އާންމުންގެ މެދުގައި މަގުބޫލު ހޮލީވުޑްގެ ސީރީޒް ކަމަށްވާ ކުއެންޓިކޯ ދޫކޮށްލަން އެ ސީރީޒްގެ ލީޑު ރޯލުން ފެނިގެންދާ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްޅާ އެ ސީރީޒް ދޫކޮށްލަން އުޅޭ ވާހަކަތައް ދެކެވެން ފަށައިފިއެވެ.
އާންމުންގެ މެދުގައި މަގްބޫލު ކުއެންޓިކޯ ސީރީޒްގައި ޕްރިޔަންކާ އަދާކުރަނީ އެފްބީއައި އެޖެންޓް އެލެކްސް ޕެރިޝްގެ ރޯލެވެ
ކުއެންޓިކޯގެ ތިންވަނަ ސީޒަންގެ ޝޫޓިން މިހާރު ވަނީ ނިންމާފައެވެ. އަދި އެ ސީޒަން މިމަހުގެ ފަހުކޮޅު ފަށާނެއެވެ. ޚަބަރުތައް ބުނާގޮތުގައި ޕްރިޔަންކާ ކުއެންޓިކޯ ދޫކޮށްލުމަށް ނިންމާފައިވަނީ އޭނާއަށް ބޮލީވުޑްގެ ފިލްމުތަކަށް މާ ބޮޑަށް ދުރަށްދެވޭތީއެވެ. އެހެންކަމުން އޭނާ ބޮލީވުޑަށް މިދުވަސްވަރު އިސްކަން ދިނުމަށް ވަނީ ނިންމާފައެވެ.
ކުއެންޓިކޯގެ ހަތަރު ވަނަ ސީޒަންއިން ދެން ޕްރިޔަންކާ ނުފެންނާނެކަމަށް ވެސް ބައެއް ޚަބަރުތައް ބުނެއެވެ. އެހެން ނަމަވެސް ކުއެންޓިކޯގެ ތިންވަނަ ސީޒަނުން ބެލުންތެރިންގެ ތަރުހީބު ބޮޑުވެއްޖެ ކަމުގައިވާނަމަ ޕްރިޔަންކާ ހަތަރުވަނަ ސީޒަން އިން ފެނިދާނެ ކަމަށް ވަނީ ވާހަކަ ދެކެވިފައެވެ. ޕްރިޔަންކާ ވަނީ މިދިޔަ އަހަރު ނުކުތް ހޮލީވުޑްގެ ފިލްމު ބޭވޮޗްއިންވެސް ފެނިގެން ގޮސްފައެވެ.
ޕްރިޔަންކާ މިހާރު ހުރީ ކުއެންޓިކޯގެ ތިންވަނަ ސީޒަންގެ ޝޫޓިން ނިންމާލުމަށް ފަހު އިންޑިއާއަށް ގޮހެވެ. ޕްރިޔަންކާ ބޮލީވުޑްއިން ފެންނާނެ ފިލްމަކާއި ގުޅޭގޮތުން އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި އޭނާ ވަނީ ސަލްމާން ޚާންގެ ބާރަތު ކުޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެފިލްމުގެ ސްކްރިޕްޓް ކިއުމަށް ފަހު ޕްރިޔަންކާ ޝައުގުވެރިކަން ފާޅުކޮށްފައި ވީނަމަވެސް އަދި އެފިލްމު ކުޅުމަށް އޭނާ ސޮއިކޮށްފައި ނުވާ ކަމަށް ޚަބަރުތައް ބުނެއެވެ. ބާރަތު ކުޅެން ޕްރިޔަންކާ އެހާ ބޭނުން ވަނީ ދިގު މުއްދަތަކަށް ފަހު ސަލްމާން އާއި އެކު މަސައްކަތް ކުރަން ފުރުސަތު ލިބޭތީ ކަމަށް ވެސް ވެ އެވެ. އަލީ އައްބާސް ޒަފަރު ޑައިރެކްޓު ކުރާ ބާރަތު އިން ޕްރިޔަންކާ ފެނިއްޖެ ކަމުގައިވާނަމަ އެފިލްމު ވެގެންދާނީ އޭނާ 2016 ވަނަ އަހަރުގެ ފަހުން ކުޅޭ ބޮލީވުޑްގެ ފުރަތަމަ ފިލްމަށެވެ. ޕްރިޔަންކާ އެންމެ ފަހުން ފެނިގެންގޮސްފައިވާ ބޮލީވުޑްގެ ފިލްމަކީ 2016 ވަނަ އަހަރު ރިލީޒް ކުރި ޖެއި ގަންގާޖަން އިންނެވެ.