ކ. މާލެ
|
9 ޖޫން 2018 | ހޮނިހިރު 11:48
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު
ސިމާހާ ނަސީމް
އދ - ރާއްޖެ
ރާއްޖެ އަކީ ކުޑަ ޤައުމެއް ކަމަށް ބުނެ ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ހުތުރު މޫނު ފޮރުވައެއް ނުލެވޭނެ: ޝާހިދު
ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ސިފަތައް ފޮރުވާ ނުލެވޭނެ، އެއަށްވުރެ ބޮޑަށް ރާއްޖޭގެ މޫނުމަތި ހަރާބުވެފައިވަނީ
190 ޤައުމުގެ ތެރެއިން އެންމެ 46 ޤައުމުން ރާއްޖެއަށް އެ ވޯޓު ދިނީ
ވޯޓަށް އެހިއިރު ރާއްޖޭގެ ހާރިޖީ ވަޒީރު އެ މަޖިލީހުގައި ނެތް

ރާއްޖެއަކީ ކުޑަ ޤައުމެއް ކަމަށް ސިފަކޮށް އޭގެ ބިއްދޮށަށް ވަދެ، ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ހުތުރު މޫނު ފޮރުވައި ނުލެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ސަރުކާރުގައި ހާރިޖީ ވަޒީރުކަން ކުރެއްވި އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ފޯނުން ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖެއަކީ ކުޑަ ޤައުމެއް ކަމަށް ބުނެ، އޭގެ ބިއްދޮށަށް ވަދެ ކިތަންމެ ވަރަކަށް ފިއްލަވަން އުޅުއްވިޔަސް ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ސިފަތައް ފޮރުވާ ނުލެވޭނެ ކަމަށާއި އެއަށް ވުރެ ބޮޑަށް ރާއްޖޭގެ މޫނުމަތި ހަރާބުވެފައިވާ ކަމަށެވެ.

"ރާއްޖެއަކީ ކުޑަ ޤައުމެއް ކަމަށް ބުނެ އޭގެ ބިއްދޮށަށް ވަދެ، ކިތަންމެ ވަރަކަށް ފިއްލަވަން އުޅުއްވިޔަސް ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ސިފަތައް، އެ ހުތުރު މޫނު ފޮރުއްވައި ނުލެއްވޭނެ. އެއަށް ވުރެ މާބޮޑަށް ރާއްޖޭގެ މޫނުމަތި މި ވަނީ ހަރާބު ކުރައްވާފައި އެހެންކަމުން އަޅުގަނޑުމެންނަކީ ކުޑަ ޤައުމެއް ކަމަށް ވިދާޅުވެ އެގޮތަށް އެ ވާހަކަތައް ދައްކަވާނެ ކަމެއް ނެތް" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ 2008 ވަނަ އަހަރު ރާއްޖެއިން އދގެ ސަލާމަތީ މަޖިލީހުގެ ގޮޑިއަކަށް ކުރިމަތިލީ ވަރަށް އުންމީދީ ދުވަސް ވަރެއްގައި ކަމަށާއި އެއީ ރާއްޖޭގެ ތަސައްވަރު ބައިނައްލަޤްވާމީ މައިދާނުގައި އެތައް ގުނައަކަށް ރަނގަޅުވެގެން ރީތިވެގެން އައި ދުވަސްވަރުގައި، އިންސާނީ ހައްޤުތަކާއި ބެހޭގޮތުން ރާއްޖެ ބައިވެރިނުވެ ހުރި ވަރަށް ގިނަ މުއާހަދާތަކުގައި ރާއްޖެ ބައިވެރިވެ، ރާއްޖެއަކީ ބައިނަލަޤްވާމީ ދާއިރާގައި ހައްޤު ބަސް ބުނަން ކެރިގެން ތެދުވާ ޤައުމެއްގެ ގޮތުގައި ފެންނަމުންދިޔަ ދުވަސްވަރެއްގައި ކަމަށެވެ. އެހެންނަމަވެސް އޭގެ ދިހަ އަހަރު ފަހުން އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެ ކުރިމަތިލައި،  ވޯޓުގެ ނަތީޖާ އިން ފެނިގެން ދިޔައީ ރާއްޖޭގެ ތަސައްވަރު މިހާރު މިއޮތް އަނިޔާވެރި ސަރުކާރުގެ ސަބަބުން ބައިނައްލަޤްވާމީ މުޖުތަމައުގައި ކިލަބުވެގެން ގޮސް އޮތް މިންވަރު ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

190 ޤައުމުގެ ތެރެއިން އެންމެ 46 ޤައުމުން ރާއްޖެއަށް އެ ވޯޓުދިންކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ އެއީ ހިތާމަކުރާ ކަމެއް ކަމަށާއި އަދި ވަރަށް ބޮޑަށް ލަދުވެތިވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ވޯޓަށް އެހިއިރު ރާއްޖޭގެ ހާރިޖީ ވަޒީރު އެ މަޖިލީހުގައި ނެތްކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ހާރިޖީ ވަޒީރު ހުންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި އެއީ ބައިނަލަޤްވާމީ އުސޫލު ކަމަށެވެ. ޝާހިދު ވިދާޅުވީ މިދިޔަ ހަތަރު އަހަރު ރާއްޖޭގެ ރައީސް ޔާމީން އދ އަށް ވަޑައިނުގަންނަވާ ކަމަށެވެ.

ފޮރިން މިނިސްޓްރީ ނެރުނު ބަޔާނާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މި ދަނޑިވަޅުގައި އެގޮތަށް އެކަހަލަ ވާހަކަ ފަތުރަމުން ގެންދިޔުމަކީ ކުރެވޭނެ އެންމެ ގޯސް ކަންތައް ކަމަށާއި މި ދަނޑިވަޅުގައި ރަނގަޅުވާނީ ކެތްތެރިކަމާއެކު ރީތި އަދަބީ އުސޫލުތަކަށް މަސައްކަތް ކުރުން ކަމުގައެވެ.

ބައިނަލަޤްވާމީ މުޖުތަމައުގައި އަޅުގަނޑުމެން ކެރޭ ސާބިތު ބަޔަކަށް ވާނީ ބައިނަލަޤްވާމީ އުސޫލުތަކަށް ބޯލަބާ ބަޔަކަށްވެގެން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް