މީގެ 20 އަހަރު ކުރިން 1998 ވަނަ އަހަރު ސަލްމާން ޚާން ކުޅެފައިވާ ފިލްމު "ހަމް ސާތު ސާތު ހޭ" ގެ މަންޒަރުތަކެއް ނަގަން އުޅުމުގެ ތެރޭގައި ހިމާޔަތް ކޮށްފައިވާ ފުއްލާގެ ވައްތަރެއް ކަމަށްވާ ބްލެކްބަކް ކިޔާ ޖަނަވާރެއް މަރާލުމުގެ ކުށް ސާބިތުވެ ބުރާސްފަތި ދުވަހު ޖަލަށްލި ބޮލީވުޑްގެ ތަރި ސަލްމާން ޚާން ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.
ބުރާސްފަތި ދުވަހު ޖޯދުޕޫރުގެ ކޯޓުން ވަނީ ސަލްމާންގެ މައްޗަށް އެކުށް ސާބިތުވާ ކަމަށް ހުކުމްކޮށް 5 އަހަރުގެ ޖަލުގެ ހުކުމެއް ކޮށްފައެވެ.
ކަފާލާތުގެ ދަށުން ދޫކޮށްލެވުން ދެ ފަހަރެއްގެ މަތިން ކޮންމެ ފަހަރަކު 50000 ރުޕީސް ސަލްމާން ދައްކަންޖެހޭނެއެވެ.
ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ސަލްމާންގެ މައްޗަށް ކޮށްފައި ވަނީ 10،000 ރުޕީސް އިން ސަލްމާން ޖޫރިމަނާ ކުރުމަށެވެ.
ބްލެކްބަކްގެ ގަޔަށް ބަޑިޖަހާ މަރާލާފައި ވަނީ ސަލްމާން ޚާން ކަމަށް އެ ހާދިސާ ހިނގި ކަމަށް ބުނާ ވަގުތު ސަލްމާން ދުއްވި ވެހިކަލްގެ ޑްރައިވަރު އަދި މި މައްސަލައިގެ އެންމެ މުހިއްމު ހެކިވެރިޔާ ހަރީޝް ދުލާނީ ވަނީ ބުނެފައެވެ.
ސަލްމާން އެ ޖަނަވާރުންގެ ގަޔަށް ބަޑިޖެހިތަން ފެނުނު ކަމަށް ބުނެ ބަޔާން ދީފައި ވަނީ ވެސް ހަރީޝްއެވެ.
ހަމަ އެފަހަރު ވަނީ ސަލްމާންއަށް އެހެން ދައުވާއެއް ވެސް ކޮށްފައެވެ. އެއީ ހިމާޔަތްކުރެވިފައިވާ ދެ ޖަނަވާރެއް ޝިކާރަކުރިކަމުގެ ދައުވާއެވެ. އެހެން ނަމަވެސް އެ ދައުވާ ސަލްމާންގެ މައްޗަށް ސާބިތު ވެފައެއް ނުވެއެވެ.
ސަލްމާނާ އެކު 1998 ވަނަ އަހަރު "ހަމް ސާތު ސާތު ހޭ" ގެ މަންޒަރުތަކެއް ނަގަން އުޅުނީ ފިލްމީ ތަރި ސައިފް އަލީ ޚާން އާއި، ތާބޫ، ސޮނާލީ ބެންދްރޭ އަދި ނީލަމްއެވެ. އެމީހުން ވަނީ މިދައުވާތަކުން ސަލާމަތްވެފައެވެ.
މީގެ ދެއަހަރު ކުރިން ވެސް ވަނީ ސަލްމާން ހާން ދުއްވި ކާރަކުން ޖެހި، މީހަކު މަރުވި މައްސަލާގައި ފަސް އަހަރަށް ޖަލަށް ލާން އޭނާގެ މައްޗަށް ހުކުމް ކޮށްފައެވެ. އެހެން ނަމަވެސް ބޮމްބޭ ހައި ކޯޓުން ވަނީ ސަލްމާން ހާންގެ މައްޗަށް ދަށު ކޯޓުން ހިންގި ޝަރީއަތަކީ ފުރިހަމަ ޝަރީއަތެއް ނޫން ކަމަށް ބުނެ، އެ ހުކުމް ބާތިލް ކޮށްފައެވެ.