ކ. މާލެ
|
3 މެއި 2018 | ބުރާސްފަތި 09:39
ދެކުނު ކޮރެއާގައި ޤާއިމްވެތިބޭ އެމެރިކާ ސިފައިންގެ ލަޝްކަރުގެ ބައެއް
ދެކުނު ކޮރެއާގައި ޤާއިމްވެތިބޭ އެމެރިކާ ސިފައިންގެ ލަޝްކަރުގެ ބައެއް
އޭއެފްޕީ
އުތުރު ކޮރެއާ - ދެކުުނު ކޮރެއާ
އުތުރު ކޮރެއާއިއެކު ސުލްހަވިޔަސް، އެމެރިކާ ސިފައިން ދެމިތިބޭނެ: ދެކުނު ކޮރެއާ
ކޮރެއާ ހަނގުރާމަ ނިމުނު ފަހުން ދެކުނު ކޮރެއާގައި އަބަދުވެސް އެމެރިކާ ސިފައިން ތިބޭ
އެމެރިކާގެ 29،000 ސިފައިން ދެކުނު ކޮރެއާގައި އެބަތިބި

އުތުރު ކޮރެއާ އާއިއެކު ސުލްހަވެ، ކޮރެއާ ހަނގުރާމަ ނިމުނުކަމުގެ އެއްބަސްވުމެއް ޤާއިމްކުރި ނަމަވެސް ދެކުނު ކޮރެއާގައި އެމެރިކާ ސިފައިން ދެމިތިބޭނެ ކަމަށް ދެކުނު ކޮރެއާއިން ބުނެފިއެވެ.

1953 ވަނަ އަހަރު ކޮރެއާ ހަނގުރާމަ ނިމުމަކަށް އައުމަށް ފަހު އެމެރިކާއާއި ދެކުނު ކޮރެއާއާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ދެކުނު ކޮރެއާގައި އަބަދު ވެސް އެމެރިކާ ސިފައިން ތިބެއެވެ. ޚާއްސަކޮށް ދެކޮރެއާ ގުޅޭ ސަރަހައްދީ އިމުގައި ސަލާމަތީ ކަންކަން ބަލަހައްޓަން އދގެ ފަރާތުން ތިބޭ ސިފައިންގެ ތެރޭގައި އެމެރިކާގެ ބޮޑު ފައުޖެއް އޮވެއެވެ. ދެކުނު ކޮރެއާގައި ޤާއިމްވެތިބޭ އެމެރިކާ ސިފައިންގެ އަދަދު 29،000 އަށް އަރައެވެ. 

ދެކުނު ކޮރެއާގައި އެމެރިކާ ސިފައިން ތިބުމަކީ އުތުރު ކޮރެއާއިން ވަރަށް ކަންބޮޑުވާ މައްސަލައެކެވެ. އަދި ނިއުކްލިއަރ ހަތިޔާރު ދޫކޮށްލުމުގެ އެއް ޝަރުތެއްގެ ގޮތުގައި ދެކުނު ކޮރެއާއިން އެމެރިކާ ސިފައިން ފޭބުން އުތުރު ކޮރެއާއިން އެއް އިރެއްގައި ހުށަހެޅިއެވެ. އެހެން ނަމަވެސް މިދިޔަ ހުކުރު ދުވަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިން ބައްދަލުކުރައްވައި ދެކެވުނު ވާހަކަތަކުގެ ތެރޭގައި އެމައްސަލަ ހިމެނިފައެއް ނުވެއެވެ. 

ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިންގެ ތަރުޖަމާނު ކިމް އުއި-ކެޔޮމް ވިދާޅުވީ ދެކުނު ކޮރެއާގައި އެމެރިކާ ސިފައިން ތިބެނީ އެދެޤައުމުގެ މެދުގައި އޮންނަ ގުޅުމެއްގެ ތެރެއިން ކަމަށެވެ. ދެކުނު ކޮރެއާގައި އެމެރިކާގެ އެއްގަމު ސިފައިންނާއި ކަނޑުގެ ސިފައިންގެ އިތުރުން މެރީންސް އަދި ވައިގެ ސިފައިން ތިބެއެވެ.

ދެކުނު ކޮރެއާއިން އެމެރިކާ ސިފައިން ނުފައިބާނެ ކަމަށް ދެކުނު ކޮރެއާއިން ބުނި ނަމަވެސް، ދެކުނު ކޮރެއާގައި އެމެރިކާ ސިފައިން ބައިތިއްބަން މާ ބޮޑު ޚަރަދެއް އެމެރިކާއިން ކުރަނީ ކީއްވެތޯ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މީގެ ކުރިން ސުވާލު އުފައްދަވާފައެވެ. އަދި ދާދިފަހުން ދެކުނު ކޮރެއާގެ ޕިޔޮންގްޗެންގައި ނިމިިގެން ދިޔަ ފިނިމޫސުނުގެ އޮލިމްޕިކްސްގެ ކުރިން ދެކުނު ކޮރެއާއިން އެމެރިކާ ސިފައިން ބޭލުމަށް ޑޮނަލްޑް ޓްރަމްޕް އުޅުއްވި ވާހަކަ އެމެރިކާގެ މީޑިއާގައި ފެތުރުނެވެ. އެހެން ނަމަވެސް ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ޖޯން ކެލީ ވިދާޅުވީ އެއީ ތެދު ޚަބަރެއް ނޫން ކަމަށެވެ. 

ޔޫއެސް ޕެސިފިކް ކޮމާންޑްގެ ދަށުން ކޮރެއާގައި ޤާއިމްވެ ތިބޭ އެމެރިކާ ސިފައިން ދޭތެރެ ދޭތެރެއިން ދެކުނު ކޮރެއާ ސިފައިންނާއިއެކު ޖޮއިންޓް ޓްރެއިނިންގތައް ބާއްވައެވެ. އުތުރު ކޮރެއާއިން މީގެ ކުރިން އެތަމްރީންތައް ސިފަކުރަނީ އުތުރު ކޮރެއާގެ ޤައުމީ ސަލާމަތަށް ކުރާ ނުރައްކަލެއްގެ ގޮތުގައެވެ. 

- ކޮމެންޓް