ކ. މާލެ
|
29 އޭޕްރިލް 2018 | އާދީއްތަ 17:12
ބޭލް ލަނޑު ޖަހަނީ
ބޭލް ލަނޑު ޖަހަނީ
ގެޓީ އިމޭޖަސް
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ބެންޗު ޓީމާއެކު ރެއާލްއަށް މޮޅެއް
މި މެޗު ރެއާލްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން

ސްޕެނިޝް ލަލީގާގައި ލެގާނޭސްއާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗު ޓީމުން ދެއްކި މޮޅު ކުޅުމާއެކު ރެއާލް މެޑްރިޑް ތިން ޕޮއިންޓް ހޯދައިފިއެވެ.

އަމިއްލަ ދަނޑު ކަމަށްވާ ސެންޓިއާގޯ ބާނެބެއުގައި ކުޅުނު މި މެޗު ރެއާލްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި ދެ ޓީމު ސީޒަނުގެ ކުރީކޮޅު ލެގާނޭސްގައި ދަނޑުގައި ކުޅުނު މެޗު ވެސް 3-1 އިން ކާމިޔާބުކުރީ ރެއާލްއެވެ. ރެއާލްގެ ފުރަތަމަ އެގާރައިން މި މެޗުގައި ގިނަ ބަދަލުތަކެއް ފެނިގެންދިޔައިރު ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާއި ދެކޮޅަށް ކުޅޭ މެޗަށް އިސްކަން ދިނުމުގެ ގޮތުން އެ ޓީމުގެ ފުރަތަމަ އެގާރައިން ފެނިފައިވަނީ ބެންޗު ޓީމުގެ ކުޅުންތެރިންނެވެ. އާންމުކޮށް ފުރަތަމަ އެގާރާގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން މި މެޗުގައި ފެނުނީ ހަމައެކަނި ކަސިމޭރޯ އަދި ބެންޒޭމާގެ އިތުރުން ގެރެތު ބޭލްއެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ރެއާލްއިންނެވެ. އެގޮތުން މެޗުގެ ހަތްވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ބޭލްއެވެ. މި ލަނޑަށް ފަހު ލެގާނޭސްއިން އެ ޓީމުގެ ކުޅުން ވަރުގަދަކުރިއިރު އެ ޓީމުން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ލެގާނޭސްގެ އަމްރަބާތު ފޮނުވާލި ހަމަލާއެއް ރެއާލްގެ ގޯލުގެ ހުރަސް ދަނޑީގައި ޖެހުނުއިރު ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ބޯޖާ މަޔޯރާލް ވަނީ ރެއާލްގެ ލީޑު ފުޅާކޮށްދީފައެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ރެއާލްއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ދެ ޓީމުން ފަރާތުން ވެސް ވަނީ ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން ލެގާނޭސްއިން މި ހާފުގައި ހަމަލާ އުފެއްދުމަށް މަސައްކަތްކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 66 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑަށް ފަހު ވެސް ދެ ޓީމަށް ވަނީ ނަތީޖާ ބަދަލުކުރުމަށް ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

ލަލީގާގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ލެވަންޓޭ އަދި ސެވިއްޔާ ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކުރީ ލެވާންޓޭއެވެ. ރެއާލް ސޮސިއެޑާޑް ވަނީ އަމިއްލަ ދަނޑުގައި 3-1 އިން އެތުލެޓިކް ބިލްބާއޯ ބަލިކޮށްފައެވެ. ހަމައެހެންމެ ވިޔަރެއާލް ވެސް ވަނީ 4-1 އިން ސެލްޓަ ވީގޯ ބަލިކޮށްފައެވެ.

ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ކުޅުނު 33 މެޗުން ލިބުނު 83 ޕޮއިންޓާއެކު ބާސެލޯނާ އޮތްއިރު 34 މެޗުން ލިބުނު 72 ޕޮއިންޓާއެކު އޮތީ އެޓްލެޓިކޯ މެޑްރިޑްއެވެ. ހަމައެހެންމެ އެ ޓީމުގެ ފަހަތުން ތިންވަނައިގައި 71 ޕޮއިންޓާއެކު ރެއާލް އޮތްއިރު 66 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތީ ވެލެންސިއާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް