ރަނގަޅު ފެންވަރަކަށް ހަދާ ތަރައްޤީ ކޮށްފައިވާ މާގިރި ހޮޓެލްގައި އެއްމަސް ދުވަހަށް ދެމިގެންދާ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މާގިރި ހޮޓެލްގެ އިވެންޓްސް ކޯޑިނޭޓަރ މަލްސާ ގަފޫރް ވިދާޅުވީ ޕްރޮމޯޝަން ދެމިގެންދާނީ މެއި މަހުގެ 19 ވަނަ ދުވަހާއި ހަމައަށް ކަމަށާއި ހޮޓެލް ހުޅުވުމާއި ދިމާކޮށް ފަށާފައިވާ ޕްރޮމޯޝަންގެ މަޤްސަދަކީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި އެ ހޮޓެލްގެ ފަރު ރެސްޓޯރެންޓުގެ އަޖުމަ ބަލާލުމުގެ ފުރުސަތު ހުޅުވާލުން ކަމަށެވެ.
މި ޕްރޮމޯޝަންގެ ދަށުން ހެނދުނުގެ ނާސްތާ އާއި މެންދުރުގެ ކެއުން ހެޔޮ އަގެއްގައި ލިބިގެންދާނެއެވެ. އެގޮތުން ހެނދުނުގެ ނާސްތާ 07:30 އިން ފެށިގެން 11:30 އަށް 150 ރުފިޔާއަށް ލިބިގެންދާއިރު މެންދުރުގެ ކެއުން 12:00 އިން ހަވީރު 03:00 އަށް 180 ރުފިޔާއަށް ލިބިގެންދާނެއެވެ.
މީގެ އިތުރުން މާގިރި ހޮޓެލްގެ ޕީކް ރެސްޓޯރެންޓް މިއަދު ވަނީ ރަސްމީކޮށް ހުޅުވާލާފައެވެ. މި ރެސްޓޯރެންޓް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހަވީރު 04:00 ން މެންދަމު 12:00 ހަމައަށެވެ. އަދި ޕީކް ރެސްޓޯރެންޓުން އެކި ވައްތަރުގެ ޕޭސްޓްރީއާ ރޭގަނޑުގެ ކެއުން ލިބިގެންދާނެއެވެ.
މާގިރި ހޮޓެލަކީ ކްރައުން ކޮމްޕެނީ އާއި ލިލީ ހޮޓެލްސް ގުޅިގެން ތަރައްޤީ ކޮށްފައިވާ ތަނެކެވެ. ނުވަ ބުރީގެ މި ހޮޓަލުގައި ހަތަރު ކެޓަގަރީއެއްގެ ޖުމްލަ 52 ކޮޓަރި ހުރެއެވެ. އޭގެ ތެރޭގައި އެގްޒެކެޓިވް ހަ ކޮޓަރި އާއި ޖޫނިއާ ހަ ސުއިޓް އާއި ޕްރެމިއާ 20 ކޮޓަރީގެ އިތުރުން އޯޝަން ވިއު 20 ކޮޓަރި ހިމެނެއެވެ.
މާގިރި ހޮޓެލް ހުޅުވާފައިވަނީ އޭޕްރިލް 13 ވަނަ ދުވަހުއެވެ.