ކ. މާލެ
|
2 ޖޫން 2018 | ހޮނިހިރު 08:46
ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ހަދާނުގައި ބޭއްވި ތައުބީނު ޖަލްސާގައި ކުރީގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވާހަކަ ދައްކަވަނީ
ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ހަދާނުގައި ބޭއްވި ތައުބީނު ޖަލްސާގައި ކުރީގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވާހަކަ ދައްކަވަނީ
މުހައްމަދު ޝަރުހާން
ޑރ. މަޖީދު
އެއްބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ހުއްޓާލީ ޑރ. މަޖީދުގެ އެދިލެއްވުމަށް: އަސްލަމް
ޑރ. މަޖީދު އެދިވަޑައިގެންނެވި ގޮތަކަށް އެ ކަން ނިމިގެންދިޔައީ އޭރުގެ ކެބިނެޓް މެމްބަރުން އެބޭފުޅާއަށް ކުރައްވާ އިހްތިރާމެއްގެ ބޮޑުކަމުން
އަބަދުވެސް އަދުލު އިންސާފު ޤާއިމުކުރެވޭ ޤައުމެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ޑރ. މަޖީދު ކުރެެއްވި
ޑރ. މަޖީދު ދެއްކެވި މަގުން ކަންތައްތައް ކުރިއަށް ގެންދަން ޖެހޭނެ

އަލްމަރްޙޫމް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ އެދިލެއްވުމަށް އެމްޑީޕީން ވެރިކަން ކުރި ދުވަސްވަރު އެއްބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ހުއްޓާލި ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ ހަނދާނުގައި ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އޭރު ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ބޮޑު އަތޮޅެއްގައި މަޝްރޫއެއް ހިންގުމަށް ހުށަހެޅި ކަމަށާއި އޭރު އެމްޑީޕީ ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި އެންމެން ވެސް އެ މަޝްރޫއު ހިންގުމަށް ޝައުގުވެރިވި ކަމަށެވެ. ވަރަށް ދިގުކޮށް ކެބިނެޓުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ނަމަވެސް ހަމައެކަނި ޑރ. މަޖީދުގެ އެދިލެއްވުމުގެ މަތިން އެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ސަރުކާރުން ނިންމި ކަމަށެވެ.

"ކެބިނެޓުގައި ޑރ. މަޖީދު ވިދާޅުވީ ތިމަންނަ ތި މަޝްރޫއުތަކުގެ ތަފްސީލް ބަލައިފީމޭ. ސާފުކޮށް ފެންނަ ނެތް ކަމުގައިވިއަސް ތީގެން ތިމަންނައަށް ދޭހަވާ އެއްޗަކީ ތި މަޝްރޫއުގެ ތެރެއިން ދިވެހިރާއްޖެއަށް އަންނަ އިންވެސްޓުމަންޓުގައި ހިމެނޭ އެންމެ މައިގަނޑު އެއްކަމަކީ ކެސީނޯ ހިންގުމުގެ ވިޔަފާރީއެއް ރާއްޖޭގައި ފެށުމޭ. އެފަދަ ކަމެއް ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ހިންގާކަށް ތިމަންނައަކަށް ނުފެނެޔޭ. މުޅި ކެބިނެޓް ޝައުޤުވެރިވެފައި އޮތް ކަމަކަށް ސާފުކޮށް ކެރިވަޑައިގެން ވިދާޅުވެދެއްވި އެ ކަން ކުރިއަށް ނުގެންދަވާން،" އަސްލަމް ވިދާޅުވިއެވެ.

ޑރ. މަޖީދު އެދިވަޑައިގެންނެވި ގޮތަށް އެ ކަން ނިމިގެންދިޔައީ އޭރުގެ ކެބިނެޓް މެމްބަރުން އެބޭފުޅާއަށް ކުރައްވާ އިހްތިރާމެއްގެ ބޮޑުކަމުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ޑރ. މަޖީދަކީ ހުލްގު ހެޔޮ ބޭފުޅެއް ކަމަށާއި އަބަދުވެސް އަދުލު އިންސާފު ޤާއިމުކުރެވޭ ޤައުމެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

ޑރ. މަޖީދު ދެއްކެވި މަގުން ކަންތައްތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެބަޖެހޭ ޑރ. މަޖީދު ދެއްކެވި މަގުން ކަންތައްތައް ކުރިއަށް ގެންދަން. އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން މި ތިބީ އެ ގޮތުގައި ކުރިއަށްދާން. އަޅުގަނޑުމެން މަޖީދުގެ ޒިކުރާ އާކުރާނީ އޭބޭފުޅާ އަޅުގަނޑުމެންނަށް ދެއްކެވި މަގުގައި ކުރިއަށް ދިއުމަށް އަޅުގަނޑުމެން އެ ގޮތަށް އަޒުމް ކަނޑައަޅައިގެން،" އަސްލަމް ވިދާޅުވިއެވެ.

      

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
3 ޖޫން 2018 | އާދީއްތަ 07:20
Ahamed Ali
އަސްލަމޫ، މިއޮތް ބޮޑު ރޯދަމަހު އިތުރުފުޅު ނަހައްދަވާށެވެ.