ސެން ބްރޫނޯގަައި ހުންނަ ޔޫޓިއުބްގެ ހެޑްކުއާޓަރއަށް އަންގާރަ ދުވަހު ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މިހާ އެ ހަމަލާ ދިނުމުގެ ގަޑިއިރުކޮޅެއްގެ ކުރިން އެ ސިޓީގެ ޝޫޓިންގ ރޭންޖަކަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ސީޓީގެ ފުލުހުންގެ ވެރިޔާ ވިދާޅުވީ ޔޫޓިއުބްގައި ވީޑިއޯ ޕޯސްޓްކުރަމުންދާ ނަސީމް އަގްދާމް ބޭނުންކޮށްފައިވަނީ އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ސެމީ އޮަޓަމެޓިކް ބަޑިއެއްކަމަށެވެ.
ހަމަލާއަށްފަހު ނަސީމް އަގްދާމް އަމިއްލަ ގަޔަށް ބަޑިޖަހާފައިވާރު އޭނާ މަރުވެފައިވަނީ ހާދިސާ ހިނގި ސަރަހައްދުގައެވެ.
ފުލުހުން ބުނީ ހަމަލާގެ ސަބަބެއްކަމަށް ބެލެވެނީ ޔޫޓިއުބްގެ އުސޫލުތަކާއިމެދު އަގްދާމް މާޔޫސްވީކަމަށް ކަމަށެވެ.
ކުރިން ލިބިފައިވާ ރިޕޯޓްތަކަށްބަލާއިރު ނަސީމް އަގްދާމް ގަބޫލުކުރާގޮތުން ޔޫޓިއުބުން ދަނީ އޭނާގެ ވީޑިއޯތައް ފިލްޓަރކޮށް އެ ޕްލެޓްފޯމުން އޭނާއަށް ލިބޭނެ ފައިސާ މަދުކުރަމުންނެވެ.
ބަޑީގެ ހަމަލާތަކުގައި ޒަަޚަމްވި ތިން މީހަކު ހޮސްޕިޓަލަށް ގެންދެވިފައިވާއިރު އަންގާރަ ދުވަހުގެ ރޭ ދެ މީހުންވަނީ ދޫކޮށްލާފައެވެ. އަދި ޒަޚަމްވި މީހުންގެ ތެރެއިން އުމުރުން 36 އަހަރުގެ ފިރިހެނެއްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.
"މިހާތަނަށް އާދެވުނުއިރު އަޅުގަނޑުމެންނަކަށް ފާހަގައެއް ނުކުރެވޭ އޭނާ ވަކިވަކި މީހުން ހޮވާލައިގެންކަމަކަށް ބަޑިޖަހާފައި ހުރީކީ،" ފުލުހުންގެ ވެރިޔާ ބާބެރެނީ ވިދާޅުވިއެވެ.
ފުލުހުން ބުނީ މިހާރު މަސައްކަތްކުރަމުން ދަނީ ހަމަލާގެ ސަބަބު ހޯދުމަށް އޭނާގެ ސޯޝަލް މީޑިއާ އެކަައުންޓްތަކަށް ވަނުމަށްކަމަށެވެ.
ފުލުހުން ބުނީ މިހާދިސާގައި ޝައްކު ކުރެވޭ އިތުރު މީހަކު ފެނިފައިނުވާކަމަށާއި އިތުރު މީހަކު ހޯދަމުން ނުދާކަމަށެވެ.
ނާސިމް އަގްދާމް ދިރިއުޅެމުންދަނީ ކެލިފޯނިއާގެ ސެން ޑިއޭގޯގައެވެ.
އޭނާގެ ޗެނަލް، ނަސީމީ ވޮންޑަރ، މިހާރުވަނީ ޑިލީޓް ކޮށްލާފައެވެ. ގާތްގަނޑަކަށް 5،000 އެއްހާ މީހުން ސަބްސްކަރައިބްކޮށްފައި ވާއިރު އެ ޗެނެލް މިހާރުވަނީ ޑިލީޓްކޮށްލާފައެވެ. 2017 ވަނަ އަހަރު އޭނާ ޕޯސްޓްކޮށްފައިވާ ވީޑިއޯއެއްގައި ވަނީ ޔޫޓިއުބުން އޭނާގެ ވީޑިއޯތައް ފިލްޓަރ ކުރާ ކަމަށާއި އެކަމުގެ ސަބަބުން އޭނާއަށް ލިބިންޖެހޭ ފައިސާ މަދުވެގެންދާ ކަމަށެވެ.