އަނެއްކާވެސް ދައްކަން މިޖެހެނީ މެލޭޝިއާގެ އާއްމު އިންތިޚާބުގެ ވާހަކައެވެ. ރާއްޖޭގެ ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނައިރު، މެލޭޝިއާގެ އާއްމު އިންތިޚާބާއި ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ހުރި އެއްގޮތް ކަންތައްތައް ގިނަކަމުންނެވެ. މެލޭޝިއާގައި ބޭއްވީ ބަރުލަމާނީ އިންތިޚާބަކަށްވެފައި، ރާއްޖޭގައި ބާއްވަނީ ރިޔާސީ އިންތިޚާބެއްނަމަވެސް، އިންތިޚާބުގެ ވަށައިގެން ހިނގަމުންދާ ކަންތައްތަކާއި، ސިޔާސީ މަސްރަހަށް އަންނަ ބަދަލުތައް ދާދި އެއްގޮތެވެ.
މެލޭޝިއާގައިވެސް ފެނިގެން ދިޔައީ ކޮރަޕްޝަނާއި ފަސާދައިން ފުރިގެންވާ ސަރުކާރަކާއި ދެކޮޅަށް ރައްޔިތުން ތެދުވެ، ނުވެއްޓޭނެކަން ޔަޤީނާއި ގާތަށް އޮތް ސަރުކާރެއް ވައްޓާލިތަނެވެ. ވަން އެމްޑީބީ އިން އެތައް މިލިއަން ޑޮލަރެއް ވެރިކަމުގައި ހުންނެވި ބޮޑުވަޒީރު ނަޖީބު ރައްޒާޤުގެ އަމިއްލަފުޅު އެކައުންޓަށް ވަތްކަމަށް ކުރެވޭ ބޮޑެތި ތުހުމަތުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ސަރުކާރާއި މެދު އޮތް އިތުބާރު އެއްކޮށް ގެއްލުނެވެ. ނަތީޖާއަކަށްވީ އާޚިރުގައި ނަޖީބު ރައްޒާޤު ބޮޑުވަޒީރުކަމަށް ގެންނެވުމަށް މަސައްކަތްކުރެއްވި، އަދި އެމަނިކުފާނުގެ ސިޔާސީ މުދައްރިސު ކަމަށްވާ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު އެމަނިކުފާނާއި އިދިކޮޅަށް ތެދުވެވަޑައިގަތުމެވެ. އެތައް ޒަމާނެއް ވަންދެން އެމަނިކުފާނު ވެރިކަންކުރެއްވި އަމްނޯ ޕާޓީއާއި ދުރަށް ވަޑައިގެން، އިދިކޮޅު ފަރާތްތަކާއި ގުޅި، ކުރީގެ ހަތުރުން މިތުރުންނަށް ހެއްދެވިއެވެ. އަދި އެންމެ ފަހުން އާއްމު އިންތިޚާބު ކާމިޔާބުކުރައްވައި، 61 އަހަރު ވަންދެން މެލޭޝިއާގައި ވެރިކަންކުރި ބަރިސާން ނޭޝަނަލް ކޯލިޝަންގެ ވެރިކަން ނިމުމަކަށް ގެނުވިއެވެ.
ދެން އޮތީ ރާއްޖެއެވެ. ދެންމެ މިދެންނެވި ވާހަކަތައް ރާއްޖޭގެ މާހައުލަށް ފައްތަން ކުރަން ޖެހޭހާވެސް ކަމަކީ ބައެއް ތަންތަނާއި މީސް މީހުންގެ ނަންތައް ބަދަލުކޮށްލުމެވެ.
ރާއްޖޭގައި ފެނިގެން ދަނީ ކޮރަޕްޝަނާއި ފަސާދައިން ފުރިގެންވާ ސަރުކާރަކާއި ދެކޮޅަށް ރައްޔިތުން ތެދުވެ، ނުވެއްޓޭނެކަން ޔަޤީނާއި ގާތަށް އޮތް ސަރުކާރެއް ބަދަލުކުރަން މަސައްކަތްކުރާތަނެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ އެތައް މިލިއަން ޑޮލަރެއް ވެރިކަމުގައި ހުންނެވި ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ވަތްކަމަށް ކުރެވޭ ބޮޑެތި ތުހުމަތުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ސަރުކާރާއި މެދު އޮތް އިތުބާރު އެއްކޮށް ގެއްލުނެވެ. ނަތީޖާއަކަށްވީ އާޚިރުގައި ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށް މަސައްކަތްކުރެއްވި، އަދި އެމަނިކުފާނުގެ ސިޔާސީ މުދައްރިސު ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އެމަނިކުފާނާއި އިދިކޮޅަށް ތެދުވެވަޑައިގަތުމެވެ. އެތައް ޒަމާނެއް ވަންދެން އެމަނިކުފާނުގެ އަރިހުގައި އުޅުއްވި ބޭފުޅުންނާއި ދުރަށް ވަޑައިގެން، އިދިކޮޅު ފަރާތްތަކާއި ގުޅި، ކުރީގެ ހަތުރުން މިތުރުންނަށް ހެއްދެވިއެވެ.
ގާތްގަނޑަކަށް އެއް ވާހަކައެއް، އެހެން ނޫންތޯއެވެ؟
ދެން އޮތީ އިންތިޚާބުގެ ފަހުން އައި ވާހަކަތަކެވެ. މެލޭޝިއާގެ އާއްމު އިންތިޚާބުގެ ދުވަސްވަރު އޭރުގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤްގެ އެންމެ ބޮޑު އެއް ސަޕޯޓަރެއްގެ ގޮތުގައި ފެނިގެން ދިޔައީ މެލޭޝިއާގެ އެންމެ ބޮޑު އެއްކުންފުނި އެއަރ އޭޝިއާގެ ވެރިޔާ ޓޯނީ ފެނާންޑޭޒްއެވެ. ސަޕޯޓް ކުރައްވަމުން ގޮސް، އެންމެ ފަހުން އެއަރއޭޝިއާގެ މަތިންދާބޯޓެއްގައި ސީދާ ނޫ ކުލަ ލިއެވެ. ވޯޓުލުން އޮތް ދުވަސްކަމަށްވާ މެއި މަހުގެ 9ވަނަ ދުވަހު ވޯޓުލާ މީހުން އުފުލުމަށް ޚާއްސަ ފްލައިޓްތަކެއް ބޭއްވިއިރު، އިންތިޚާބާއި ބެހޭ ގޮތުން ފްލައިޓްތަކުގެ ކެޕްޓަނުން ދިން އެނައުންސްމަންޓްތަކުގެ ސަބަބުން މިވަނީ ކިހިނެއްހޭ އެތައް ބަޔަކު އެހިއެވެ. މީގެ އިތުރުން އޭނާގެ ވިޔަފާރީގެ ކާމިޔާބީއަކީ މެލޭޝިއާގެ އޭރުގެ ސަރުކާރުކަމަށް ވިދާޅުވެ، ވީޑިއޯ ކްލިޕްތައް އާއްމުކުރެއްވިއެވެ.
އެހެންނަމަވެސް އިންތިޚާބުން ނަޖީބު ރައްޒާޤް ބަލިވުމުން މުޅި މަންޒަރު ބަދަލުވެގެން ދިޔައެވެ. ފަރުދާ ކަހާލެވި، ހަޤީގަތް ހާމަވިއެވެ. އެހުރިހާ ކަމަކީ ޓޯނީ ފެނާންޑޭޒްއަށް ސަރުކާރުން ޕްރެޝަރކޮށްގެން ކުރުވި ކަންކަން ކަމަށާއި، އެކަމަށް މަޢާފަށް އެދޭކަމަށް އޭނާ ވިދާޅުވިއެވެ. ވިޔަފާރިއަށް ސަރުކާރުން ކުރިމަތިކުރުވި ޕްރެޝަރގެ ވާހަކަ ދެއްކެވިއެވެ.
ދެން އޮތީ ރާއްޖެއެވެ. ހަމައެފަދަ މަންޒަރުތަކެއް ރާއްޖެއިން ފެންނާނެކަމަށް ބެލެވެއެވެ. އިންތިޚާބުން ރައީސް ޔާމީން ބަލިވެއްޖެނަމަ، ނިކުމެ ޓީވީއަށް އަރައި "ސަރުކާރުން މަޖުބޫރުކުރީ"އޭ ބުނާނީ ކިތައް ވިޔަފާރިވެރިން ހެއްޔެވެ؟ ސަރުކާރުން ޕްރެޝަރ ކުރާއިރަށް ކޮޅު ބަދަލުކޮށްލި ކިތަންމެ ވިޔަފާރިވެރިއެއް ފެނިގެން ދިޔައެވެ. ދެން އޮތީ ނޮވެމްބަރު މަހުގެ ފަހުކޮޅު ރާއްޖެއިން ފެނިގެން ދަނީ ކިތައް ޓޯނީ ފެނާންޑޭޒްތޯ ބެލުމެވެ.