ކ. މާލެ
|
8 ޖޫން 2018 | ހުކުރު 16:36
2013 ވަނަ އަހަރު ބޭއްވުނު އެމްޑީީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެެއްގެ ތެރެއިން
2013 ވަނަ އަހަރު ބޭއްވުނު އެމްޑީީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެެއްގެ ތެރެއިން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ބަރުލަމާނީ ބަހުސް: ރައީސް ނަޝީދުގެ ވިސްނުންފުޅާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން، ނަތީޖާ ކިހިނެއްވާނެބާ؟
އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ ޖެހިގެން އުޅެނީ ނިޒާމްގެ މައްސަލައެއް ނޫން ކަމަށް
މަހުލޫފް ވިދާޅުވީ އެންމެ ގިނަ ވޯޓުލިިބޭ ކެނޑިޑޭޓަކަށް ވެރިކަން ލިބޭގޮތަށް ބަދަލުކުރަންޖެހޭ ކަމަށް
އިންތި ވިދާޅުވީ އެންމެ ކޮރަޕްޝަން މަދު ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށް

ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމަނިކުފާނުގެ ވިސްނުންފުޅު ހާމަކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލުގެންނަންޖެހެއެވެ. ރިޔާސީ ނިޒާމުން، ބަރުލަމާނީ ނިޒާމަށެވެ.

ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވީ އައުު ޤާނޫނު އަސާސީއަށް ފަހު ބޭއްވި 7 އިންތިހާބުގެ ނަތީޖާއިން ވެސް ދެއްކި ނަތީޖާއެވެ، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ފުރިހަމަ ނޫން ކަމަށް އެ އިންތިޚާބުތަކުން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި ރިޔާސީ ނިޒާމްގެ ތެރެއިން ކޯލިޝަން ހެދުމެއް ނެތި އެއްވެސް ޕާޓީއަކަށް އިންތިހާބު ކާމިޔާބުކުރެވިފައި ނެތުމާއި ތިން ބާރުއެކުވެ، މުޅި ދައުލަތުގެ ނިޒާމް ގަނޑުބަނޑުވެފައިވުމަކީ އޭގެ ހެއްކެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދުގެ އެ ވިސްނުންފުޅު އާންމުކުރުމާ އެކު ޤާނޫނީ ވަކީލުންނާއި، ބައެއް ސިޔާސީ ބޭފުޅުންގެ ފާޑުކިޔުންތައް އަމާޒުވިއެވެ. އެއް ބަޔަކު އެއީ ރަނގަޅު ވިސްނުންފުޅެއް ކަމަށް ބުނަމުންދިޔައިރު، އަނެއް ބަޔަކަށް އެއީ މާ ބަލައިގެނެވޭ ވާހަކައަކަށް ނުވިއެވެ. ފާޑުކިޔުމާއި ހިޔާލު ތަފާތުވުން އަމާޒުވީ ހަމައެކަނި ސަރުކާރުގެ ތެރެއަކުން ނޫނެވެ. ޕާޓީ އާއި އެކަމަނިކުފާނުގެ ސަޕޯޓަރުންގެ ތެރޭގައި ވެސް ހިޔާލު ދެކަފިވެ ހޫނު ބަހުސެއް ވަނީ އުފެދިފައެވެ. އެއް ބަޔަކު ސަބަބެއް ކަމަށް ބުނަމުންގެންދިޔައީ، ދިމާވެގެން އުޅޭ މައްސަލައަކީ ނިޒާމްގެ މައްސަލައެއް ނޫން ކަމަށެވެ. އެއީ ނިޒާމް ހިންގަން ތިބި ބައެއްގެ އިހުލާސްތެރިކަން ނެތުމުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށެވެ. އަނެއް ބަޔަކު ރައީސް ނަޝީދުގެ ހިޔާލުފުޅަށް ތާއިދުކޮށް ގެންދަނީ ސަބަބުތައް ދައްކަމުންނެވެ.

ވެރިކަމުގެ ނިޒާމްގެ ބަހުސް ގަދަވާން ފަށާފައިވާއިރު، މިހާރު އެ ބަހުސް ކުރަމުންގެންދަނީ އެމްޑީޕީގެ މެމްބަރުންނާއި އެކްޓިވިސްޓުންގެ މެދުގައެވެ. ބަހުސްގަދަވެ، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީސް މެމްބަރުން ވެސް ގެންދަވަނީ އެއް މެމްބަރަކު އަނެއް މެމްބަރަކަށް ބަހުގެ ހަމަލާތައް އަމާޒުކުރަމުންނެވެ. އަނެއްކޮޅުން ރައީސް ނަޝީދުގެ ހާޑްކޯ ސަޕޯޓަރުން ގެންދަނީ އެމަނިކުފާނުގެ ހިޔާލަށް ފާޑުކިޔާ ފަރާތްތަކުގެ ބޮލުގައި ބޮޑެތި އިލްޒާމްތަކެއް އަޅުވަމުންނެވެ. ރޯވެފައިވާ ހުޅުގަނޑަށް އިތުރަށް ތެޔޮ އަޅަމުންނެވެ.

ބަހުސްގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދެމިގެން ދިޔުމަށް ވުރެ، ބަރުލަމާނީ ނިޒާމެއްގައި ޤައުމަށް ވެގެންދާނެ ގޮތަކާ މެދު ބިރުގަންނަ ކަމަށެވެ. އެގޮތުން މިސާލު ނަންގަވަމުން ފައްޔާޒް ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި ނަމަ މަޖިލީސް ބެހިގެންދާނީ "ވިލާ ޕާޓީއަށް 20 ގޮނޑި، ޔުނިވާސަލް ޕާޓީއަށް 20 ގޮނޑި، ޗަންޕާޕޫލް ޕާޓީއަށް 30 ގޮނޑި، ސަރަނގުއަށް 10 ގޮނޑީގެ އުސޫލުން" ކަމަށެވެ. އަދި އޭރުން ބޮޑު ވަޒީރު އައްޔަންކޮށް ވަކިކުރުން އޮންނާނީ، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

މަޓީއަކީ ރާއްޖޭގެ ޓޫރިސްޓް ރިސޯޓްތަކުގެ އޯނަރުން ހިންގާ ޖަމިއްޔާއެވެ. އަދި އެއީ ރާއްޖޭގެ ގުދުރަތީ މުސްހަނދިކަމުގެ ފައިދާނަގައި، މުޅި ރާއްޖޭގެ އިޤްތިސާދު ކޮންޓްރޯލްކުރާ ނުފޫޒްގަދަ ވިޔަފާރިވެރިން ހިމެނޭ ޖަމިއްޔާއެެވެ.

އެއާއެކު ޓްވީޓާއެކު ފައްޔާޒަށް ބަހުގެ ހަމަލާތައް އަމާޒުވިއިރު، "އެއް ގޮނޑި ނިޒާމަކަށް ވުރެ ތިޔަ ގޮތް ރަނގަޅުކަމަށް ފެނޭ" ކަމަށް ބުނެ ފައްޔާޒްގެ ޓްވީޓަށް ރައްދުދިން މީހަކަށް ރައްދުދެމުން ފައްޔާޒް ވިދާޅުވީ، ޔަޤީނުންް ވެސް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އެކަމަކު "ތެޔޮ ތާހުން އަލިފާން ގަނޑަށް ފުންމާލާނީތޯ ވިިސްނަންޖެހޭ" ކަމަށާއި، "މިކަމާއި ވަރަށް ފުންކޮށް ވިިސްނާ ފިކުރުކުރަަންޖެހޭ" ކަމަށް ފައްޔާޒް ވިދާޅުވެފައިވެއެވެ. އަދި "ވިސްނޭ ގޮތުގައިި ބަރުލަމާނީއަށް ބަދަލުވުމަކީ މިހާރަށް ވުރެ" ގޯސްވެދާނެހެންހީވާ ކަމެއް ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. 

ބަރުލަމާނީ ނިޒާމު ރަނގަޅު ނުވާނެކަމަށް ބުނެ ފައްޔާޒް ޓްވީޓަރގައި ފާޅުކުރަމުންގެނދިޔަ ސުއޫރުތަކާ އެކު، ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް، އެމްޑީޕީގެ ތަރުޖަމާން އިމްތިޔާޒް ފަހުމީ ވަނީ ޓުވީޓްކުރައްވާފައެވެ.

އޭނާ ވަަނީ ރައީސް ނަޝީދުގެ ވިސްނުންފުޅަށް ތާއީދުކުރައްވާފައެވެ. އެގޮތުން އިމްތިޔާޒް ވިދަޅުވީ "ހަމަ ޤައިމު ދުުނިޔޭގައި ހަދާފައިވާ ސްޓަޑީތަކުން ވެސް އެންމެ ކޮރަޕްޝަން މަދުކުރެވޭ ނިޒާމަކީ ބަރުލަމާނީ ނިޒާމް" ކަމަށްވާ ކަމަށެވެ. އަދި އެންމެ ޤައުމެއް ފިޔަވައި ރިޔަސީ ނިޒާމް ކާމިޔާބުވެފައި ނުވާ ކަމަށާއި، އެންމެ ބޮޑު ހަޤީޤަތަކީ ރާއްޖޭގެ ރިޔާސީ ނިޒާމްގައި ބަރުލަމާނީ ސިފައިގެ ކޯލިޝަން ހެދުމުން މަސައްކަތް ނުކުރުން ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. 

