ދެހާސް އެއް ވަނަ އަހަރު ރިލީޒް ކުރި ކަރަން ޖޯހަރުގެ ކާމިޔާބު ފިލްމު ކަބީ ޚުޝީ ކަބީ ގަމްގެ ސީރީޒްއެއް އުފެއްދުމަށް މަޝްހޫރު ސީރީޒް އުފެއްދުންތެރިޔާ އެކްތާ ކަޕޫރު ނިންމައިފިއެވެ.
އިންޑިއާގެ މުނިފޫހި ފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ ޓެލީޗައްކަރުއިން ރިޕޯޓު ކުރާ ގޮތުގައި އެކްތާ މިހާރު ވަނީ ފިލްމު ކަބީ ޚުޝީ ކަބީ ގަމްގެ މައްޗަށް ސީރީޒްއެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
ކަބީ ޚުޝީ ކަބީ ގަމްގެ ފިލްމުން ފެނިގެން ގޮސްފައިވަނީ ޝާހުރުކް ޚާން، އަމީތާބް ބައްޗަންއާއި ޖާޔާ ބައްޗަން، ކާޖޮލް އަދި ކަރީނާ ކަޕޫރާއި ރިތިކް ރޯޝަންއެވެ. ބޮޑު ކާމިޔާބެއް ލިބުނު މި ފިލްމުގެ ސީރީޒްގެ ކާސްޓުން މިހާރު ނަގާފައިވާ ކަމަށާއި ސީރީޒް ދެއްކުމަށް ޓީވީ ޗެނަލް ސޮނީ އެންޓަޓައިންމަންޓް ޓެލެވިޒަން އާއި އެކްތާ މިހާރު ވާހަކަ ދައްކަމުން އަންނަ ކަމަށް ޚަބަރުތައް ބުނެއެވެ. ބެލެވޭ ގޮތުގައި މި ސީރީޒްވެސް ވެގެން ދާނީ ފިލްމާއި އެއްގޮތަށް "ފެމެލީ ޑްރާމާ" އަކަށެވެ.
އެކްތާ މިހާރުވެސް އަންނަނީ މިއަހަރު އަލަށް ފެށުމަށް އާ ސީރީޒްއާއިގެން މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއަހަރު އޭނާ ނެރޭނެ އާ ސީރީޒް އަދި ކުރިން އޭނާ ނެރެފައިވާ، ސްޓާޕްލަސް އިން 2001 އިން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ގެނެސްދިން ސީރީޒް ކަމަށްވާ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ސީޒަނެއް މިއަހަރު އޭނާ ބެލުންތެރިންނަށް ގެނެސްދޭނެއެވެ. އަދި މީގެ އިތުރުން ސުޕަނެޗުރަލް ކަންތައްތަކެއް ދައްކުވައިދޭ ސީރީޒް ކަމަށްވާ ނާގިންގެ ތިންވަނަ ސީޒަންވެސް މިއަހަރު ދައްކަން ފަށާނެއެވެ. މި ސީރީޒް ވެފައިވަނީ 2015 ވަނަ އަހަރުން ފެށިގެން ޓެލެވިޒަން ރޭޓިން ޕޮއިންޓްސް (ޓީއާރުޕީ) ގެ އެންމެ ކުރި ހޯދަމުންއަންނަ ސީރީޒްއަށެވެ.
އިންޑިއާގެ ޕްރޮޑިއުސަރުންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ތާއީދު ލިބިފައިވާ ޑްރާމާ ސީރީޒްތައް ޕްރޮޑިއުސް ކޮށްފައިވާ އެކްތާ ވަނީ ވަރަށް މަގުބޫލް ސިލްސިލާތަކެއް ބެލުންތެރިންނަށް ގެނެސް ދީފައެވެ. އޭނާ ސްޓާޕްލަސްއަށް ޕްރޮޑިއުސްކޮށްދިން "ކިޔޫންކީ ސާސް ބީ ކަބީ ބަހޫ ތީ" އާއި "ކަހާނީ ގަރް ގަރް ކީ"، "ކަސައުޓީ" ވެގެންދިޔައީ އެންމެން ބަލައިގަންނަ ޕްރޮޑިއުސަރަށް އޭކްތާ ވުމަށް މެދުވެރި ސަބަބަށެވެ.