2018 ވަނަ އަހަރުގެ މާރޗް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2017 ވަނަ އަހަރުގެ މާރޗް މަހާއި އަޅާބަލާއިރު ވަނީ 18.5 ޕަސަންޓް އިތުރުވެ، އަހަރުގެ ފުރަތަމަ ތިންމަސް ނިމުނުއިރު ރާއްޖޭގެ ފަތުރުވެރިކަމަށް 17 ޕަސަންޓްގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މާރޗް މަހު ރާއްޖެއަށް 133,466 ފަތުރުވެރިން ޒިޔާރަތްކޮށް މާރޗް މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ 420,103 އަށް އަރާފައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 10 މާރކެޓް:
ފަތުރުވެރިން ޒިޔާރަތް ކުރި ޤައުމުތައް | އިންސައްތަ |
ޗައިނާ | 17.3% |
އިޓަލީވިލާތް | 9.9% |
ޖަރުމަނުވިލާތް | 7.8% |
އިނގިރޭސިވިލާތް | 7.8% |
ރަޝިއާ | 5.8% |
ފަރަންސޭސިވިލާތް | 5% |
އިންޑިއާ | 4.6% |
ޔޫއެސްއޭ | 2.7% |
ސްވިޒަރލޭންޑް | 2.6% |
ޖަޕާން | 2.5% |
ރަޝިއާ، އިޓަލީ، ފްރާންސް އަދި ޖަރުމަންވިލާތުން 2018 ވަނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން އެ މުއްދަތުގައި ރަޝިއާ އިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 32.7 ޕަސަންޓް އިތުރުވެފައިވާއިރު އިޓަލީވިލާތުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 25 ޕަސަންޓަށް އިތުރުވެ، ފްރާންސްއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 23.7 ޕަސަންޓް އަދި ޖަރުމަންވިލާތުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 22 ޕަސަންޓް ވަނީ އިތުރުވެފައެވެ.
މީގެ އިތުރުން ޔޫއެސްއޭ، އިންޑިއާ އަދި އިނގިރޭސިވިލާތުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު ޖަޕާނުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް ވަނީ މިއަހަރުގެ ފުރަތަމަ ތިން މަހު އިތުރުވެފައެވެ. އެހެންނަމަވެސް މިއަހަރުގެ މާރޗް މަހު ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށްވުމާއެކު، މާރޗްމަހުގެ ނިޔަލަށް އެ ޤައުމުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ -0.8 އަށް ދަށްވެފައެވެ.
މިއަހަރުގެ މާރޗް މަހު ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ 41,894 އެނދުގެ ތެރެއިން އެވްރެޖްކޮށް 40,893 އެނދު ވަނީ އޮޕަރޭޓް ކުރެވިފައެވެ.
މިއަހަރުގެ މާރޗް މަހުގެ ނިޔަލަށް ތައްޔާރުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 56.8 ޕަސަންޓް ހިއްސާއާއެކު ޔޫރަޕްގެ ޤައުމުތަކުންނެވެ. އަދި ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 35.1 ޕަސަންޓްގެ ހިއްސާއަކާއެކު އޭޝިއާ ފެސިފިކް ސަރަހައްދުތަކުންނެވެ.
ޓޫރިޒަމް މިނިސްޓްރީން އިތުރަށް ބުނީ ކުރިއަށް އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ލޯ ސީޒަންކަމުގައިވާތީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްނުވެ، އެ ނިސްބަތުގައި ހިފެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅިގެން މިނިސްޓްރީން ކުރަމުންދާނެ ކަމަށެވެ.