އައްޑޫ ސިޓީ ހިތަދޫގައި ރުކަކުން ވެއްޓި ފިރިހެނެއް މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާ މަރުވެގެން ފުލުހުންނަށް އަންގާފައިވަނީ އިރުއޮއްސި 6:00 ޖެހިއިރު ކަމަށެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ހިތަދޫ ހޮސްޕިޓަލް ހިންގެވުމާ ހަވާލު ހުންނެވި އިސް ފަރާތް މުހައްމަދު ނަޖީބް ވިދާޅުވީ މަރުވި މީހާ އަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެނައީ 03:30 ހާއިރު ކަމަށާއި އޭނާ މަރުވީ ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
މުހައްމަދު ނަޖީބް އިތުރަށް ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެނެވުނުއިރު ވެސް ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި އަތް ވެސް އޮތީ ބިންދައިގެން ގޮސްފައި ކަމަށެވެ.
މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން އޭނާ ރުކަށް އެރީ ގޭ ކައިރީ މީހަކު ބުނެގެން ކުރުނބާ އަޅައިދިނުމަށެވެ. އަދި އޭނާ ވެއްޓުނީ ރުއްދަށުގައި ހުރި ގާ ފުންޏެއްގެ މައްޗަށް ކަމަށްވެސް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.