މިހާރު ފުރައްވަމުން ގެންދަވާ ވެރިކަމުގެ ދައުރު 2024 ވަނަ އަހަރު ނިމުމުން ދެން ވެރިކަމަށް ކުރިމަތި ނުލައްވާނެ ކަމަށް ރަޝިއާގެ ރައީސް ލެޑްމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.
"ގާނޫނު އަސާސީގައި ލިޔެފައިވަނީ އެއްވެސް މީހަކަށް ޖެހިޖެހިގެން ދެ ދައުރަށްވުރެން ގިނައިން ކުރިމަތި ނުލެވޭނެކަމަށް، އަޅުގަނޑު އެ ޤަވާއިދަށް ތަބާވާނަން"، ޕޫޓިން ވިދާޅުވެފައިވެއެވެ.
އުމުރުފުޅުން 65 އަހަރުގެ ޕޫޓިން ވަނީ 1999 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ރަޝިއާގެ ރައީސްކަން ކުރެއްވުމަށް ފަހު އެ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް އެ ގައުމުގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އަދި އެ މަގާމު އަދާކުރެއްވުމަށް ފަހު މި އަހަރުގެ މާރޗް މަހު ޕޫޓިން ވަނީ ހަ އަހަރުގެ ރިޔާސީ އިތުރު ދައުރަކަށް ފަސޭހަކަމާއެކު ހޮވިވަޑައިގެންފައެވެ.
މި އަހަރުގެ މެއި 18 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ރައީސް ޕޫޓިން ވަނީ ވޯޓްގެ 75 އިންސައްތަ ކާމިޔާބު ކުރައްވާފައެވެ.
އެ އިންތިޚާބުގައި ކޮމިއުނިސްޓް ޕާޓީގެ ކެނޑިޑޭޓް ޕަވަލް ގްރުޑިނިންއަށް 13 އިންސައްތަ ލިބިވަޑައިގެންނެވިއިރު ނޭޝަނަލިސްޓް ޕާޓީގެ ލެޑްމިއަރ ޒިރިނޮވްސްކީއަށް ލިބިވަޑައިގެންފައި ވަނީ 6 އިންސައްތަވެ.