ދިރާގުން ކުޑަކުދިންގެ ދުވަހާއި ގުޅިގެން ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ކުޑަކުދިންގެ ތެލެސީމިއާ ވޯޑެއް ގާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެ ވޯޑް ގާއިމުކޮށްދިނުމުގެ ގޮތުން ވޯޑަށް ބޭނުންވާ ބައެއް މުހިންމު މެޑިކަލް އިކުއިޕްމަންޓާއި އާލާތްތައް ދިރާގުން ވަނީ އެ ހޮސްޕިޓަލަށް ހަދިޔާކޮށްފައިއެވެ.
މި އެހީތެރިކަން ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ ޑައިރެކްޓަރ އަބްދުލް ހަންނާންއާ ހަވާލު ކޮށްދެއްވީ ދިރާގުގެ ލ. އަތޮޅު ރީޖަނަލް އޮޕަރޭޝަން ސެންޓަރގެ މެނޭޖަރ އަހުމަދު އަލީއެވެ.
ކުޑަކުދިން ހިމާޔަތްކުރުމާއި އެހީތެރިވުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ވަރަށް މުހިންމު ދާއިރާއަކަށްވެފައި އެކަމަކީ އެ ޒިންމާގެ ދަށުން ކުރެވިގެން ދިޔަ އެހީތެރިކަމެއް ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
ދިރާގުން ވަނީ އެކި ގޮތްގޮތަށް ކުޑަކުދިން ހިމާޔަތް ކުރުމާއި ކުޑަކުދިންގެ ތައުލީމާއި ތަރައްގީއަށް މަސައްކަތްކުރާ އެކި ޕްރޮގްރާމް ތަކަށް އެހީތެރިކަން ފޯރުކޮށްދީފައިއެވެ. އެގޮތުން ސްކޫލްތަކުގެ ސްޕެޝަލް އެޑިޔުކޭޝަން ނީޑްސް ކްލާސްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، ކެއަރ ސޮސައިޓީ، އާކް، ފަދަ ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ތަފާތު ޖަމިއްޔާތަކާއިއެކު އެ ކުންފުނިން މަސައްކަތްކުރެއެވެ.
ކޮންމެ އަހަރަކު ދިރާގުން ބާއްވަމުން އަންނަ ދިރާގު ސްޕެޝަލް ސްޕޯރޓްސް ފެސްޓިވަލަކީ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކުރެވިގެން ބޭއްވޭ އެންމެ ބޮޑު ހަރަކާތެވެ.