ކ. މާލެ
|
26 މެއި 2018 | ހޮނިހިރު 05:29
ތޫފާން މެކުނު އޮމާންއަށް އެރުން
ތޫފާން މެކުނު އޮމާންއަށް އެރުން
ގަލްފް ޓައިމްސް
ތޫފާން މެކުނު
ތޫފާން މެކުނު އޮމާންއަށް އަރައިފި
އުމުރުން 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ވަނީ މަރުވެފައި
ޔަމަންގެ ސޮކޮޓްރާއަށް ވެސް ތޫފާން މެކުނު އަރައި 40 ވަރަކަށް މީހުން ގެއްލިފައިވޭ

ތޫފާން މެކުނު އޮމާންއަށް އަރައި ކުޑަކުއްޖަކު މަރުވެއްޖެއެވެ.

އައްސޭރިފަށުގައި އޮންނަ ސަލާލާއަށް ތޫފާން މެކުނު އަރާފައިވަނީ ހޮނިހިރު ދުވަހުއެވެ. އޮމާންގެ ފުލުހުން ނެރުނު ބަޔާނެއްގައިވަނީ މި ތޫފާން އެރުމުގެ ސަބަބުން އުމުރުން 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކު މަރުވެފައިވާކަން ކަށަވަރު ކޮށްދީފައެވެ. ތޫފާން މެކުނު އެރި ވަގުތު ވައިގަދަވުމުގެ ސަބަބުން އެ ކުއްޖާ ގޮސް ޖެހުނީ ފާރެއްގައި ކަމަށް ވެސް އޮމާން ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޔަމަންގެ ސޮކޮޓްރާއަށް ވެސް ތޫފާން މެކުނު އަރައި 40 ވަރަކަށް މީހުން ގެއްލިފައިވާއިރު 230 އާއިލާއެއް ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. ގަލްފް ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން ތޫފާން މެކުނުގެ ސަބަބުން ސޮކްޓްރާ އެއްކޮށް ފެންބޮޑުވެ، ކަރަންޓު ކެނޑި، މުވާސަލާތީ ހުރިހާ ވަސީލަތެއް ވަނީ ކެނޑިފައެވެ. ތުފާން އެރިތާ އިރުކޮޅެއް ފަހުން ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ އިން ވަނީ އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އޮމާންގެ ސިވިލް ޑިފެންސް އޮތޯރިޓީން ވަނީ 10,000 އަށްވުރެ ގިނަ މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. އެ ޤައުމުގެ ރައްޔިތުން ވެސް ގޭގައި ތިބުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކަމާބެހޭ ވުޒާރާތަކުން ވަނީ ތޫފާން މެކުނުގެ ސަބަބުން އަސަރުކޮށްފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދުމުގެ މަގު ތަނަވަސްކޮށްދީފައެވެ. އެގޮތުން މިހާރުވެސް 600 ވަރަކަށް މީހުން ދަނީ އެ ޤައުމުގެ ބައެއް ސުކޫލުތަކުގައި ބޯހިޔާވަހިކަން ހޯދަމުންނެވެ.

އިންޑިއާގެ ކަނޑުގެ ސިފައިންގެ ދެ މަނަވަރު އެހީއާއެކު އޮމާން އަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

 

   

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް