ކ. މާލެ
|
9 އޭޕްރިލް 2018 | ހޯމަ 10:51
އަނުޝްކާ ޝަރުމާ
އަނުޝްކާ ޝަރުމާ
ގޫގުލް
އަނުޝްކާ
އަނުޝްކާ އަށް ދާދާސާހެބް ޕަލްކޭ އެވޯޑް ދެނީ
އަނުޝްކާ ދަނީ ފިލްމު ކުޅުމުގެ އިތުރުން އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއްވެސް ހިންގަމުން

މުނިފޫހި ފިލުވުމުގެ ދާއިރާއިން އިންޑިއާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ދާދާސާހެބް ޕަލްކޭ އެވޯޑް ފިލްމީތަރި އަނުޝްކާއަށް ދިނުމަށް ނިންމައިފިއެވެ.

އަނުޝްކާއަށް ދާދާސާހެބް ޕަލްކޭ އެވޯޑް ދިނުމަށް ނިންމާފައިވަނީ އޭނާ އިންޑިއާގެ ފިލްމީ ދާއިރާއަށް ދެމުންދާ ޚިދުމަތްތަކާއި ގުޅިގެންނެވެ. އަނުޝްކާ ދަނީ ފިލްމު ކުޅުމުގެ އިތުރުން އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއްވެސް ހިންގަމުންނެވެ. އަނުޝްކާ އާއި އޭނާގެ ކޮއްކޮ ކަރްނޭޝް ޝަރްމާ ހިއްސާވާ ކުންފުންޏަށް ކިޔަނީ ކްލީން ސްލޭޓް ފިލްމްސްއެވެ.

މީގެ ކުރިން ކްލީން ސްޓޭލް ފިލްމްސް އިން ވަނީ ތިން ފިލްމެއް އާންމުކޮށްފައެވެ. އެއީ 2015 ވަނަ އަހަރު ނިކުތް ކާމިޔާބު ފިލްމު "އެންއެޗް10" އާއި މިދިޔަ އަހަރު ނިކުތް ފިލޯރީ އަދި މިއަހަރު ނެރުނު ޕަރީއެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު ތިން ފިލްމެއް ޕްރޮޑިއުސް ކުރާނެކަން އެ ޕްރޮޑަކްޝަން ހައުސް އިން ވަނީ އިއުލާންކޮށްފައެވެ.

2008 ވަނަ އަހަރު ނިކުތް ރަބް ނޭ ބަނާދީ ޖޯޅީއިން ފިލްމީ ކެރިއަރ ފެށި އަނުޝްކާ އަންނަނީ ބޮލީވުޑްގައި ފިޔަޖަހަމުންނެވެ. އޭނާ މިހާތަނަށް ކުޅެފައިވާ ގިނަ ފިލްމު ތަކަކީ މަގުބޫލު ފިލްމުތަކެވެ.

އަނުޝްކާ ދެން އެންމެ އަވަހަށް ސްކްރީނުން ފެނިގެން ދާނީ ޖޫން 29 ގައި ރިލީޒް ކުރާ ސަންޖޭ ދަތުގެ ބައޮޕިކުންނެވެ. މިއަހަރު ތެރޭގައި އޭނާ ފެނިގެންދާ އިތުރު ފިލްމު ތަކުގެ ތެރޭގައި ސެޕްޓެމްބަރު 28 ގައި ރިލީޒް ކުރާ "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އަދި ޑިސެމްބަރު 21 ގައި ރިލީޒް ކުރާ "ޒީރޯ" ހިމެނެ އެވެ.

- ކޮމެންޓް