ސިޔާސީ ފިއްތުންތައް ހުއްޓާލައި ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލައިފިއެވެ.
އިދިކޮޅު ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކަށް އެކި ތުޙުމަތުތައްކޮށް ޖަލަށްލާ އަނިޔާދެމުން ގެންދަނީ، ސަރުކާރުން ހިންގާ ވައްކަންތަކާއި ކޮރަޕްޝަނާއި، ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމުގެ ގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފަށާފައިވާ އިސްލާޙީ މަސައްކަތް ހުއްޓުވުމުގެ ބޭނުމުގައި ކަމަށެވެ. އަދި ސަރުކާރުން ހިންގާ ޣައިރު ޤާނޫނީ ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
ދިވެހި ރާއްޖޭގެ ފަނޑިޔާރުންނަށް ސީދާ ޤާނޫނު އަސާސީ އާއި ޚިލާފަށް ބިރުދެއްކުން ހުއްޓާލައި، ޣައިރު ޤާނޫނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރަހީނުކޮށް ޤާނޫނާއި ޚިލާފަށް މުއްދަތު ޖަހައި ބަންދުކޮށްފައިވާ އެންމެހާ ފަރާތްތައް ވަގުތުން ދޫކޮށްލައި، ފެބްރުއަރީ އެއްވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާޤުން ނެރުއްވާފައިވާ އަމުރު މިހާރުން މިހާރަށް ތަންފީޒު ކުރުމަށް ވެސް ބަޔާނުގައިވެއެވެ.
މީގެ އިތުރުން ސިޔާސީ ސަބަބުތަކަށްޓަކައި ހައްޔަރުކޮށްފައިވާ ފަރާތްތައް ބަންދުން މިނިވަންކޮށް ވަގުތުން ދޫކޮށްލުމަށް ރައީސް ޔާމީންގެ ސަރުކާރަށް ގުޅިފައިވާ ޕާޓީތަކުން ވަނީ ގޮވާލާފައެވެ.
ދައުލަތުގެ މުއައްސަސާތަކުން ޣައިރު ޤާނޫނީ އަމުރުތަކަށް ތަންފީޒު ނުކުރުމަށާއި ސަލާމަތީ ޚިދުމަތްތަކުގެ އެއްވެސް ފަރާތަކުން ޣައިރު ޤާނޫނީ އަމުރަށް ތަބާނުވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލާފައެވެ.
ސަރުކާރުން ހިންގާ ޣައިރު ޤާނޫނީ ކަންކަމާއި ދެކޮޅަށް ޤާނޫނީ އިމުގެ ތެރެއިން ހިތްވަރާއެކު އަޑު އުފުއްލަމުން ގެންދަވާ ފަރާތްތަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ޝުކުރު އަދާކޮށް، ސާބިތުކަންމަތީ ދެމިތިބުމަށް އިލްތިމާސް ކޮށްފައެވެ.