް ނެތިކޮށްލާފައިވާ ކަމަށެވެ. އެހެންކަމުން ތާރީހީ ބިނާތައް ރާއްކާތެރި ކުރުމަށް މިސްރާބު ބަދަލުކުރަންޖެހޭ ކަމަށް އޭނަ ވިދާޅުވިއެވެ.

ތޯރިގް ވިދާޅުވީ މިސަރުކާރުން ކަޅުވަކަރު މިސްކިތް ގެއްލުވާލާފައިވާ ކަމަށާއި ހުރިހާ ދިވެހިންނާ ގުޅިފައިވާ މިމައްސަލާގައި މިސްކިތަށް ވީގޮތް ބެލުމަށް މިއަދު ނުކުންނަން ޖެހޭ ކަމަށެވެ. ތޯރިގް ވިދާޅުވީ ކަޅުވަކަރު މިސްކިތް ހުރި ތަނުން ނެގީ ވެސް ގާނޫނާ ހިލާފަށް ކަމަށާއި، އަދި އެމިސްކިތައް ވީނުވީ ނޭނގުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

ކަޅުވަކަރު މިސްކިތް ރޫޅާލުމަށް ފަހު އެމިސްކިތުގެ ބައިތައް

ދިވެހިރާއްޖެއަކީ ރަސްކަމުގެ އެތައް ދުވަސްތަކެއް ހޭދަކޮށްފައިވާ ގައުމެއް ކަން ފާހަގަކުރައްވައި ތޯރިގު ވިދާޅުވީ ރަސްކަމުގެ ގަނޑުވަރުގެ ތެރެއިން މިއަދު ފެންނަން ހުރި ހަމައެކަނި ތަނަކީ އުސްގެކޮޅު ކަމަށެވެ. ނަމަވެސް އުސްގެކޮޅުގައި ފާހަނާ ހަދާ އެތަނުގެ އަސްލު ގެއްލުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ތޯރިގް ވިދާޅުވީ އާސާރީ ތަންތައް ރައްކާތެރިކުރަންޖެހޭނީ އެތަނުގެ އަސްލު ނުގެއްލޭ ގޮތައް ކަމަށާއި، އެހެން ނޫން ނަމަ ކާބަފައިން ގެނެސްދިން ތަރިކަ އަންނަން އޮތް ޖީލުތަކަށްދާއިރު އޮންނާނީ ބަދަލުވެފައި ކަމަށެވެ.

" މިސާލަކަށް އުސްގެކޮޅު. އުސްގެކޮޅުގައި އަޅުގަނޑުމެންނަށް ލިޔުންތަކުން އެބަފެނޭ އެތާ ކުރީ ކޮން ބޭނުމެއްކަން ރަސްކަމުގެ ދުވަސްވަރު. އެންމެ ފަހުން ރަސްކަން ކުރެއްވި ބޭފުޅަކު ވެސް އެތާނގެ ބޭނުން ކުރެއްވިކަން. އެހެންވީމަ އެތަން އަޅުގަނޑުމެންނަށް ޑިސްޕްލޭ ކުރެވިދާނެ އެރަސްގެފާނު އެތަން ބޭނުން ކުރެއްވި ގޮތަށް. އޭރުން ވެސް އެތަން ބަލަން ވަންނާނެ މީހުން އެތަން ރީތިކޮށް ބެލެހެއްޓޭނެ އާސާރީ ތަރިކައެއްގެ ގޮތުގައި" ތޯރިގް ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ ހުކުރު މިސްކިތުގެ ވެސް އަސްލު ގެއްލުވާލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އާސާރީ ބިނާތަކުގެ އަސްލުތައް ނަގާލައި، ސަރުކާރަށް ފައިސާ ހޯދަން އިމާރާތްތައް އެޅި ނަމަވެސް ތަރިކައިގެ ގޮތުގައި އަގުކޮށް އެއަގަށް މާ ބޮޑު ފައިދާ އެއް ލިބޭނެ ކަމަށެވެ.

" އޭގެ ގޮތުގައި ފައިދާ ހޯދަން އެނގުނީމަ ފައިދާ ލިބޭނެ. ދިގު މުއްދަތައް ލިބޭ ފައިދާތަކެއް ހުންނާނެ. މިސާލަކަށް އިމާރާތެއް ކުރީމަ އެތާހުންނަ އެޕާޓްމެންޓްތައް، އޮފީސްތައް ކުއްޔަށް ދިނީމަ ލިބޭ ފައިސާ ވެދާނެ ވަގުތީ ގޮތުން އެއްފަހަރާ ލިބޭ ބޮޑު އަދަދަކަށް. ނޫނީ އެތަން ކުއްޔަށް ދިނީމަ އެޑްވާންސްގެ ގޮތުގައި ގިނަ ފައިސާ ލިބިދާނެ. އެހެން ނަމަވެސް އަންނަން އޮތް ޖީލުތަކަށް އެތަން ގެންގޮސްދީ އެތަންތަން މީހުންނަށް ޕްރޮމޯޓް ކުރެވިދާނެ. އޭރުން ޓުއަރިސްޓުން ބަލަން އަންނާނެ އަދި އެހެންތަންތަނުން ވެސް އަންނާނެ މީހުން. އެތަންތަނާ ބެހޭ ގޮތުން ރީސާޗްކުރަން ވެސް އަންނާނެ" ތޯރިގް ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ހިސާބުގައި ދިވެހިންގެ އާދަކާދައާއި، އަސާރީ ބިނާތައް ރައްކާތެރިކުރުމަށް ބޭނުންވާ އެއްވެސް މީހަކު ނެތް މިސަރުކާރުގެ އަމަލުތަކުން ހާމަވެ ކަށަވަރުވާ ކަމަށެވެ.

ތޯރިގް ވިދާޅުވީ ކާބަފައިންގެ ތަރިކައިން އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އެމީހުންގެ މަސައްކަތްތެރިކަމާ އެމީހުންގެ ހުނަރުވެރިކަން އެނގިގެންދާއިރު، ތާރީހީ ބިނާތަކާއި، ތަރިކަ ހިމާޔަތްކޮށް ބެލެހެއްޓުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް