ފާއިތުވި އޭޕްރީލްމަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރުގެ އޭޕްރީލްމަހާ އަޅާބަލާއިރު 16 އިންސައްތަ ވަނީ އިތުރުވެފައެވެ.
މިދިޔަ އަހަރުގެ އޭޕްރީލްމަހު ދިވެހިރާއްޖެއަށް 3.25 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު މިއަހަރުގެ އޭޕްރީލް މަހު މި އަދަދު ވަނީ 3.77 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 21 އިންސައްތަ ޔޫ.އޭ.އީ އިން އިމްޕޯޓް ކޮށްފައިވާއިރު، ސިންގަޕޫރުން 13 އިންސައްތަ އަދި ޗައިނާ އިން 12 އިންސައްތަ މުދާ ވަނީ އެތެރެ ކޮށްފައެވެ.
އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރުގެ އޭޕްރީލްމަހާއި އަޅާ ބަލާއިރު ހުސްވި އޭޕްރީލް މަހު %31 ވަނީ އިތުރުވެފައެވެ. މިއަހަރުގެ އޭޕްރީލް މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 262 މިލިއަން ރުފިޔާ ލިބިފައިވާއިރު 2017 ވަނަ އަހަރުގެ އޭޕްރީލް މަހު ލިބިފައިވަނީ 200 މިލިއަން ރުފިޔާއެވެ.
ފާއިތުވި އޭޕްރީލްމަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު 2017 ވަނަ އަހަރުގެ އޭޕްރީލްމަހާ އަޅާބަލާއިރު 77 އިންސައްތަ ވަނީ އިތުރު ވެފައިވެއެވެ. 2017 ވަނަ އަހަރުގެ އޭޕްރީލްމަހު 208 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވާއިރު، 2018 ވަނައަހަރުގެ އޭޕްރީލްމަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރު ވަނީ 368 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.
ދިވެހިރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ އޭޕްރިލް މަހު އެކްސްޕޯޓްކުރި މުދަލުގެ 50 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓް ކޮށްފައިވާއިރު، 8 އިންސައްތަ އެކްސްޕޯޓް ކޮށްފައިވަނީ ޖަރުމަންވިލާތަށެވެ. އިނގިރޭސިވިލާތަށް އަދި އެމެރިކާއަށް 7 އިންސައްތަ އަދި ފަރަންސޭސިވިލާތަށް 6 އިންސައްތަ އެކްސްޕޯޓް ކޮށްފައިވެއެވެ.