ކ. މާލެ
|
22 އޭޕްރިލް 2018 | އާދީއްތަ 19:18
ވަޅިން ހަމަލާދީ މަރާލި ލިޔުންތެރިޔާ، ޔާމީން ރަޝީދު
ވަޅިން ހަމަލާދީ މަރާލި ލިޔުންތެރިޔާ، ޔާމީން ރަޝީދު
ޓްވިޓަރ
ޔާމިން ރަޝީދުގެ މަރު
ޔާމިން ރަޝީދުގެ މަރުގެ ޝަރީއަތް ސިއްރު ކުރަންވީ ސަބަބެއް ނެތް
ޔާމިން މަރާލާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް 23ގައި

ވަޅިން ހަމަލާދީ މަރާލި ލިޔުންތެރިޔާ، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމުގެ ބަދަލުގައި ޝަރީއަތުގެ އަޑުއެހުންތައް ވަނީ ސިއްރުކޮށްފަ އެވެ. ސުވާލަކީ އޭގައި ފޮރުވަން އޮތީ ކޯއްޗެއް ހެއްޔެ؟

އޭޕްރީލް، 23، 2017 ގައި ޔާމީން މަރާލި މައްސަލައިގައި ދައުލަތުން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިދިޔަ ސެޕްޓެމްބަރު މަހު ފަށާފައިވާއިރު، މިހާތަނަށް ހުރިހާ އަޑުއެހުމެއް ވެސް ބޭއްވީ ސިއްރުކޮށްގެންނެވެ

މިކަމާ ގުޅިގެން މީހަކު ފަހަރެއްގައި ބުނެދާނެ އެވެ. އެމީހުންގެ މައްޗަށް ހިންގާ ޝަރީއަތް ތަކުގެ އަޑުއެހުންތަކަށް ނުވަނަސް ހުކުމް ކުރީމަ އެނގޭނެ ނޫން ހެއްޔެ؟ ނަމަވެސް ގާނޫނު އަސާސީގައި ހުޅުވާލެވިފައިވާ މިނިވަން އިންސާފުވެރި ޝަރީއަތްތަކެއް ހިންގުމަށް ބާރު އަޅަނީ ލިބެން ޖެހޭ ހައްގެއް ކަމަށްވާތީ އެވެ. އިސްތިސްނާވެގެންވާ ވަކި ހާލަތްތަކެއްގައި މެނުވީ ޝަރީއަތެއް ސިއްރު ކުރެވިގެންނުވާނެ ކަމާއި އެ ސަބަބުތައް ލިޔެފައިވަނީ ވެސް އެހެންވެ އެވެ. މައްސަލައިގައި ހިމެނޭ ދެ ހަސްމުން ގެނެސް ޝަރީއަތް ކުރާ ގާޒީ މައްސަލައެއް ބަލާ ހުކުމް ކުރުމަކީ އިންސާފު ލިބުން ކަމަށް މިހާރު ނުބެލެވެ އެވެ. އިންސާފު ލިބޭކަން އެހެން މީހުނަށް ކަށަވަރުވާން ވެސް ޖެހޭނެ އެވެ.

ޔާމިން މަރުގެ މައްސަލައިގައި ކޮށްފައިވާ ދައުވާއާ ގުޅިގެން ކުރާ ޝަރީއަތްތައް އަޑުއަހަން ޔާމިންގެ އާއިލާ އާއި ނޫސްވެރިންނާއި އަދި އެހެނިހެން މީހުން ވަންނަން ބޭނުންވަނީ އެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުވާން ޖެހޭނެ ކަމަށް ގަބޫލު ކޮށްގެނެއް ނޫނެވެ. ނަމަވެސް  އޭގެ އެއް ބޭނުމަކަށް ވާނީ ދައުލަތުން ކޮށްފައިވާ ދައުވާގައި ފުލުހުންނަށް ހޯދުނު އެއްޗަކީ ކޮބައިތޯ އާއި ފުލުހުން ކޮށްފައިވާ މަސައްކަތް ބަލާލުމެވެ. އަދި ދައުލަތުން އެމީހުންނާ ދެކޮޅަށް ހުރި ހެކިތަކާއި ގަރީނާތައް ވަޒަންކޮށްފައިވާ މިންވަރާއި އަދި އެ މައްސަލާގައި ހުށަހަޅާފައިވާ ހެކިތައް ވެސް ބަލާލުމުގެ ބޭނުމުގަ އެވެ. އަދި ހުކުމް އަންނާނީ އޭގެ ފަހުން ކަމަށްވާތީ ހުކުމާ ހިސާބަށް ވާސިލް ވުމާ ހަމައަށްވެސް ޝަރީއަތުގެ އަޑުއެހުންތައް ބަލާލުމުގެ އެންމެ ބޮޑު ބޭނުމަކީ މިއީ އެވެ. އިންސާފުވެރި ވިސްނުމަކުން ވިސްނާ މީހަކަށް އެ ހިސާބުން ކޮންމެ ހުކުމެއް ކުރި ނަމަވެސް އެ ހުކުމާމެދު މާ ބޮޑު ޝަކުވާއެއް ނުކުރާނެ އެވެ.

އެހެން ނަމަވެސް މި ގޮތަށް އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރޭ ގޮތަކަށް ޝަރީއަތް ސިއްރު ކުރުމުން ފެންނާނީ މައްސަލައިގައި ގާޒީ ކޮށްފައިވާ ހުކުމެވެ. ސާބިތު ނުވި ނަމަ ނުވީ ކީއްވެ ކަމެއް އަދި ދައުލަތުން ހުށަހަޅި ހެކިތަކަކީ ކޮބައިކަމެއްވެސް މީހުނަކަށް ނޭނގޭނެ އެވެ.

ރަހްމު ކުޑަ ގޮތެއްގައި މަރާލެވިފައިވާ ބައެއް މީހުންގެ މަރުގެ މައްސަލަތަކުގެ ޝަރީއަތްތައް މީގެ ކުރިންވެސް ހުޅުވާލެވިގެން ކުރިއަށް ގެންގޮސްފައިވާއިރު ޔާމިން ރަޝީދުގެ މަރުގެ މައްސަލަ މިހާ ސިއްރުކުރަން ޕީޖީ އޮފީހުން އެދެންވީ ސަބަބެއް ނޭނގެ އެވެ. އޭގެ ސަބަނުން ޔާމިން ރަޝީދުގެ މަރުގެ މައްސަލަ ދައުލަތުގެ ބައެއް މުވައްސަސާތަކުން ސިއްރުކޮށް ފޮރުވަން އުޅޭ ކަމަށް ތުހްމަތު ކުރުމުގެ ފުރުސަތު އިންތިހާއަށް އެބަ ލިބިގެންދެ އެވެ. އާއިލާއިން އެދެނީ އެ ޝަރީއަތުގެ އަޑުއެހުންތައް ދާގޮތް ބަލާލުމަށެވެ. ނޫސްވެރިން ބޭނުންވާނީ އެހަބަރު އާންމުންނަށް ގެނެސްދިނުމެވެ. ޕީޖީ އޮފީހުގެ ދައުރަކަށް ވާންވާނީ ދައުލަތުގެ މަސްލަހަތާ އެއްގޮތައް ކުރިއަށް ގެންދާކަން ކަށަވަރުކުރުމުގެ އިތުރުން އެކަން ދައްކަދިނުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް