މޭޑޭ އަކީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހެވެ. 2015 ވަނަ އަހަރުގެ މޭޑޭގައި ރާއްޖޭގައި މި ފަހުގެ ތާރީޚެއްގައި ބޭއްވުނު އެންމެ ބޮޑު އެއްވުން ބޭއްވިގެން ދިޔައެވެ. އެއީ ދިވެހި މަސައްކަތްތެރިންވެސް ހިމެނޭ ގޮތަށް ސަރުކާރު ޒިންމާދާރު ކުރުވުމަށް ބޭއްވުނު ބޮޑު މާސިންގާ މުޒާހަރާއެކެވެ.
ގިނަ ބަޔަކު މިހާރުވެސް ބުނާގޮތުގައި، ސަރުކާރު ޒިންމާކުރުވުމަށް ސިޔާސީ އެކި ޕާޓީތައް އެކައްޗެއް ކިޔާ ނުކުތް މޭޑޭ މުޒާހަރާއަކީ، ނަތީޖާ ނެރެވުނު އަދި ސަރުކާރު ގުޑުވާލެވުނު ބޮޑު އެއްވުމެކެވެ.
އުމުރުން އޭރު އެންމެ 18 އަހަރުގެ އިބްރާހިމް ލަބާން ޝަރީފް ރައްޓެހި ކުދިން ކޮޅަކާއި އެކު ގެއިން ނުކުތީ އާދައިގެ މަތިން ރަށްޓެހިންނާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. މިޒާޖުގައި މަޑުމައިތިރި ހިތްހެޔޮ ލަބާން އަކީ އޭގެކުރިން ދުވަހަކުވެސް މުޒާހަރާއަކަށް ގޮސްފައިވާ ޒުވާނެއް ނޫނެވެ. ލަބާންއަށް މޭޑޭގެ މުޒާހަރާގެ ތެރެއަށް ގޮސް ވަދެވުނީ މަޖިީދީ މަގާއި ޗާނދަނީ މަގާއި ގުޅޭ ހިސާބުންނެވެ. އެ ސަރަހައްދުގައި އެއްވެފައި ތިބި މީހުންގަނޑުގެ ތެރެއިން ފުލުހުންނާއި އަދި އާއްމުންނާއި ކުރިމަތިލާ ހަމަނުޖެހުން ހިންގާ، އާންމު މީހެއްގެ ގައިގައި ފުލުހުންގެ ބަޔަކު އަނިޔާކުރަމުންދާއިރު، އޭނާއަށްވެސް އެހިސާބަށް އޭރު އާދެވިއްޖެއެވެ. އަދި އޭރު އެ ހިނގާ ދިޔަ ކަންތައް ގަނޑުގެތެރެއިން އޭނާވެސް މުޒާހަރާގެ ތެރެއަށް ވަދެވުނުވެ. އަދި އެ ހަމަލާއިން އާންމުންނަށް ލިބެމުން ދިޔަ އަނިޔާއިން އެމީހުން ސަލާމަތް ކުރުމަށް އޭނާވެސް މަސައްކަތް ކުރިއެވެ. އެ ކަންތައްގަނޑުގެ ތެރެއިން ލަބާން ލޭބަލް ވެގެން ދިޔައީ ފުލުހަކަށް ހަމާލާ ދިން މީހެއްގެ ގޮތުގައެވެ.
މުޒާހަރާގެ ތެރެއިން ފުލުސް މީހަކު ދަތިއަޅުވާލާ ވައްޓާލިކަމުގެ ތުހުމަތުގައި ލަބާން ހައްޔަރުކުރީ، މެއި މަހުގެ 4 ވަނަ ދުވަހުގެ ހަވީރު 5.40 އެހާކަންހާއިރު އެފްއޭއެމް ޓާފްދަނޑުގައި ޓީމުގެ ޕްރެކްޓިސްގައި ހުއްޓައި ކޯޓު އަމުރެއްގެ ދަށުންނެވެ. ހައްޔަރުކުރަން ދިޔައީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ތަހުގީގު ޓީމުން އޭނާ ބިޑި އަޅުވައިގެން ސީދާ ގެންދިޔައީ އޭނާގެ ގެ ކަމުގައިވާ މ. ބާންސަރީއަށެވެ.
