ކ. މާލެ
|
26 އޭޕްރިލް 2018 | ބުރާސްފަތި 19:20
އިބްރަހިމޮވިޗް ސްވިޑެންގެ ގައުމީ ޓީމުގެ ޖާޒީގައި
އިބްރަހިމޮވިޗް ސްވިޑެންގެ ގައުމީ ޓީމުގެ ޖާޒީގައި
ގެޓީ އިމޭޖަސް
ޒްލަޓަން އިބްރާހިމޮވިޗް
އިބްރަހިމޮވިޗް ވޯލްޑް ކަޕްގައި ނުކުޅޭނެކަން ކަށަވަރުވެއްޖެ
ސްވިޑެންގެ ގައުމީ ޓީމަށް އިބްރަހިމޮވިޗް ކުޅުން ހުއްޓާލީ 2016 ވަނަ އަހަރު
ސްވިޑެންގެ އެފްއޭއިން ވަނީ އޭނާ ނުފެންނާނެކަން ކަށަވަރުކޮށްދީފައި

ސްވިޑެންގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް އަންނަ ޖޫން މަހު ރަޝިއާގައި ފަށާ ފީފާ ވޯލްޑް ކަޕްގައި ނުކުޅޭނެކަން އެ ގައުމުގެ ފުޓްބޯޅަ އިދާރާއިން ކަށަވަރު ކޮށްދީފިއެވެ.

ޖޫން މަހުގެ 18 ވަނަ ދުވަހު ދެކުނު ކޮރެއާއާ ދެކޮޅަށް ސްވިޑެން ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު އެ ޓީމުގެ ސްކޮޑުގައި އިބްރަހިމޮވިޗް ހިމެނޭނެ ކަމަށް މީގެކުރިން ވަނީ ބެލެވިފައެވެ. މީޑިއާތަކުން ވަނީ އަލުން އަނބުރާ ގައުމީ ޓީމަށް އިބްރަހިމޮވިޗް ކުޅޭނެ ކަމަށް ބުނެ ރިޕޯޓު ކޮށްފައެވެ. މި ރިޕޯޓުތަކަށް ބާރު ލިބިގެންދިޔައީ މިދިޔަ ހަފްތާގެ ތެރޭގައި ވޯލްޑް ކަޕާ ގުޅޭ ގޮތުން އޭނާ ކުރި ޓްވީޓެއްގެ ސަބަބުންނެވެ. އިބްރަހިމޮވިޗް ކުރި ޓްވީޓްގައި އޭނާ ބުނީ ވޯލްޑް ކަޕްގައި އޭނާ ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

އެހެން ނަމަވެސް ސްވިޑެންގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ ވޯލްޑް ކަޕްގައި ވާދަކުރާ ސްވިޑެންގެ ގައުމީ ޓީމުގައި އިބްރަހިމޮވިޗް ނުހިމެނޭނެ ކަމަށެވެ. އެ ގައުމުގެ ގައުމީ ޓީމުގެ މެނޭޖަރު ލާސް ރައިޗްޓް މި ބަޔާނުގައި ބުނެފައިވަނީ އިބްރަހިމޮވިޗްއާ ބުރާސްފަތި ދުވަހު ވާހަކަ ދައްކާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ގައުމީ ޓީމުން ރިޓަޔާކުރަން ނިންމި ނިންމުން އަދިވެސް އޮތީ އެގޮތަށް ކަމަށް އިބްރަހިމޮވިޗް ބުނެފައިވާ ކަމަށެވެ. އެހެންކަމުން މޭ މަހުގެ 15 ވަނަ ދުވަހު އެ ގައުމުގެ ކޯޗު އިއުލާނުކުރާ ސްކޮޑުގައި އޭނާ ނުހިމެނޭނެ ކަމަށް ރައިޗްޓް ބުނެފައިވެއެވެ.

ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް ފަހު އެމެރިކާގެ މޭޖަރ ލީގު ސޮކާގެ އެލްއޭ ގެލެކްސީއަށް އޭނާ ބަދަލުވިއިރު އެ އަނިޔާއިން ރަނގަޅުވުމަށް ފަހު އިބްރަހިމޮވިޗް ވަނީ އެ ޓީމަށް ކުޅުނު ތިން މެޗުގައި ވެސް ލަނޑު ޖަހާފައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ޓޯކް ޝޯއެއް ކަމަށްވާ ޖިމީ ކިމެލް ލައިވްގައި ވާހަކަ ދައްކަމުން އިބްރަހިމޮވިޗް ބުނީ އޭނާ ވޯލްޑް ކަޕަށް ދާނެ ކަމަށާއި އެކަމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަން މިވަގުތު ބޭނުންނުވާ ކަމަށެވެ. އިބްރަހިމޮވިޗް ބުނީ އޭނާ ނެތި ބާއްވާ ވޯލްޑް ކަޕަކީ އެއީ ވޯލްޑް ކަޕެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ.

ސްވިޑެންގެ ކޯޗު ޖޭން އެންޑަސަން ބުނީ ގައުމީ ޓީމަށް އަލުން ކުޅެން ބޭނުންވާ ވާހަކަ އިބްރަހިމޮވިޗް އޭނާ ގާތު ބުނެފައިނުވާ ކަމަށާއި އަލުން އެނބުރި ގައުމީ ޓީމާއި ގުޅެން ބޭނުންވާނަމަ އިބްރަހިމޮވިޗް ޖެހޭނީ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަން ކަމަށެވެ. އޭނާ ބުނީ 2016 ވަނަ އަހަރުގެ ޔޫރޯއަށް ފަހު ރިޓަޔާ ކުރި ހުރިހާ ކުޅުންތެރިންނަށް ވެސް އެކަން އޮންނާނީ އެގޮތަށް ކަމަށެވެ.

އިބްރަހިމޮވިޗް ގައުމު ކަމަށްވާ ސްވިޑެން ވޯލްޑް ކަޕަށް ކޮލިފައިވާ އެތަކެއް ބަޔަކު ހައިރާން ކޮށްލުމަށް ފަހުއެވެ. އެގޮތުން އެ ޓީމު ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރު ކުރީ ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ވަރުގަދަ އިޓަލީގެ މައްޗަށް ޕްލޭއޮފްގެ ދެ ލެގުގައި 1-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

އިބްރަހިމޮވިޗް ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2016 ވަނަ އަހަރުގެ ޔޫރޯގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ފަހުއެވެ. ސްވިޑެން ގައުމީ ޓީމަށް 116 މެޗު ކުޅެފައިވާ އިބްރަހިމޮވިޗް ވަނީ އެ ޓީމަށް 62 ލަނޑު ޖަހައިދީފައެވެ. އޭނާއަކީ އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއަށް ވާއިރު އޭނާވަނީ އެ ގައުމުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު 11 ފަހަރު ހޯދާފައެވެ.

 

- ކޮމެންޓް