ބާޒާރުގައި ކަރާގެ އަގު އަނެއްކާ ވެސް އުފުލިއްޖެއެވެ.
ލޯކަލް މާރުކޭޓުގައި ކަރާ ކިލޯއެއްގެ އަގު ވަނީ 40 ރުފިޔާ އަށް އުފުލިފައެވެ.
ތަކެތި ވިއްކާ ފަރާތްތަކުން ބުނީ ކަރާގެ އަގު އުފުލުނީ ކަރާ ލިބުން ދަތިވުމާ ގުޅިގެން ކަމަށާއި ރަށްރަށުން ކަރާ ލިބުން މަދުވުމުން ކަރާ ސަޕްލައި ކުރަމުންދާ ފަރާތްތަކުން ވެސް ކަރާ އަގު ބޮޑުކޮށް ވިއްކާ ކަމަށެވެ.
"ތޮއްޑޫން އެކަނި ކަރާ މި އަންނަނީ. އެހެންވީމަ އަގު ބޮޑު ވެސް ވާނެތާ ދޯ؟" މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތަކުން ބުންޏެވެ.
މާރުކޭޓުގެ ބައެއް ގޮޅިތަކުން 38-35 ރުފިޔާއާ ދެމެދުގެ އަގަކަށް ކަރާ ވިއްކަން ހުރުމާ ގުޅިގެން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެމުން މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތަކުން ބުނީ އަގުގެ ތަފާތު އުޅެނީ އަންގާރަ ދުވަހު ނުވިކި ބައެއް ކަރާ ހުރުމުން އެ ދުވަހު ހުރި އަގުގައި ކަރާ ވިއްކަން ހުރުމުން ކަމަށެވެ.
ލޯކަލް މާރުކޭޓުގައި ދަނޑިއަލުވި ކިލޯއެއް 35ރ. އަށް ވިއްކަން ހުރިއިރު އެވަކާޑޯ ލިބެން ހުރީ 65ރ އަށް ކިލޯއެކެވެ. އަދި ލެޓިއުސް 150ރ އަށް ކިލޯ ލިބެން ހުރިއިރު ކޮޕީ ފަތް ވިއްކަން ހުރީ 7ރ އަށް ފަތެކެވެ.
މީގެ އިތުރުން ފަޅޯ ކިލޯއެއް 30ރ އަށް ވިއްކަން ހުރިއިރު އަންނާރު ކިލޯއެއް ލިބެން ހުރީ 85ރ އަށެވެ.
ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ކަރާ އާއި ފަތުގެ ބާވަތްތަކުގެ އަގު އުފުލިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.