އާއިލާގެ އެންެމެނަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ. ގަބޫލު ކުރަންވެސް ދަތިވިއެވެ. ސަބަބަކީ ލަބާން އަކީ މީހަކަށް އަނިޔާއެއްދީ އެފަދަ ކުށެއް ކޮށްފާނެ މީހެއްކަމަށް އާއިލާއަށް ގަބޫލު ކުރަން ދަތިވުމެވެ.
ލަބާން އަކީ ބަޝީރާ އަލީ އާއި، އަހުމަދު ޝަރީފުގެ ހަ ދަރީންގެ ތެރެއިން ދެވަނައަށް އެންމެ ދޮށީ ފިރިހެން ދަރިފުޅެވެ. ބަސްއަހާ އެ ދަރިފުޅު ކަސްތޮޅު އަޅުވައިގެން ކުރިމައްޗަށް ގެނައުމުން އެ ދެމަފިރިންނަށް ބުނާނެއެއްޗެއް ނޭގުނެވެ.
އީގަލްސްގެ ޒުވާން ކީޕަރު ލަބާން ފުލުހަކަށް ހަމަލާ ދިނުމުގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލުހުކުމެއް އިއްވީ ޖަލުގައި ހައްޔަރުކޮށް ގެންގުޅުނުތާ އަހަރަކަށްވުރެ ގިނަ ދުވަސްވީފަހުން 25 ޖުލައި 2016 ގައެވެ. އޭގެ ފަހުން މިހާރު ތިން އަހަރު ފާއިތުވެ ދިޔައީއެވެ. މުޅި އާއިލާގެ އުންމީދަކީ ޒުވާން ލަބާން ސަލާމަތް ވުމެވެ.
"އަޅުގަނޑުގެ ދަރިފުޅުވެސް ކުށެއް ނުކުރާނެއެކޭ ނުބުނާނަން، އެކަމަކު އޭނާއަށް ކުރީ ބޮޑު ހުކުމެއް. އެކަން ބަލައެއް ނުގަންނަން. އެއި އެކުއްޖާއަށް ދިން އަނިޔާއެއް،" ލަބާންގެ ބައްޕަ ބުންޏެވެ.
ލަބާންއާއި އެކު ހަމަ މި މައްސަލައިގައި އިތުރު ބަޔަކުވެސް ހައްޔަރުކޮށް ޖަލަށް ހުކުމް ކުރިއެވެ. އެއީ މާލޭ ދަފްތަރު 9130 މޫސާ ޝަރުމީލް، އާއި ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު، އާއި ލ. ގަން، މުކުރިމަގު އެއްގަމުގޭ ނާސިރާ އަލީ، އާއި ގދ. ގައްދޫ ލޮޓަސް ލައުޝާން އަހްމަދު ޒާހިރު، އާއި ތ. ގުރައިދޫ ރޯސްވިލާ އަހްމަދު އިބްރާހީމްގެ އިތުރުން ސ. ހުޅުދޫ އޮސްޓްރޭލިއާ އިބްރާހީމް އިބާދު އެވެ.
މީގެ ތެރެއިން ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނިކޮށެވެ. އޭނާ މަރުވީ ދޭންވާ އެކަށީގެންވާ ފަރުވާ ނުލިބި ލަސްވުމުންކަމަށް ގިނަބަޔަކު އަންނަނީ ބުމަމުންނެވެ.
ލ. ގަން، މުކުރިމަގު އެއްގަމުގޭ ނާސިރާ އަލީ ވެސް ވަނީ ޝަރުތު ތަކަކާއި އެކު ކްލެމެންސީ ބޯޑުން މިނިވަންކޮށްފައެވެ.
ޒުވާން ލަބާން ޖަލުގެ ތޭރިތަކުގެ އަނދިރިކަމުގެ ތެރޭގައި ހޭދަކުރާތާ ތިން އަހަރު ފާއިތުވެ ގޮސްފައިވާއިރު، އާއިލާގެ ދެން ތިބި އެއްބަނޑު އެއްބަފާ ކުދީންވެސް އެދެނީ ކުޅިވަރުގެ ދާއިރާގައި ވިދާލަމުން އައި ލަބާން ވީހާވެސް އަވަހަކަށް މިނިވަން ވުމެވެ.
