މިދިޔަ މަހުގެ 30 ގައި ބޭއްވި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ގެ ޕްރައިމަރީގައި އިސްކޮށް އުޅުނު އއ. އުކުޅަހުގެ ދެ ކައުންސިލަރެއްގެ މައްސަލަ ލޯކަލް ގަވަރންމަންޓް އޮތޯރިޓީ(އެލްޖީއޭ)އިން ބަލަން ފަށައިފިއެވެ.
އެލްޖީއޭއިން ހޮނިހިރު ދުވަހު އުކުޅަހުގެ ދެ ކައުންސިލަރުން ކަމަށްވާ ކައުންސިލުގެ ރައީސް ޝައުކަތު އިބްރާހީމާއި ނައިބް ރައީސް އަބްދުﷲ ފިރާޤްއަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެމްޑީޕީ ފްރައިމަރީ ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް އަންގައި ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނިކޮށް އެމްޑީޕީގެ ފްރައިމަރީ ވޯޓުލުމުގެ ކަންތަކުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެންކަމުން ކަން ހިނގިގޮތް އަދި އެ ދެކައުންސިލަރުން ފާހަގަ ކުރަން ބޭނުންވާ ކަންކަން ފާހަގަކޮށް ހޯމަދުވަހުގެ މެންދުރު 12:00ގެ ކުރިން އެ އޮތޯރިޓީއަށް ފޮނުވުމަށް އެދޭކަމަށެވެ. އަދި ދީފައިވާ މުއްދަތަށް ޖަވާބު ދާރީ ނުވެވިއްޖެ ނަމަ ދެވަނަ ފުރުސަތު ދުކޮށްލިކަމަށް ކަނޑައަޅައި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އެސިޓީގައި ވަނީ ބުނެފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބުގައި ކައުންސިލްތަކުން ބައިވެރިވެފައިވާ މައްސަލަ އެލްޖީއޭއިން ބަލަންފަށާފައިވާއިރު، މިޕްރައިމަރީގައި ބައިވެރިވި ބައެއް މީހުން ސަރުކާރުގެ ވަޒީފާތަކުންވެސް ވަނީ ވަކިކޮށްފައެވެ.
އެމްޑީޕީގެ ޕްރައިމަރީ ބަލައި ނުގަންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވާއިރު އެމްޑީޕީން ވަނީ އިންތިޚާބު ބާއްވާފަ އެވެ. އަދި ރައީސް ނަޝިދު ވަނީ 40،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެން ޕްރައިމަރީގައި ވާދަކޮށް އިންތިޚާބު ކާމިޔާބު ކުރަށްވާފައެވެ.
އުކުޅަހުގެ ދެ ކައުންސިލަރުން އެމްޑީޕީ ޕްރައިމަރީގައި ހަރަކާތްތެރިވިކަމަށް ބުނާ މައްސަލަ ބަލަން ފަށާފައިވާއިރު މިމަހުގެ 29 އިން 30 އަށް އެމްޑީޕީގެ ކޮންގްރެސް އެރަށުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.