ކ. މާލެ
|
27 މެއި 2018 | އާދީއްތަ 16:33
ކުޑަކުދިންގެ ހިޔާގައި ކުއްޖަކު މަޑުކޮށްލައިގެން
ކުޑަކުދިންގެ ހިޔާގައި ކުއްޖަކު މަޑުކޮށްލައިގެން
ޖެންޑާ މިނިސްޓްރީ
ޖެންޑަރ މިނިސްޓްރީ
މިދިޔަ އަހަރު ހަތް ކުއްޖަކު ފޮސްޓަރކޮށް، އިތުރު ވިހި ކުއްޖަކު އެ ކުދިންގެ އާއިލާތަކާ ހަވާލުކޮށްފި
އާއިލާތަކާ ހަވާލުކުރެވުނު ކުދިންގެ ތެރޭގައި ހިމެނެނީ 3 އަހަރުން ދަށުގެ 2 އަންހެން ކުދިންނާއި 5 ފިރިހެން ކުދިން

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ތެރެއިން 7 ކުއްޖަކު މިދިޔަ އަހަރު ފޮސްޓަރކޮށްފިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ޢާއިލާއެއްގެ ތެރޭގައި ދިރިއުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީން އެކުލަވައިލައިފައިވާ ފޮސްޓަރ ޕެނަލްގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުގައި މިދިޔަ އަހަރު ފޮސްޓަރކުރުމަށް އާއިލާތަކާ ހަވާލުކުރެވުނު ކުދިންގެ ތެރޭގައި ހިމެނެނީ 3 އަހަރުން ދަށުގެ 2 އަންހެން ކުދިންނާއި 5 ފިރިހެން ކުދިންނެވެ. މި ކުދިން ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި އެޕްލިކޭޝަން ފޯމު ހުށަހެޅި 7 ފަރާތްތަކުގެ ތެރެއިން 3 ފަރާތަކަށާއި، އޭގެ ކުރީގެ ތާރީޚުތަކުގައި އެޕްލިކޭޝަން ފޯމު ހުށަހެޅި 4 ފަރާތަކަށް ކަމަށް އެ ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި ހާމަކުރާ ގޮތުގައި 2017 ވަނަ އަހަރުގެ ތެރޭގައި ފޮސްޓަރކުރުމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހެޅި 7 ފަރާތްތަކުގެ ތެރެއިން އެއް ފަރާތަކަށް ހުއްދަ ދޭން ނުފެންނަކަމަށް ޕެނަލުން ނިންމާފައިވެއެވެ. އަދި އިތުރު އެއް ފަރާތެއްގެ އެދުމުގެ މަތިން އެ ފަރާތުގެ އެޕްލިކޭޝަން ބާތިލުކޮށްފައިވާއިރު، އަހަރު ނިމުނު އިރު ދެ ފަރާތެއްގެ އެޕްލިކޭޝަން ދިރާސާ ކުރެވެމުންދާކަމަށް ވެސް ރިޕޯޓުގައިވެއެވެ.

ފޮސްޓަރކުރެވުނު ކުދިންގެ އިތުރުން، 20 ކުއްޖަކު އެ ކުދިންގެ އާއިލާތަކާ މިދިޔަ އަހަރު ހަވާލުކޮށްފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެ ކުދިންގެ ތެރޭގައި ހިމެނެނީ 18 އަހަރުން ދަށުގެ 7 އަންހެން ކުދިންނާއި 13 ފިރިހެން ކުދިންނެވެ. މި ކުދިން އާއިލާތަކާ ހަވާލުކޮށްފައިވަނީ، އެ ކުދިން ހަވާލުކުރުމަށް އެދުނު އާއިލާތަކުގެ މެންބަރުންގެ ޤާބިލުކަމާއި ކެރިފޯރުންތެރިކަން ހުރި މިންވަރު ބެލުމަށްޓަކައި ހާއްސަ އެސެސްމަންޓެއް ހެދުމަށް ފަހުގައެވެ.

ޕޮސްޓަރ ޕެނަލަކީ މިނިސްޓްރީއާއި ކަމާބެހޭ ދާއިރާތަކާއި މަދަނީ ޖަމުޢިއްޔާތައް ތަމްސީލުކުރާ މަންދޫބުން ހިމެނޭ ގޮތަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީގެ ލަފާފުޅުގެ މަތިން އެކުލަވަލާފައިވާ ކޮމެޓީއެކެވެ.

ކުދިންނަށް އެންމެ ރަނގަޅީ އާއިލާއެއްގެ ލޯތްބާއި އަޅާލުމާއެކު ބޮޑުވުން ކަމުގައިވާތީ "ދަރުމައަށް ކުދިން ބެލެހެއްޓުމަށް ހަވާލުކުރުމުގެ އުސޫލު"ގެ ދަށުން ކުދިން ފޮސްޓަރކުރުމަށް ޝައުޤުވެރިކަން ފާޅުކުރާ ދެމަފިރިންނަށް ކަނޑައެޅިފައިވާ ހާއްސަ ޝަރުޠުތަކެއްގެ މަތިން ކުދިންގެ ބެލެނިވެރިކަން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީން އަންނަނީ ހަވާލު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް