ކެންޓަރ ވޯލްޑްޕެނަލް ކުންފުނިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މި އަހަރު އިނގިރޭސި ވިލާތުގައި ދޮޅުމަސް ދުވަހުގެ ތެރޭގައި ޖުމްލަ 8.97 ބިލިއަން ޑޮލަރު ކޮފީ ބުއިމަށް އާންމުން ހަރަދުކޮށްފައިވެއެވެ.
ކެންޓަރ ވޯލްޑްޕެނަލް ކުންފުންޏަކީ ތަކެތި ގަތުމަށް އާންމުން ޚަރަދު ކުރާ މިންވަރު ބެލުމަށް ފަހު ވިޔަފާރީތައް ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ކުންފުންޏެކެވެ. އެ ކުންފުނިން ހެދި ދިރާސާ އިން ދައްކާ ގޮތުގައި ޔޫކޭގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހާ ހަމައަށް 930 މިލިއަން ލާޓޭ ކޮފީ ވިކިފައިވެއެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން ވިކިފައި ވަނީ 800 މިލިއަން ކަޕަޗީނޯ ކޮފީއެވެ.
ދިރާސާ އިން އިތުރަށް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހު ފްލެޓް ވައިޓް ކޮފީ ބުއި މީހުންގެ އަދަދު ވަނީ އެ ޤައުމުގައި 56 ޕަސަންޓް އިތުރުވެފައެވެ.
އިންޓަނޭޝަނަލް ކޮފީ އޯގަނައިޒޭޝަން (އައިސީއޯ) އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުނިޔޭގައި އެންމެ ގިނައިން ކޮފީ އުފައްދާ 10 ޤައުމުތަކުގެ ތެރެއިން އެންމެ ގިނައިން ކޮފީ އުފައްދާފައިވާ ޤައުމަކީ ބްރެޒިލްއެވެ. އެ ޤައުމުން ވަނީ މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް 60 ކިލޯގްރާމްގެ 51 މިލިއަން ބަސްތާގެ ކޮފީ އުފައްދާފައެވެ. އަދި ދުނިޔޭގެ ދެވަނަ އަށް އެންމެ ގިނައިން ކޮފީ އުފައްދާ ޤައުމަކީ ވިއެޓްނާމްއެވެ. މީގެ އިތުރުން އިންޑިއާ އިން 60 ކިލޯގްރާމްގެ 5.8 މިލިއަން ބަސްތާ ކޮފީ އުފައްދާފައިވާއިރު ހޮންޑިއުރަސް އިން 8.3 މިލިއަން ބަސްތާ ކޮފީ ވަނީ އުފައްދާފައެވެ.
މީގެ އިތުރުން އައިސީއޯ އިން ހެދި ދިރާސާ އިން ދައްކާ ގޮތުގައި 2016 ވަނަ އަހަރު އިނގިރޭސިވިލާތުގައި ކަސްޓަމަރުން ވަނީ ކޮފީ ބުއިމަށް ކޮންމެ ބުރަކަށް އެވަރެޖްކޮށް 16.29 ޑޮލަރު ހަރަދުކޮށްފައެވެ.
ރިސާޗް ގްރޫޕް، އަލެގްރާ ސްޓްރެޓެޖީޒްގެ މިދިޔަ އަހަރުގެ ރެކޯޑްތައް ދައްކާ ގޮތުގައި ޔޫރަޕްގެ ގައުމުތަކުގައި 22،700 ބްރޭންޑެޑް ކޮފީ ޝޮޕްތައް ހިންގާއިރު، އެމެރިކާގައި އެކަނި 27،900 ކޮފީ ޝޮޕް ހިންގައެވެ.