ލަބާންގެ އެއްބަނޑު އެއްބަފާ ބޭބެ ލަމާން ޝަރީފު ބުނިގޮތުގައި އޭނާގެ ކޮއްކޮއަކީ ވަރަށް އުފާވެރި މިޒާޖެއްގެ މީހެއްނަމަވެސް މީހުންނަށް އިހުތިރާމް ކުރާ މީހެކެވެ. އަދި ފުޓުބޯޅައިން އެންމެ އުހަށް ދިއުމަކީ ލަބާންގެ ހުވަފެނެކެވެ. ލަބާން ބުނިގޮތުގައި ޖަލަށް ހުކުމް ކުރި ފަހުން ލަބާން ކުޅިވަރުގެ މަތީން ފޫހިވެ ދެން ދުވަހަކުވެސް ނުކުޅޭން ނިންމިއެވެ. ލަމާން ބުނިގޮތުގައި ސަބަބެއްވެސް އެބައޮތެވެ. އެއީ އޭނާއަށް އަޑުއިވުނު ގޮތުގައި ލަބާން ދަނޑުމަތީގައި ޕްރެކްޓިސްގައި ހުއްޓާ އޭނާ ހައްޔަރުކުރީ ލާބާންގެ މުޅި ކެރިއަރު ދުއްވާލުމަށް ކަމަށް ފުލުހުން ބުނިކަމަށް އޭނާއަށް މައުލޫމާތު ލިބިފައިވާކަމަށެވެ.
އެކަމަކު ފަހުން އޭނާ ހަމައަކަށް އެޅި، އާއިލީ ބައްދަލުވުން ތަކުގައި އާއިލާގެ މެންބަރުންނާއި ބައްދަލުކުރަނީ އުފާވެރި ހިނިތުން ވުމަކާއި އެކުގައެވެ. ލަމާން ބުނިގޮތުގައި، ލަބާންގެ މޫނުމަތިން ހަމަޖެހިފައި ހުންނަކަން ދައްކަން އަބަދުވެސް ހުންނަނީ އުފާވެރި ހިނިތުންވުމެއްގައެވެ.
"އެކަމު އަޅުގަނޑަށް ހަމަ ރީއްޗަށް އެނގޭ، އޭނާ ދެރަވާނެ ވަރު، ވަރަށް ހިތްވަރު ގަދަ އަސްލު ލަބާން، ވަރަށް ޑިސިޕްލިން ޖަލުގައިވެސް" ލަމާން ބުންޏެވެ.
ލަބާންގެ ބޭބެ ބުނިގޮތުގައި ފުޓުބޯޅައިގައި އޭނާ ބޮޑެތި ކާމިޔާބީތައް ހޯދަމުން އައީ ސުކޫލް ދައުރުއްސުރެއެވެ. އޭނާގެ ހުވަފެނަކަށްވީ ރާއްޖޭގެ އެންމެ މޮޅު ގޯލް ކީޕަރަށް ވުމެވެ. އެ އުންމީދު ގައި އޭނާ ގަދައަޅާ ކުރަމުން ދިޔަ މަސައްކަތް އޭނާގެ ކޮޓަރީން ރީއްޗަށް ފެންނާން ހުއްޓެވެ. ލިބިފައިވާ މެޑަލް ތަކާއި ޓްރޮފީތަކެވެ. އެތަކެތި ހުރީ ތަރުރީބުން އަތުރާލެވިފައެވެ. ހިރަފުސް އެރިޔަ ނުދީ ލަބާން އެނބުރި އަންނަންދެން ސާފުކޮށް ބަލަހައްޓަނީ، މަންމައެވެ.
ޖަލުގައި ހައްޔަރުކޮށް މި ފާއިތުވެ ދިޔަ ދިގު މުއްދަތުގައި ލަބާން ދައްކަމުންދަނީ އަހުލާގީ ރީތި ނަމުނާއެކެވެ. ނަތީޖާއަކީ މިއަދު ޖަލުގައިވެސް އެތަށް ބައެއްގެ ލޯތްބާއި އިތުބާރު ލިބި އޭނާއަކީ މިއަދު މާފުށީ ޖަލުގެ މުދިމަށް ވުމެވެ.
އެކަމަކު އާއިލާގެ އަބަދުމެ އުންމީދަކީ އެންމެ އަވަހަށް އަންނަ މާފު ދިނުމެއްގައި ލަބާން ސަލާމަތްވެގެން އެނބުރި އައިސް މުޖުތަމައުއަށް ފައިދާހުރި މީހެއްގެ ގޮތުގައި ފެނިގެން ދިއުމެވެ.