ސްޕެއިންގެ ބާސެލޯނާގައި މިހާރު ކުރިޔަށްދާ އޭޓީޕީ ބާސެލޯނާ އޯޕެން ޓެނިސް ޗެމްޕިއަންޝިޕްގައި ކުޅުނު މެޗު ކާމިޔާބުކޮށް ކްލޭ ކޯޓުތަކުގައި ޖެހިޖެހިގެން 42 ސެޓު ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ކަމަށްވާ ސްޕެއިންގެ ރަފައޭލް ނަޑާލް ކާމިޔާބުކޮށްފިއެވެ.
ބާސެލޯނާ އޯޕެންގެ ކުއާޓާ ފައިނަލުގައި ދުނިޔޭގެ 140 ވަނައިގައި ރޭންކް ކުރެވިފައިވާ ސްލޮވާކިއާގެ މާޓިން ކައިޒާންއާ ދެކޮޅަށް ކުޅުނު މެޗު ނަޑާލް ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ނަޑާލް ގެންދިޔައީ 6-0 އަދި 7-5 އިންނެވެ. ނަޑާލް ކުއާޓާއަށް ދަތުރުކުރީ ސްޕެއިންގެ ގުއިލާމޯ ގާސިއާ ލޮޕޭޒް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ހަމައެހެންމެ ކައިޒާން ކުއާޓާއަށް ދަތުރުކުރީ ސްޕެއިންގެ ފެލީސިއާނޯ ލޮޕޭޒް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ.
އުމުރުން 31 އަހަރުގެ ނަޑާލް މި މުބާރާތް 10 ފަހަރު ކާމިޔާބުކޮށްފައިވާއިރު އޭނާ ސެމީގައި ނުކުންނާނީ ބެލްޖިއަމްގެ ޑޭވިޑް ގޮފިންއާ ދެކޮޅަށެވެ. ކްލޭ ކޯޓުތަކުގެ ރަސްގެފާނު ގޮތުގައި ލޭބަލް ވެފައިވާ ނަޑާލް ވަނީ އޯޕެން އެރާގައި އޭނާ ގާއިމުކޮށްފައިވާ ރެކޯޑު މި މޮޅާއެކު މުގުރާލާފައެވެ. އެގޮތުން އޭނާ ވަނީ ޖެހިޖެހިގެން 42 ސެޓު ކްލޭ ކޯޓުތަކުގައި ކާމިޔާބުކޮށްފައެވެ.
ގޮފިން ސެމީއަށް ދަތުރުކުރީ ސްޕެއިންގެ ރޮބާޓޯ ބައުޓިސްޓާ އޮގަޓް ދެ ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. ގާތްގަނޑަކަށް ދެ ގަޑިއިރާއި 30 މިނެޓަށް ދެމިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 7-6 އިން ބައުޓިސްޓާ ގެންދިޔައިރު ފަހުން ކުޅުނު ދެ ސެޓު ވެސް 6-2 އިން ގެންދިޔައީ ގޮފިންއެވެ.
މުބާރާތުގެ ދެވަނަ ސެމީގައި ވާދަކުރާނީ ގްރީސްގެ ސްޓެފާނޯސް ސިޓްސިޕިއާސް އަދި ސްޕެއިންގެ ޕަބްލޯ ކަރޭނޯ ބުސްޓާއެވެ. އުމުރުން 19 އަހަރުގެ ސްޓެފާނޯސް ސެމީގެ ޖާގައެއް ހޯދީ ކުއާޓާގައި ދުނިޔޭގެ ހަތްވަނައިގައި ރޭންކް ކުރެވިފައިވާ ޑޮމިނިކް ތިއެމްގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައިގެންނެވެ. ހަމައެހެންމެ ބުސްޓާ ސެމީގެ ޖާގައެއް ކަށަވަރު ކުރީ ދެވަނައަށް ސީޑު ކުރެވިފައިވާ ގްރިގޯ ޑިމިޓްރޯވް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ.
ދުނިޔޭގެ އެއްވަނަ މަގާމު ދިފާއު ކުރުމަށް ނަޑާލް ބާސެލޯނާ އޯޕެން ކާމިޔާބު ކުރަންޖެހެއެވެ. އޭނާއަށް މި މުބާރާތް ކާމިޔާބު ނުކުރެވިއްޖެނަމަ އަންނަ މަހު ނެރޭ ރޭންކިންގައި އެއްވަނަ މަގާމު ލިބޭނީ ސްވިޓްޒަލޭންޑްގެ ރޯޖާ ފެޑެރާއަށެވެ.