ކ. މާލެ
|
5 އޭޕްރިލް 2018 | ބުރާސްފަތި 18:17
މިނިސްޓަރ ސަޢީދު
މިނިސްޓަރ ސަޢީދު
ރާއްޖެ އެމްވީ
އިޤްތިޞާދީ ޙާލަތު
ވިޔަފާރިއަށް ފަހި މާޙައުލެއް ޤާއިމްކުރުމުގައި މިނިސްޓަރ ސަޢީދު ފެއިލްވެއްޖެ
ވިޔަފާރިއަށް ފަހި މާޙައުލެއް ޤާއިމްކުރާނެކަމަށް ސަރުކާރުން ބުނި
އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސްގައި ރާއްޖެ ދަނީ ފަހަތަށް ވެއްޓެމުން
އިޤްތިޞާދާއި، އިޤްތިޞާދާ ބެހޭ ވަޒީރު ވެސް ވަނީ ފެއިލްވެފައި

'އިންވެސްޓްމަންޓް'، 'ޕްރޮޖެކްޓް'، 'ލޯނު'، މިއީ މި ސަރުކާރު އެންމެ ގަޔާވާ ބައެއް ބަސްތަކެވެ. މެނިފެސްޓޯ އާއި ސިޔާސަތުތަކަށް ބަލާއިރު ވެސް މިބަސްތައް ތަކުރާރުވެފައި ހުރި މިންވަރު ގިނަކަން ފާހަގަކުރެވެއެވެ. 

އުޞޫލެއްގެ ގޮތުން ބަލާއިރު، އެއީ މައްސަލައެއް ނޫނެވެ. ރަނގަޅު ވެސް ކަމެކެވެ. އިޤްތިޞާދީ އެޖެންޑާއެއް ގެނައި ކަމަށް ބުނާ ބައެއްގެ ސިޔާސަތުތަކަށް ވާނީ ވެސް އެކަންކަމެވެ. އެހެންނަމަވެސް މައްސަލައަކަށް ވަނީ އެފަދަ ބަސްތަކެއް ވިދާޅުވެފައި ނިންމާލާތީއެވެ. ދުލަށް އައިހައި ޤައުމަކާއި ސިޓީއެއްގެ ނަން ކިޔާފައި އެތަންތަނާއި ރާއްޖެ އެއްފަދަކުރާ ފަދައިން، ހަމަ މޮޅެތި ބަސްތަކެއް ކިޔާފައި ނިންމާލާތީއެވެ.

މީގެ އެއް މިސާލަކީ ރާއްޖެއަކީ ވިޔަފާރިއަށް ފަހި މާޙައުލެއް އޮތް ޤައުމެއްގެ ގޮތުގައި ދެއްކުމަށް ސަރުކާރުން ކުރާ މަސައްކަތެވެ. ކުރާ މަސައްކަތޭ ދެންނެވުމަށް ވުރެ ރަނގަޅުވާނީ ކުރަން އުޅެ ނުކުރެވޭ މަސައްކަތޭ ދެންނެވިއްޔާ ކަންނޭނގެއެވެ. ވޯލްޑް ބޭންކުން އަހަރަކު އެއް ފަހަރު ނެރެމުންދާ 'އީޒް އޮފް ޑުއިން ބިޒްނަސް' އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ ކުރިއެރުވުމަކީ ޕީޕީއެމް އިން 2013 ވަނަ އަހަރު ވެރިކަމަށް އައި އިރު ވެސް އެބޭފުޅުން ދެކެމުން އައި ހުވަފެނެކެވެ. އިޤްތިޞާދީ ވަޒީރު މުހައްމަދު ސަޢީދު ވެސް ވަރަށް ކުރައްވަން ބޭނުންފުޅުވާ ކަމެއް ކަން ބައެއް ފަހަރު ދައްކަވާ ވާހަކަފުޅުން ހީވެއެވެ.

އެހެން ނަމަވެސް އެކަމުގައި ވެސް ސަރުކާރު ވީ ފެއިލެވެ. އިޤްތިޞާދާ ބެހޭ ވަޒީރު ވެސް އެހެންކަމުން ފެއިލްވެވަޑައިގަތީއެވެ. ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމްކޮށްދޭނެ ކަމަށް ބުނި ސަރުކާރު އައިސްގެން ވެސް 'އީޒް އޮފް ޑުއިން ބިޒްނަސް' އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ އަހަރަކަށް ވުރެ އަހަރެއް ދަނީ ދަށަށެވެ. މިއަހަރު ވެސް ރާއްޖެ އޮތީ ލިސްޓުގެ 136 ވަނައިގައެވެ. މިދިޔަ އަހަރު 135 ވަނައިގައި އޮތް އިރު 2016 ވަނަ އަހަރު ރާއްޖެ އޮތީ 128 ވަނައިގައެވެ. 2015 ވަނަ އަހަރު އޮތީ 116 ވަނައިގައެވެ. އަދި 2014 ވަނަ އަހަރާއި، ޕީޕީއެމް ވެރިކަމަށް އައި 2013 ވަނަ އަހަރު ރާއްޖެ އޮތީ 95 ވަނައިގައެވެ. 

އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސް އެކުލަވާލަން ވޯލްޑް ބޭންކުން ފެށީ 2006 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ނެރުނު އިންޑެކްސްގައި ރާއްޖެ އޮތީ 31 ވަނައިގައެވެ. 

ވިޔަފާރީ އަށް ފަހި މާހައުލެއް ޤާއިމްކުރުމަކީ ވަރަށް ގިނަ މަރުޙަލާތަކެއް، އަދި ވަރަށް ގިނަ ގުޅިފައިވާ އެހެން ކަންތައްތަކެއް ހިމެނޭ ކަމެކެވެ. ވިޔަފާރީއަށް ފަހި މާހައުލެއް ޤާއިމްކޮށް، ވިޔަފާރީކުރަން ފަސޭހަތަނަކަށް ޤައުމު ހެދުމަށް ދެމެހެއްޓެނެވި، އަދި ވަށާޖެހޭ ސިޔާސަތުތަކެއް ބޭނުންވެއެވެ. އިންސާފުވެރި ޝަރުޢީ ނިޒާމަކާއި، ކޮރަޕްޝަނާއި ދުރު އިދާރާތަކެއް ޤާއިމްވެފައި ހުންނަން ޖެހެއެވެ. ހިތަށް އެރީމާ، ހިތަށް އެރިހާ ގޮތަކަށް ދިރާސާއެއް ކުރުމެއް ނެތި ސިޔާސަތު އެކުލަވާލައިގެން، އިންސާފެއް ނެތް ޝަރުޢީ ނިޒާމަކާއި ކޮރަޕްޝަނުން ފުރިފައި އޮތް ޤައުމެއްގައި ވިޔަފާރިކުރުމަށް ފަސޭހަ މާޙައުލެއް ޤާއިމްކުރުމަކީ ފަސޭހަކަމެއް ނޫނެވެ. 

ވިޔަފާރިކުރަން ފަސޭހަ ޤައުމަކަށް ހެދުމަށް ވިޔަފާރީކުރަން ބޭނުންވާ އެންމެންނަށް ހަމަހަމަ ފުރުސަތު ލިބެން ޖެހޭނެއެވެ. ވިޔަފާރިކުރުމުގައި ސަރުކާރުގެ އިސްވެރިންނަށާއި، ސަރުކާރަށް ޚަރަދުކުރާ މީހުންނަށް އެކަނި ފަސޭހަ ގޮތްތަކެއް ހަދައިގެން އިޤްތިޞާދެއް ކުރިއަކަށް ނާރާނެއެވެ. ބޭންކްތަކުން ނުވަތަ ސަރުކާރުން ވެސް ލޯނެއް ދޭކަމަށް ވާނަމަ އެލޯނަކުން ސަރުކާރުގެ އިސްވެރިންނަށް ބައި އަޅަން ޖެހޭ ނަމަ އެޤައުމެއްގެ އިޤްތިޞާދެއް ކުރިއެއް ނާރާނެއެވެ. ސަރުކާރުގެ އިސް ބޭފުޅަކު ހިތްހަމަނުޖެހިއްޖެ ކޮންމެ ވިޔަފާރިވެރިޔަކު އިނދަޖައްސާލުމުގެ ސިޔާސަތު ގެންގުޅޭ ސަރުކާރެއް އޮވެގެންނެއް ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމެއް ނުކުރެވޭނެއެވެ.

