ކ. މާލެ
|
15 މެއި 2018 | އަންގާރަ 13:52
ރެޑްކްރެސެންޓުން ހަރަކާތްތެރިވަނީ
ރެޑްކްރެސެންޓުން ހަރަކާތްތެރިވަނީ
މޯލްޑިވިއަން ރެޑް ކްރެސެންޓް
ރެޑްކްރެސެންޓް ކެމްޕެއިން
ރުފިޔާއެއް ކެމްޕެއިން ރެޑްކްރެސެންޓުން ފަށައިފި
މިއީ ފަންޑްރެއިސިންގ ކެމްޕޭނެއް
ކުއްލި ޙާލަތްތަކަށް އިޖާބަދޭ ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕޭނެއް

ދިވެހި ރާއްޖޭގައި އިންސާނިއްޔަތަށްޓަކައި މަސައްކަތް ކުރާ އެންމެ ބޮޑު ޖަމާޢަތް ކަމަށްވާ ދިވެހި ރެޑް ކްރެސެންޓުން ރަމަޟާން މަހާ ދިމާކޮށް "ރުފިޔާއެއް ކެމްޕޭން 2018" ގެ ނަމުގައި ފަންޑްރެއިސިންގ ކެމްޕޭނެއް ފަށައިފިއެވެ.

މި ކެމްޕޭނަކީ ރެޑް ކްރެސެންޓްގެ އިމަރޖެންސީ ރެސްޕޮންސް ފަންޑް ނުވަތަ ކުއްލި ޙާލަތްތަކަށް އިޖާބަދޭ ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

ރެސްޓޯރެންޓުތަކާއި ކެފޭތަކާ ގުޅިގެން ހިންގާ މި ކެމްޕޭނުގެ ދަށުން ކެމްޕޭނުގައި ބައިވެރިވާ ކޮންމެ ރެސްޓޯރެންޓް އަދި ކެފޭއަކުން، ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 60 ދުވަސް ވަންދެން، އެ ތަނަކުން ޚިދުމަތް ލިބިގަންނަ ކޮންމެ ކަސްޓަމަރެއްގެ ބިލަށް އަރާ ޖުމްލަ އަދަދުގެ ތެރެއިން 1 ރުފިޔާ ދިވެހި ރެޑްކްރެސެންޓަށް ހަދިޔާ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި އޮންނާނެ ކަމަށް އެ ޖަމާއަތުން ބުނެއެވެ.

މިއަހަރު މިކެމްޕޭނުގައި 10 ފަރާތަކުން ވަނީ ގުޅިފައެވެ. އަދި ކެމްޕޭނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރެޑް ކްރެސެންޓާ ގުޅާ ކެމްޕޭނާ ގުޅޭނެ ގޮތުގެ މައުލޫމާތު އޮޅުން ފިލުވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ޤާނޫނު ނަންބަރު 7/2009 ގެ ދަށުން ދިވެހި ރެޑް ކްރެސެންޓް އުފެދިފައިވަނީ 16 އޮގަސްޓް 2009 ގައެވެ.

ދިވެހި ރެޑް ކްރެސެންޓުގެ އަސާސީ މަޤުޞަދަކީ ހާލުގައި ޖެހިފައިވާ ފަރާތްތަކާއި ނާޒުކު ނިކަމެތި ފަރާތްތަކަށް އިންސާނިއްޔަތުގެ އެހީތެރިކަން ފޯރުކޮށް ދިނުމުގައި މުސްތަޤިއްލު ކަމާއިއެކު މަސައްކަތްކޮށް، އެފަރާތްތައް އެފަދަ ހާލަތްތަކުން ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމެވެ.

ރާއްޖޭގެ 20 ރަށެއްގައި 2000 އަށް ވުރެ ގިނަ ދަރުމަވެރިން، މެމްބަރުން އަދި މުވައްޒަފުންނާއެކު ދިވެހި ރެޑް ކްރެސެންޓުން މައިގަނޑު 3 ދާއިރާއަކުން ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. އެއީ ސިއްޙަތާ ދުޅަހެޅޮކަން އިތުރުކުރުމާ، ކާރިޘާތަކަށް ތައްޔާރުވެ އިޖާބަ ދިނުމާ، ޒުވާނުންގެ ގާބިލްކަން އިތުރުކޮށް ބާރުވެރި ކުރުމުގެ ދާއިރާ އިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް