ކ. މާލެ
|
10 ޖޫން 2018 | އާދީއްތަ 16:52
ކުރީގެ ރައީސް މައުމޫން (މ)، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ވ) އަދި ފަަނޑިޔާރު އަލީ ހަމީދު (ކ)
ކުރީގެ ރައީސް މައުމޫން (މ)، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ވ) އަދި ފަަނޑިޔާރު އަލީ ހަމީދު (ކ)
މުހައްމަދު ޝަރުހާން
ބޮޑުންގެ ޝަރީއަތް
ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަދި އަލީ ހަމީދުގެ ޝަރީއަތުގެ އަޑުއެހުމެއް މިރޭ!
މިމައްސަލަ މި ރޭ 21:30 އަށް ވަނީ ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފަ
އެ ތިން ބޭފުޅުން ވެސް ހައްޔަރު ކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު
މީގެ އިތުރުންވެސް ގިނަ ދައުވާތަކެއް ވަނީ އެ ތިން ބޭފުޅުންގެ މައްޗަށް އުފުލާފައި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކުރާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހުގެ ރެއަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

އެ ތިން ބޭފުޅުންގެ މައްޗަށް އެކުގައި ކުރާ އެދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހުގެ ރޭ 21:30 އަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވާއިރު، މި ރަމަޟާން މަހު ރޭގަނޑު އެ ޝަރީއަތުގެ އަޑުއެހުންތަކެއް ބާއްވާފައި ވެއެވެ. 

ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހިމެނޭ ގޮތަށް ޖުމްލަ ނުވަ ބޭފުޅެއްގެ މައްޗަށް ގާނޫނާ ހިލާފަށް ސަރުކާރު ވައްޓަލަން އުޅުނުކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާގެ އިތުރުން ގިނަ ދައުވާތަކެއް ވަނީ އުފުލާފައެވެ. އެ ނުވަ ބޭފުޅުންގެ މައްޗަށް އުފުލާލާފައިވާ ޓެރަރިޒަމްގެ ހުރިހާ މައްސަލަތަކެއް ބައްލަވަނީ ކުރިން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ގާނޫނީ ވަކީލަކަށް އުޅުއްވުމަށްފަހު ގާޒީ ކަމަށް މުޅިން އަލަށް ވަޑައިގެންނެވި އަހުމަދު ހައިލަމްއެވެ. ގާޒީ ހައިލަމްއަކީ މިވަގުތު ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ.

މިރޭ 21:30 ގައި އެ ތިން ބޭފުޅުންނަށް ކުރާ ދައުވާގެ އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައިވާ އިރު މި މައްސަލަ ބައްލަވަނީ ދާދިފަހުން ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރައްވާފައިވާ ގާޒީ ހަސަން ނަޖީބު އެވެ. ހަސަން ނަޖީބަކީ ހައިކޯޓުގެ ފަނޑިޔާރު ސުޖާއު އުސްމާނުގެ ގާތް ބޭފުޅެކެވެ.

ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ކުރަނީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި މިދިއަ ފެބްރުއަރީ މަހު 5 ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު އެ ތިން ބޭފުޅުން ހައްޔަރުކޮށް، ފުލުހުން ހިންގަމުންދިޔަ ތަހުގީގަށް ފޯން ދޭން އެންގުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެއެވެ.

އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ކުށުގެ ދައުވާ ރައީސް މައުމޫނާއި އެ ދެ ފަނޑިޔާރުންގެ މައްޗަށް ކުރާއިރު، އިތުރު ދައުވާތަކެއް ކޮށް ޝަރީއަތްތަކެއް ވެސް ދަނީ ކުރަމުންނެވެ.

އެގޮތުން ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް ވެސް ކުރެއެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެ ދެ ފަނޑިޔާރުންގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ނިންމައި، 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމަށް ކޮށްފައެވެ. 

ކްރިމިނަލް ކޯޓުން ކުރި އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ކުށް ސާބިތުވާ ކަމަށް ދަށު ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށް ނިންމައިފަ އެވެ. ނަމަވެސް އަދަބު ކުޑަކޮށް، ހައިކޯޓުން ކަނޑައަޅާފައި ވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހެވެ.

މީގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާއަކާއި ޓެރަރިޒަމްގެ ދައުވާއެއް ވެސް އެ ދެ ފަނޑިޔާރުންގެ މައްޗަށް ކުރެއެވެ. އެބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުގައި ގަވަމެންޓް އީލެޓަރ މެނޭޖުމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދުކަނޑާލަން އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އެންގެވިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، އެމަނިކުފާނު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވެއެވެ. އަދި އެހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ނިންމާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
10 ޖޫން 2018 | އާދީއްތަ 12:11
Hasan
Hathaavees vileyerey ge savaabaa dharuma dhehvashi