ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާންގެ ނެޓްފްލިކްސް ޑްރާމާ ސީރީޒް ސެކްރެޑް ގޭމްސް ނެޓްފްލިކްސް އިން ފެންނާނީ މިއަހަރުގެ ޖޫން މަހުގެ 6 ގައެވެ.
މި ފިލްމަކީ ދެހާސް ހަވަނަ އަހަރު ލިޔުންތެރިޔާ ވިކްރަމް ޗަންދްރާ ލިޔެފައިވާ ވާހަކަ ސެކްރެޑް ގޭމްސްގެ ނަމުގައި ނެރެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ވާހަކައެކެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އަނޫރާގް ކެޝަޕް އަދި ވިކްރަމަތަދިޔާ މޮޓްވާނޭއެވެ.
ކުށުގެ ވެއްޓެއް ކޮންޓްރޯލް ކުރާ ފުލުހެއްގެ ވާހަކަ ދައްކުވައިދޭ މިފިލްމުގައި ފުލުހެއްގެ ގޮތުގައި ފެނިގެންދަނީ ސައިފްއެވެ.
މިސީރީޒްގައި ސައިފާ އެކު ފެނިގެންދާނީ ނަވާޒުއްދީން ސިއްދީގީ އާއި ރާދިޕާ އަޕްޓޭއެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަންގައި ދެއްކުމަށް ނިންމާފައިވަނީ އަށް އެޕިސޯޑެވެ. މި ސީރީޒް އާއި ބެހޭގޮތުން ސައިފް ބުނެފައި ވަނީ ނެޓްފްލިކްސްއާ އެކު މަސައްކަތްކޮށްލަން ލިބުމަކީ އާ ތަޖުރިބާއެއް ކަމަށެވެ.
ނެޓްފްލިކްސް އިން އަންނަނީ މަޝްހޫރު ފަރާތްތަކާއި ގުޅިގެން ވެބް ސީރީޒްތައް ގެނެސްދެމުންނެވެ. އެގޮތުން އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރ/ޕްރޮޑީއުސަރ ކަރަން ޖޯހަރާއި ގުޅިގެން ވެބް ސީރީޒްއެއް ގެނެސްދިނުމަށް ނިންމާފައިވާއިރު މަޝްހޫރު އެކްޓަރ ޝާހުރުކް ޚާނާއި ގުޅިގެން ވެސް ވަނީ ވެބް ސީރީޒް ގެނެސްދިނުމަށް ނިންމާފައެވެ. މީގެ އިތުރުން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއި ނެޓްފްލިކްސް އާއި ގުޅިގެން ވަރަށް އަވަހަށް ވެބް ސީރީޒްގެ މަސައްކަތް ފަށާނެ ކަމަށް ޚަބަރުތައް ވަނީ ބުނެފައެވެ.
ޝާހްރުކް ހާންގެ ރެޑް ޗިލީޒް އާއި ކަރަން ޖޯހަރްގެ ދަރްމާ އާއި އަނިކް ކަޕޫރާ ގުޅިގެން ވެސް ވެބް ސީރީޒްތަކެއް ގެނެސް ދޭން ނެޓްފްލިކްސް އިން ވަނީ ނިންމައިފަ އެވެ.