އިންތިގެ އެ ވާހަކަތަކަށް ތާއީދުނުކުރައްވާ ކަމަށް ވިދާޅުވެ ފައްޔާޒު ކުރި އިތުރު ޓްވީޓެއްގައި ވަނީ އެއްވެސް ނިޒާމެއް ގޯހެއް ވެެސް އަދި ފުރިހަމައެއް ވެސް ނޫން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ހާލަތަށް ބަލާއިރު، ބަރުލަމާނީ ނިޒާމާ ދޭތެރޭ "ހެސްކިޔާފައި" ކަންބޮޑުވާ ކަމަށާއި، އުޑު ބޮލަށް ވެއްޓިދާނެ ކަމަށް ހީކުރެވޭ" ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒާ އެއްކޮށް ބައެއް އިތުރު މެމްބަރުން ވެސް ވަނީ ބަރުލަމާނީ ބަހުސްގެ ތެރެއަށް ވަދެވަޑައިގެންފައެވެ. އަދި ބަރުލަމާނީ ނިޒާމަށް ތާއީީދުނުކުރައްވާކަން ހާމަކުރައްވާފައެވެ. އެގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވީ މިހާރު އުޅެނީ ވެރިކަމުގެ ނިޒާމްގެ މައްސަލައެއް ނޫން ކަމަށާއި، ކަންކުރަން ތިބި މީހުންގެ މައްސަލައެއް ކަމަށެވެ. އަދި ބަރުލަމާނީގައި ވެސް ވަގުން ވައްކަންކުރާނެ ކަމަށާއި، އަނިޔާވެރި ވިސްނުން ހުރި ނަމަ ޖަލަށްލައި އަނިޔާ ވެސް ކުރާނެ ކަމަށެވެ. އަދި ފަނޑިޔާރުން ގިޔާމަތަށް ނުވިސްނައި ހުކުމްތައް ވެސް ކުރާނެ ކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.

ބަރުލަމާނީ ބަހުސްގެ ތެރެއިން އަލީ ނިޒާރުގެ ވާހަކަތަކާ ދާދި އެއްގޮތަކަށް ވާހަކައިގެ ރާގު ގެންގުޅުއްވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ސުވާލެއް ކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ޖެހިގެން މި އުޅޭ މައްސަލައަކީ ނިޒާމްގެ މައްސަލައެއްތޯ ނުވަތަ އިހުލާސްތެެރިކަމެއް ނެތް ވަގުން މަޤާމުތަކަށް އައުމުން ޖެހިގެން އުޅޭ މައްސަލައެއްތޯ ރޮޒައިނާ ވަނީ ސުވާލުކުރައްވާފައެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ފަހު ގުޅިފައިވާ ޕާޓީތަކުން ކުރަންވީ މުހިންމު ކަމަކީ އެންމެ ގިނަ ވޯޓް ހޯދާ ކެނޑިޑޭޓަކަށް އިންތިހާބު ކާމިޔާބުކުރެވޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހްކުރުން ކަމަށެވެ. އަދި އެއީ ރިޔާސީ ނިޒާމެއްގައި އެންމެެ މުހިންމު އެއް ސިފަ ކަމަށާއި، ކޯލިޝަން ހަދަން މަޖުބޫރުވެ ދެ ވަނަ ބުރު މުހިންމު ނޫން ކަމަށް މަހުލޫފް ވިދާޅުވިއެވެ. 

އޭނާގެ ވާހަކަތަކުން ވެސް ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރަން ބޭނުން ނުވާކަން އެނގެއެވެ.

އެމްޑީޕީގެ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައިވާއިރު، އެ މެމްބަރުން ދެކިވަޑައިގަންނަވާ ގޮތުގައި ހިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫނެވެ. އަދި އެމްޑީޕީއަކީ އެ މީހަކަށް ފެންނަ ހިޔާލެއް ހާމަކުރެވޭ ޕާޓީއެއް ކަމަށް އެ މެމްބަރުން ވިދާޅުވެއެވެ. ނަމަވެސް އޮތް ސުވާލަކީ މިއީ ބަރުލަމާނީތޯ ރިޔާސީތޯ ބަހުސްކުރަން އެންމެ ރަނގަޅު ދަނޑިވަޅުތޯއެވެ. 

އެހެނީ ރައީސް ނަޝީދު ފާޅުކުރެއްވީ ހިޔާލެކެވެ. އަދި އެމަނިކުފާނު ވެސް ވެރިކަން ހޯއްދެވުމަށް ލަައްކަ މަސައްކަތް ކުރައްވަންޖެހެއެވެ. ވެރިކަން ލިބިވަޑައިގަތުމުންް ނޫނީ އެ ބަދަލު ގެނައުމަކީ އެ މަނިކުފާނަށް ވެސް ކުރެއްވޭނެ ކަމެއް ނޫނެވެ. އަދި އެ ނިންމުން ނިންމާ ކަމުގައިވާ ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ވެސް ދާންްޖެހެއެވެ. އެހެންކަމުން ރިޔާސީ ބަރުލަމާނީ ބަހުސްއަކީ ކޮންމެހެން މި ވަގުތަށް މުހިންމު ބަހުސްއެއް ނޫންކަން އެނގެއެވެ. 

ކޮންމެއަކަސް ސިޔާސީ މަސްރަހުގެ ފޯރިގަދަވެ، އުއްމީދުކޮށްފައިިނުވާ ކިތަންމެ ބަދަލުތަކެއް ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ފެނިގެން ދިޔުމަކީ ދުރުގައި އޮތް ކަމެއް ނޫންކަން އެންމެ ބަހުސްއަކުން ބުނެދީފިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް