ކ. މާލެ
|
10 ޖޫން 2018 | އާދީއްތަ 16:55
ކުރީގެ ނައިބުރައީސް އަޙުމަދު އަދީބް
ކުރީގެ ނައިބުރައީސް އަޙުމަދު އަދީބް
މުހައްމަދު ޝަރުހާން
އަހުމަދު އަދީބް
އެޗްއާރްސީއެމުން އަދީބާއި ބައްދަލުކޮށްފި
ބޭސްފަރުވާ ލަސްކުރާ މައްސަލަ ވަނީ ހުށަހަޅާފަ
ދޫނިދޫގައި އެކަހެރި ކޮށްފައިވާ މައްސަލަވެސް އެޗްއާރްސީއެމުން ދަނީ ބަލަމުން
މަހަކަށްވުރެ ގިނަ ދުވަހަށްފަހު ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުޞަތު ދިން ނަމަވެސް އާއިލީ ބައްދަލުވުމަށް ދަނީ ހުރަސްއަޅަމުން

ސިޔާސީ ނުފޫޒުން ކޮށްފައިވާ ޝަރީއަތެއް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ޝަރީއަތަކުން ޙުކުމްކޮށް، ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބް ޢަބްދުލްޣަފޫރާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބައްދަލުކޮށްފިއެވެ.

އެޗްއާރްސީއެމްއިން އަދީބާއި ބައްދަލުކޮށްފައި ވަނީ، ނިމިގެންދިޔަ މޭ މަހު އަދީބްގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އެ ކޮމިޝަނަށް ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެންނެވެ. އެޗްއާރްސީއެމްއިން ދޫނިދޫއަށް ގޮސް، އަދީބާއި ބައްދަލުކޮށްފައިވާކަން އާދީއްތަ ދުވަހު އެ ކޮމިޝަނުން ވަނީ އަދީބްގެ އާއިލާއަށް އަންގާފައެވެ.

އެޗްއާރްސީއެމަށް ނަޝްވާ ހުށަހަޅުއްވާފައިވަނީ ޤާނޫނާއި ތައާރުޒުވާގޮތަށް، ކުއްލިއަކަށް މާފުށީ ޖަލުން ދޫނިދޫއަށް އަދީބް ބަދަލުކުރި މައްސަލައާއި، ދޫނިދޫއަށް ބަދަލުކުރުމަށްފަހު އަދީބް އެކަހެރިކޮށްފައި ހުންނަ މައްސަލައެވެ.

މޭ މަހުގެ ކުރީކޮޅު ކަރެކްޝަނަލް ސަރވިސްއިން އަދީބް ފުލުހުންނާއި ހަވާލުކޮށް، ދޫނިދޫއަށް ބަދަލުކޮށްފައިވަނީ، ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން މާފުށީ ޖަލަށް ކުއްލި ޙާލަތެއް އައިސްފައިވާ ކަމަށް ބުނެއެވެ. ނަމަވެސް އެ ކުއްލި ހާލަތަކީ ކޮބާކަމާއި، އެ ހާލަތުގެ ދަށުން ހަމައެކަނި އަދީބް ދޫނިދޫއަށް ބަދަލުކުރަން ޖެހުނީ ކީއްވެކަން ކަރެކްޝަންސްއިން ހާމަކޮށްފައެއް ނުވެއެވެ.

އެއްވެސް އެހެން ގައިދީއެއްވެސް ނުފެންނަ ގޮތަށް، އަދި އެހެން މީހެއްގެ ހިލަމެއް ނުވާގޮތަށް ދޫނިދޫގައި އަދީބް އެކަހެރިކޮށް ބަހައްޓާފައި ހުންނަކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން މޭމަހު އަދީބްގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިތުރު މީހަކު ނުފެނި، މީހަކާއި ވާހަކަވެސް ނުދެއްކޭ ގޮތަށް އަދީބު އެކަހެރިކޮށްފައި ހުރުމުން، އެމަނިކުފާނަށް ނަފްސާނީ ގޮތުން އަސަރު ކުރާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށްވެސް އަދީބްގެ އައިލާއިން އޭރު ވަނީ ބުނެފައެވެ.

އެޗްއާރްސީއެމަށް އަދީބްގެ އާއިލާއިން ހުށަހެޅި މައްސަލައިގައި އަދީބްގެ ބޭސްފަރުވާ ލަސްކުރަމުންދާ މައްސަލައާއި، އަދީބަށް އާއިލީ ބައްދަލުވުމާއި ވަކިލުންނާއި ބައްދަލުކުރުމުގެ ފުރުޞަތު ނުދޭ މައްސަލަވެސް ވަނީ ފާހަގަކޮށްފައެވެ.

އަދީބަށް ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުޞަތު ދިނުމަށް ކްރިމިނަލް ކޯޓުންވެސް އަންގާފައިވާއިރު، އެ އަމުރަށްވެސް އާޅާލުމެއް ނެތި މަސްދުވަސް ވަންދެން އަދީބަށް ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ނުދީ އޮތުމަށްފަހު، ހޮނިހިރު ދުވަހު އެ ފުރުޞަތު ވަނީ ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް