އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމަށް ސިވިލްކޯޓުން ނެރުނު އަމުރަކީ އެމްޑީޕީގެ މައްޗަށް ނެރުނު އަމުރެއް ނޫން ކަމަށާއި ފުލުހުން ޕްރައިމަރީ ހުއްޓުވަނީ ޤާނޫނާ ހިލާފަށް ކަމަށް އެ ޕާޓީގެ ލީގަލް ޑިރެކްޓަރ އަދި ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕްރައިމަރީ ފުލުހުން ނުކުމެ، ހުއްޓުވުމާ ގުޅިގެން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގައި ހިސާން ވިދާޅުވީ މީޑިއާތަކުގައި ދައުރުވާ ކޯޓު އަމުރަކީ "މޯލްޑިވްސް ޑިމޮކްރޮޓިކް ޕާޓީ"ގެ މައްޗަށް ނެރުނު ކޯޓު އަމުރެއް ކަމަށާއި ކޯޓު އަމުރު ރައްދުވާ ޕާޓީއަކީ ކޮން ޕާޓީއެއް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ސިވިލް ކޯޓުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ ނުވަތަ އެމްޑީޕީގެ މައްޗަށް އެއްވެސް ކޯޓު އަމުރެއް ނުނެރޭ ކަމަށާއި ފުލުހުން ޕްރައިމަރީ ހުއްޓުވަނީ ޤާނޫނާ ހިލާފަށް ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.
ހިސާން އިތުރަށް ވިދާޅުވީ ކޯޓުން ނެރުނު އަމުރުގައި މީހުންގެ ގޯތިގެދޮރަށް ވަދެ، މީހުންގެ މުދާ ގެންދިއުމުގެ ބާރު ލިބިދީފައި ނުވާ ކަމަށެވެ.
ޕްރައިމަރީއެއް ހުއްޓުވުމުގެ ބާރު ފުލުހުންނަށް ކޯޓު އަމުރުގައި ލިބިދީފައިވާއިރު، އެ ބަޔާންކޮށްފައި އޮންނަނީ ހަރަކާތް ހުއްޓުވާ ވާހަކަ ކަން ފާހަގަކޮށް ހިސާން ވިދާޅުވީ އެއްވެސް މީހެއްގެ މުދަލަކަށް އަރައިގަނެ ޤާނޫނާ ހިލާފަށް އަމަލު ކުރުމުގެ ބާރު ފުލުހުންނަށް ލިބިދީފައި ނުވާ ކަމަށެވެ.
ސިވިލް ކޯޓުގެ އަމުރަށް ފަހު ވެސް ވޯޓުލުން ކުރިއަށްދާތީ ފުލުހުން ވަނީ ވޯޓުލާ މަރުކަޒުތަކަށް ވަދެ ވޯޓު ފޮށިތަކާއި ކަރުދާސްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ޕްރައިމަރީގައި 200 އަށް ވުރެ ގިނަ ވޯޓު ފޮށި އެކި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ވަނީ ބަހައްޓާފައެވެ.