މިދިޔަ ހުކުރުދުވަހުގެ ރޭ ރިލީޒްކޮށްފައިވާ ޓައިގާ ޝްރޮފްގެ "ބާގީ 2" އަށް ހަފްތާއެއްގެ ތެރޭގައި 100 ކުރޯޑް އިންޑިއަން ރުޕީސް ލިބިއްޖެއެވެ.
މިއީ ޓައިގާގެ ފިލްމަކަށް 100 ކުރޯޑް އިންޑިއަން ރުޕީސް ލިބުނު ފުރަތަމަ ފަހަރެވެ. މިފިލްމަށް 100 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައި ވަނީ ފިލްމު ރިލީޒް ކުރިތާ ހަ ދުވަހުގެ ތެރޭގައެވެ. ޓައިގާ މި ފިލްމުގައި ދައްކުވައިދީފައިވާ މޮޅު އެކްޓިންއަށް ބޮލީވުޑްގެ ތަރިން ވަނީ ތައުރީފުކޮށްފައެވެ. ޓައިގާ ވަނީ މި ފިލްމަށް ތައްޔާރުވުމަށް އެއް މަސް ދުވަހުގެ ސްޓަންޓެއް ވެސް ހަދާފައެވެ. ޓައިގާ އަށް ތައުރީފު ކޮށްފައިވާ ބޮލީވުޑްގެ ތަރިންގެ ތެރޭގައި ގިނަ އެކްޝަން ފިލްމުތަކުން ފެނިގެން ގޮސްފައިވާ އަކްޝޭ ކުމާރާއި ރިތިކް ރޯޝަން ހިމެނެއެވެ. އެމީހުން ބުނެފައި ވަނީ ޓައިގާއަކީ އެކްޝަން ފިލްމުތަކުގެ "ހީރޯ" ކަމަށެވެ.
"ބާގީ 2" ގައި ޓައިގާއާ އެކު ފެނިގެންދަނީ ޓައިގާގެ ލޯބިވެރިޔާ ކަމަށް ޚަބަރުތައް ފެތުރިފައިވާ އެކްޓްރެސް ދީޝާ ޕަޓާނީއެވެ. މި ފިލްމަކީ ޓައިގާ އާއި ދީޝާ ޕަޓާނީ އެކީގައި ފިލްމަކުން ފެނުނު ފުރަތަމަ ފިލްމެވެ.
ފްރަންޗައިޒެއް ކަމަށްވާ "ބާގީ"ގެ ފުރަތަމަ ފިލްމު ދައްކާފައި ވަނީ 2016 ވަނަ އަހަރުއެވެ. އެފިލްމުގައި ޓައިގާއާ އެކު ފެނިގެންގޮސްފައި ވަނީ ޝްރައްދާ ކަޕޫރެވެ.
ބާގީގެ ތިންވަނަ ފިލްމެއް ހަދާނެ ކަމަށް މިހާރު ވަނީ އިއުލާންކޮށްފައެވެ. އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި "ބާގީ"ގެ ތިންވަނަ ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެއެވެ. އެ ފިލްމުން ވެސް ޓައިގާ ފެނިގެންދާނެ ކަމަށް ވެއެވެ.