ރައީސް ޔާމީން ބޭނުންފުޅުވަނީ ރާއްޖެ ސިންގަޕޫރު ފެންވަރަށް ތަރައްޤީކުރުމަށެވެ. މިނިސްޓަރު މުއިއްޒު ބޭނުންފުޅުވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯ ފެންވަރަށް ތަރައްޤީކުރުމަށެވެ. މިނިސްޓަރ ސަޢީދު ބޭނުންފުޅުވަނީ ސްވިޓްޒަލެންޑް ފެންވަރަށް ތަރައްޤީކުރުމަށެވެ. އެހެން ނަމަވެސް އެޤައުމުތައް ޢުމްރާނީ ގޮތުން ތަރައްޤީވެގެން ދިޔައީ އެހެން ވަރަށް ގިނަ ކަންކަން ވެސް ތަރައްޤީވެގެންނެވެ. އެކަން ސަރުކާރުގެ ވެރިން ހަނދުމަފުޅު ނެތުނީ ކަމަށް ވެދާނެއެވެ. 

ސްވިޓްޒަލެންޑާ އެއް ފެންވަރަކަށް ރާއްޖެ ގެންދަވާ ވާހަކަ މިނިސްޓަރ ސަޢީދު ދައްކަވާއިރު، ސްވިޓްޒަލެންޑްގައި ސިޔާސަތު އެކުލަވާލާ ގޮތް ދަސްކުރައްވަން އެބަޖެހެއެވެ. ސްވިސް ފެޑެރޭޝަންގެ ރައީސް ނުވަތަ ފެޑެރަލް ކައުންސިލްގެ މެމްބަރަކު މަގުމަތިން ދަތުރުކުރައްވަނިކޮށް މުދާ އުފުލާ ވެހިކަލަކާ ހެދި ޓްރެފިކް ޖޭމްވުމާ އެކު އެޤައުމުގެ އިޤްތިޞާދާ ބެހޭ ވަޒީރަށް ގުޅުއްވައި، "މިއީ ކިހާ ދެރަކަމެއްހޭ، މީގެ ފަހުން އަހަރެން މަގުމައްޗަށް ނިކުންނަ ގަޑީގައި މަގުމަތީގައި އެއްވެސް މުދާ އުފުލާ ވެހިކަލެއް ނިކުމެގެން ނުވާނެއޭ"، ވިދާޅެއް ނުވާނެއެވެ. އަދި ވެރިޔަކު އެކަހަލަ އެއްޗެކޭ ވިދާޅުވާއިރަށް އެޤައުމުގެ އިޤްތިޞާދާ ބެހޭ ވަޒީރު ތަނެއް ދޮރެއް ނުބައްލަވައި، ވިޔަފާރިތަކަށް ލިބޭނެ ގެއްލުންތަކަށް ނުބައްލަވައި، ކުއްލި ކުއްލިއަކަށް ވެރިމީހާ ރުއްސަން ވިޔަފާރީގެ ސިޔާސަތުތަކަށް ކުއްލި ބަދަލުތަކެއް ނުގެންނަވާނެއެވެ. 

އިޤްތިޞާދީ މާމޮޅު މާހިރުންތަކެއް ކަމަށް ދައުވާކުރި ސަރުކާރުގެ އިސްވެރިންނަކީ ހަމަ ހަޤީގަތުގައި ވެސް އިޤްތިޞާދީ މާހިރުންތޯ ރައްޔިތުން މިއަދު ސުވާލުކުރާނެއެވެ. ފަހަރަކު ކަމެއް ފެއިލްވަމުން ގޮސް، އިޤްތިޞާދު ފެއިލްވަމުންދާއިރު، އިޤްތިޞާދީ ތަރައްޤީއާ ހަވާލުވެވަޑައިގެން ހުންނެވި ވަޒީރު ވެސް އެހުންނެވީ ފެއިލްވެފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް