ސަރުކާރުން ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުދަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާދަމާ އިން ފެށިގެން ހަކުރު ކިލޯއެއް ހަތަރު ރުފިޔާއަށް ގަންނަ ލިބޭނެ ކަމަށާއި ހަނޑޫ ކިލޯއެއް 3.98 ލާރިއަށް ލިބެން ހުންނާނެ ކަމަށެވެ. އަދި ފުއްކިލޯއެއް ގަންނަ ލިބޭނީ 2.98 ލާރިއަށެވެ.
މީގެ ކުރިން ހަކުރު ކިލޯއެއް 6.80 ލާރިއަށް ވިއްކަމުން ދިޔައިރު ހަނޑޫ ކިލޯއެއް ވިއްކަމުން ދިޔައީ 6.76 ލާރިއަށެވެ. އަދި ފުށް ކިލޯއެއް ކުރިން ވިއްކަމުންދިޔައީ 6.08 ލާރިއަށެވެ.
މީގެ އިތުރުން އެ އިއުލާންގައި ބުނެފައިވަނީ ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި ކާޑުގެ ބާވަތް ވިއްކުމަށް ހަރަދުގެ ގޮތުގައި (ނާލާއި، މަޖޫރީ އަދި ފައިދާ ހިމަނައިގެން) ކިލޯއަކަށް ގިނަވެގެން އިތުރު ކުރެވޭނީ ވަކި ވަރަކަށް ކަމަށެވެ.
ހއ. ހދ. ށ ހިމެނޭ ޒޯންގައި ގިނަވެގެން އިތުރު ކުރެވޭނީ 1.02 ލާރި ކަމަށާއި ނ. ރ. ބ. ޅ. ކ. އއ. އދ. ވ. މ. ފ. ދ. ތ. ހިމެނޭ ޒޯންއަށް އިތުރު ކުރެވޭނީ 0.82 ލާރި ކަމަށެވެ. އަދި ލ. ގއ. ގދ. ޏ. ސ ހިމެނޭ ޒޯންގައި އިތުރު ކުރެވޭނީ 1.21 ލާރި ކަމަށްވެސް އިއުލާނުގައިވެއެވެ.
ސަރުކާރުން ކާޑުގެ ބާވަތްތަކުގެ އަގު 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު 100 އިންސައްތަ ބޮޑުކޮށް ސަބްސިޑީސް ކަނޑާލުމާއި ގުޅިގެން ވަރަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.