ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު އުރީދޫގެ މަސް ރޭހުގެ ކޮލިފައިން ބުރު މިފަހަރު އަތޮޅު ތެރޭގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
މި މަސް ރޭސް ލޯންޗުކޮށްދެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޝާހް އިސްމާއިލެވެ.
މި ރަސްމިއްޔާތުގައި އަންގާރަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް ޙުސައިން ނިޔާޒް ވިދާޅުވީ މިފަހަރުގެ މަސް ރޭސް ހުޅުވާލާފައި ވަނީ ކުންފުނިތަކާއި މިނިސްޓްރީތަކުގެ އިތުރުން ރިސޯޓުތަކަށް ކަމަށެވެ. އަދި ކުންފުނިތަކުން ބައިވެރިވާ ޓީމުތަކުގައި އަންހެން ބޭފުޅުން ހިމެނުމަކީ މަޖުބޫރު ކަމެއް ކަމަށާއި ރިސޯޓުތަކުން ޓީމް އެކުލަވާލާއިރު ބިދޭސީންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިފަހަރުގެ މަސް ރޭސް ވަރަށް ކުލަގަދަ ގޮތަކަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މަސް ރޭހުގައި ބައިވެރިވުމުގެ ޝަރުތުތަކާއި ވަނަ ވަނަ އަށްދާ ފަރާތްތަކަށް ލިބޭ އިނާމުތަކަކީ ކޮބައިކަން ވަރަށް އަވަހަށް އެ ކުންފުނިން ހިއްސާ ކުރާނެ ކަމަށް އޫރީދޫ އިން ވަނީ ބުނެފައެވެ.
އަތޮޅު ތެރޭގައި ކޮލިފައިން ބުރު ބާއްވާއިރު އެ ރަށްތަކުގައި ކުޑަކުދިންގެ ހަވީރުތައް އުރީދޫގެ ފަރާތުން ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި މި ފަހަރުގެ ރޭސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ބުރަށް ބަހާލައިގެންނެވެ.
މިއީ އުރީދޫ އިން ބާއްވާ އަށްވަނަ މަސް ރޭހެވެ. އުރީދޫ އިން މަސް ރޭސް ބާއްވަނީ ކޮންމެ ރޯދަމަހާ ދިމާކޮށެވެ. ނަމަވެސް ފާއިތުވި ދެ ރޯދަ މަހު މުބާރާތް ބާއްވާފައެއް ނުވެއެވެ.