އަލްމަރުޙޫމް މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވި ސިފައިންގެ އަހަރީ ބަޑި މުބާރާތް ނިންމާލައިފިއެވެ.
މި މުބާރާތް ނިންމުމުގެ ގޮތުން ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބުރާސްފަތި ދުވަހު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް އުމަރެވެ.
މާރޗް 24 ވަނަ ދުވަހުން ފެށިގެން ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ، ބަޑި މުބާރާތުގެ އިންޑިވިޖުއަލް ކެޓަގަރީން އެންމެ މޮޅު ބަޑިޖެހުންތެރިއެއްގެ މަޤާމް ހާސިލްކޮށްފައި ވަނީ އެމްއެންޑީއެފް މާލެ އޭރިއާ ހުޅުލެޕޯސްޓްގެ ސާރޖަންޓް އަޙުމަދު ހުސައިން ދީދީއެވެ. ދެވަނަ ހާސިލްކޮށްފައި ވަނީ އެމްއެންޑީއެފް މެރިންކޯރ ހެޑްކްއޯޓަރޒްގެ ވޮރަންޓް އޮފިސަރ ޢަބްދުﷲ ޖާވިދެވެ. އަދި ތިން ވަނަ ހާސިލްކޮށްފައި ވަނީ ސްޕެޝަލް ފޯސަސްގެ ސާރޖަންޓް މުޙައްމަދު އަޝްރަފެވެ.
އެމްއެންޑީއެފްގެ ޔުނިޓްތަކުގެ މެދުގައި ކުރިއަށްގެންދިޔަ ޓީމް އިވެންޓް ފަޔަރިންތައް ކުރިއަށްދިޔައީ ދެ ގިންތިއަކަށް ބަހާލައިގެންނެވެ. އެގޮތުން ގިންތި އެކެއްގެ އެއްވަނަ ޓީމުގެ މަޤާމު ހާސިލްކޮށްފައި ވަނީ، ސްޕެޝަލް ފޯސަސްގެ ޓީމުންނެވެ. އަދި ދެވަނަ ޓީމްގެ މަޤާމް އެމްއެންޑީއެފް މާލެ އޭރިއާ ހުޅުލެ ޕޯސްޓުގެ ޓީމުން ހާސިލްކޮށްފައިވާއިރު ތިން ވަނަ ޓީމުގެ މަޤާމް ހާސިލްކޮށްފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ޓީމުންނެވެ.
މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާއި، މެޑަލް އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އާދަމް ޝަރީފް އުމަރާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާރ ޖެނެރަލް އަހްމަދު ޝާހިދުއެވެ.
މި މުބާރާތުގެ ފައިނަލްގައި ބަޑިޖަހައި އެންމެ މަތިން މާކްސް ހޯދި ބަޑިޖެހުންތެރިންގެ ޓާރގެޓްތަކުގައި ޑިފެންސް މިނިސްޓަރާއި، ޗީފް އޮފް ޑިފެންސް ފޯސް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ސޮއިކުރައްވާފައެވެ.
ސިފައިންގެ އަހަރީ ބަޑި މުބާރާތަކީ މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވަމުންގެންދާ މުބާރާތެކެވެ. އަލްމަރްޙޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކަކީ ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، އިޚުލާޞްތެރިކަމާއި ވަފާތެރިކަމާ އެކު ސިފައިންގެ ބަޑިގުދަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކުރައްވާފައިވާ އޮފިސަރެކެވެ.
މި ރަސްމިއްޔާތު ނިންމާލާފައި ވަނީ ސިފައިންގެ ލަވައިންނެވެ.